މިއީ ރާއްޖޭގެ ސިޔާސީ ޖައްވުގައި މި ދުވަސްކޮޅު ނަގޫރޯޅިއެއްހެން އެނބުރެމުންދާ ބަހުސްގެ ތެރެއިން އެންމެން ވެސް ބުނަމުން ގެންދާ ވާހަކަ އެވެ. ރާއްޖޭގެ ސިޔާސީ މައިދާން އެފުށްމިފުށަށް ޖަހާލައިގެން އުޅޭ ހޮޓް ޓޮޕިކަކީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި ދިން ޓެރަރިސްޓް ހަމަލާ އެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. މިއީ އެމެރިކާގައި ނަމަ ރައީސް އިންނަވަނިކޮށް އެއާފޯސް ވަން އަށް ހަމަލާ ދީ ގޮއްވާލުން ފަދަ ކަމެކެވެ.
މިއީ ރާއްޖޭގައި، ވެރިކަމުގައި ހުންނެވި އަދި ވެރިކަން ކުރެއްވި ފަރާތަކަށް ވެސް މިފަދަ ހަމަލާއެއް އަމާޒުކުރެވުނު ފުރަތަމަ ފަހަރެވެ. ނަމަވެސް މިހާދުވަސްވީރު މި ބޮޑު އަދި ނުރައްކާތެރި ހާދިސާ ވަރަށް ބޮޑަށް ކުޑަކޮށްފި އެވެ. ފެންނަ ފެނުމަށް މިކަން މާ ބޮޑު މައްސަލައަކަށް ވެގެން އެކަމާ ކަންބޮޑުވެގެން ބަޔަކު މީހުން އުޅޭ މަންޒަރަށްވުރެ ރައީސްގެ "ފިނިފެންމާ" ލޯންޗަށް ދިން ހަމަލާ ބައެއް މީހުންނަށް ވެފައި މި އޮތީ ސިޔާސީ ބޮޑު މަޖާގަނޑަކަށެވެ. އެހެން ވާނީ ކިހިނެއްޔެވެ؟
ފިނިފެންމާގެ ގޮވުމަކީ "މެކޭނިކަލް ފޯލްޓެއް" ނޫންކަމަށް އެކަން ބެލި ބޭރުގެ ބޮޑެތި ގައުމުތަކުގެ ތަޖުރިބާކާރުންގެ ހޯދުންތަކުން ދައްކައި އެއީ ސީދާ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއެއްކަން ކަށަވަރުވެފައިވާއިރު އެ ބޮޑު ހާދިސާ އެއް ފަރާތްކޮށް އެހެން ވާހަކަތަކަށް ހުސްވެގެން ތިބޭނެ ގޮތެއް، ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭގައި އެއްވެސް ބަޔަކަށް މިހާރަކު ނޯންނާނެ އެވެ.
މި މައްސަލައިގެ ފައިންޑިންތަކަށް ބަލައި އަސްލު ހޯދުމުގެ ތަހުގީގެއް ކޮމިޝަން އޮފް އިންކްއަރީން ކުރިޔަށް އެބަގެންދެ އެވެ. އެކަމަކު އެއް ބަޔަކު ކޮފީ މޭޒުތަކުން ހުކުމް ނެރެމުން ގެންދަނީ ވަކި މީހަކު ހައްޔަރުކޮށް އަދަބު ދިނުމަށެވެ. ވަކި މީހަކާ މިކަމާ ގުޅުމެއް ނެތް ކަމަށް ބުނަމުންމުންނެވެ.
މި ހާދިސާއަށްފަހު ވަރަށް ގިނަ މީހުން ތިބީ އިހަކަށް ދުވަހު ރޮކެޓެއްހެން އަރައިގެން ދިޔަ ނައިބު ރައީސް "ހަމަ ބިމަށް ތިރިވާނެ" އިރަކަށް ބަލައިގެނެވެ. އަނެއްބަޔަކީ އެ ވިސްނުން ގެންގުޅޭ މީހުންނާ ދެކޮޅު މީހުންނެވެ. އެހެން ބައެއް މީހުން ޔަގީނަށް ބުނަން ނޭނގޭ ތުހުމަތުތަކަށް ނުވަތަ ތޯތޯ ވާހަކަތަކަށް ބަރޯސާވެ މި ހާދިސާއަށް ފަހު ކުރި ފަޅާފައިވާ ވާހަކަތުން އެންޓަޓެއިން ކުރުމުގަ އެވެ.
ދެބައޮޑުވުމެއްގެ ތެރެއަށް ގިނަ ބަޔަކު ދަމައިގެން ގޮސްފައިވާއިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ ގައުމުގެ ރައީސަށް އަމާޒުކުރެވުނު ހަމަލާގެ ނުރައްކާ ބޮޑު މިންވަރާއި އެފަދަ ހަމަލާތަކެއް މުސްތަގުބަލުގައި ވެސް ގައުމަށް ބަޔަކު އަމާޒުކޮށްފާނެ ކަމާ މެދު ވިސްނާލަން ވަގުތުކޮޅެއް ހޭދަކޮށްލާނެ މީހަކު މިއަދު ނެތް ކަމެވެ. ހަގީގަތުގައި ދެކެވެންވީ ވާހަކައަކީ އެއީ އެވެ.
މި ހަމަލާ ރިޔާސީ ލޯންޗް ކޮޅުގައި ދިން އިރު ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރު އެންމެނަށް ވެސް ވަރަށް ބޮޑަށް ތަަސައްވަރު ކުރެވެ އެވެ. އޯގަނައިޒްޑް ކްރައިމް ރާއްޖޭގައި ކުރިޔަށް ޖެހިފައިވާ މިންވަރު ވަޒަން ކޮށްލެވޭނެ އެވެ. މި ހާދިސާއަކީ އެކަން ކަން ވަރަށް ރަނގަޅަށް ފެނިގެންދިޔަ އަދި ލެވެލް މަތިވެފައިވާ ކަމުގެ ބޮޑު މިސާލެކެވެ. އެހެން ކަމުން މި ސީރިއަސް ހާދިސާއިން އެންޓަޓެއިން ކުރުމުގެ ބަދަލުގައި ރާއްޖޭގެ ހުރިހާ އެންމެން މިކަމުގެ ފުނަށް ވިސްނަން ޖެހެ އެވެ.
މިސާލަކަށް ޑރ. އަފްރާޝީމް އަވަހާރަކޮށްލުން އެންމެވެސް ކިއީ މޮޅަށް ރާވައިގެން ކޮށްފައިވާ ކަމެކޭ އެވެ. ރިލްވާންގެ ހާދިސާއަކީ އެއަށްވުރެ މޮޅަށް ކޮށްފައިވާ ކަމެކޭ އެވެ. ހަގީގަތަކީ މިއަދާ ހަމައަށް ވެސް އެއިން އެއްވެސް ކަމެއްގެ އަސްލަށް ވާސިލު ނުވެވި ވާހަކައިގައި ތިއްބައި ހިޔާލަށް ނުގެންނަވަރުގެ އަދި ފަސޭހައިން ނުވެސް ކުރެވޭވެރުގެ ބޮޑު ނުރައްކާތެރި ހަމަލާއެއް އައުމެވެ. އެހެން ކަމުން މިފަދަ ކަމެއް ދެން ނުވާނެ ގޮތަކަށް ފިކުރުން ހިންގުމަކީ ކޮންމެެހެން ކުރަންޖެހޭ ކަމެކެވެ.
ވަރަށް ގިނަ ތަޖުރިބާކާރުން ބުނާ ގޮތުން ނަމަ ރާއްޖެއަކީ ދީނީ ގޮތުން ހައްދުފަހަނަޅައި ގޮސްފައިވާ ހަރުކަށި މީހުން ހަނގުރާމަވެރިންގެ ގޮތުގައި ރެކްރޫޓްކުރާ "ސުވަރުގެ" އެކެވެ. މި މައްސަލަ އޮތީ ދިވެހި ސަރުކާރުގެ ސަމާލުކަމަށް ވެސް އައިސްފަ އެވެ. އަނެއްކޮޅުން ޖިހާދުގެ ނަމުގައ ސީރިއާ ފަދަ ގައުމުތަކަށް ގޮސް ހަނގުރާމަކޮށް މަރުވާ ދިވެހިންގެ އަދަދު މިއިން ޒަމާނެއްގައި އިތުރުނުވާ މިންވަރަކަށް މައްޗަށް ޖެހިލާފައިވާކަން ދުވަހުގެ ޚަބަރުތައް ވިދާޅުވާ ކޮންމެ މީހަކަށް ވެސް އެނގޭނެ އެވެ.
ހަގީގަތަކީ ޓެރަރިޒަމްގެ ބިރު ރާއްޖޭގައި މިއަދު ވަރަށް ވެސް ބޮޑު ކަމެވެ. ރައީސްގެ ލޯންޗަށް ދިން ހަމަލާ އަކީ މިފަދަ ހަމަލާތަކެއްގެ ފެށުން ކަމަށް ވެއްޖެ ނަމަ ދެން ހަދާނީ ކިހިނެތްތޯ އެވެ؟
ފާހަގަކޮށްލަން ޖެހެނީ މީހުންނަށް ބިރު ދެއްކުމާއި މީހުން ވަގަށް ނެގުން އަދި ރާވައިގެން މީހުން މެރުން ފަދަ ބޮޑެތި ޖަރީމާތައް ވެސް މިއަދު މި ފަސްގަނޑުގައި އާންމުވަމުންދާ ކަމެވެ. އިހަށް ދުވަހު ދިން ހަމަލާއެއް އަމާޒުކޮށްފައި އެ ވަނީ މިފަދަ ބިރުވެރި އަމަލުތަކަށް ހިތްވަރުދީ އެފަދަ ކަންކަން ކުރާ މީހުންނަށް ހަރުކަށި އަދަބު ދޭން ފަސްޖެހި ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި ރައީސަކަށެވެ.
ރައީސް ޔާމީން މިދިޔަ މަހު ވިދާޅުވެފައި ވަނީ ދުރުގައި ތިބެގެން އިންޒާރު ދޭ މީހުންނާ މެދު ޖެހިލުންވެ ވަޑައިނުގަންނަވާ ކަމަށާއި ޓެރަރިޒަމް ރާއްޖެއިން ނައްތާލުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރެއްވުމަށް އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށެވެ.
"ދިވެހި ރާއްޖޭގެ މަސްރަހަކީ ވަރަށް ނުރައްކާތެރި މަސްރަހެއް. އެހެން ނަމަވެސް އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ އިން މިކަމަށް ކުރިމަތިލައިގެން އަޅުގަނޑުމެން މިއައީ ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަމުން،" ބ. ގޮއިދޫގައި މިދިޔަ މަހު ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގައި ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި، ދާންވާ އެންމެ ދުރު ރާސްތާއަކަށް މި ސަރުކާރުން ދާނެ."
"މި ދިވެހި ރާއްޖެ އަކީ އަޅުގަނޑުމެން އެންމެންގެ ދިވެހި ރާއްޖެ. މި ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ހައްގު އަނެއް ދިވެހި ރައްޔިތާގެ ހައްގާ އެއްވަރު. މިތަނުގައި ވަކި މީހެއްގެ ހައްގު އިތުރެއް ނުވާނެ."
މިއީ ނުރާއްކާތެރި ހަމަލާއެއްގެ ޝިކާރައަކަށް ވެވަޑައިގަތުމުގެ ކުރިން ރައީސް ދައްކަވާފައިވާ ވާހަކަތަކެކެވެ.
ފާހަގަކޮށްލަން ޖެހެނީ ރައީސްގެ ލަފާކުރުންތަކާއި ޓެރަރިޒަމާ ދެކޮޅަށް އެބޭފުޅާގެ ސަރުކާރުން އޭރު ވެސް ފިޔަވަޅުތަކެއް އަޅަމުން ދިޔަ ކަމެވެ. ނަމަވެސް ތަރައްގީގެ ގޮތުން އެންމެ ކުރިއަރާފައިވާ އަދި ސަލާމާތީ ފިޔަވަޅުތައް އެންމެ ވަރުގަދަކޮށްފައިވާ ގައުމުތަކުގައި ވެސް ބޮން ގޮއްވާނެ ގޮތާއި މީހުންނަށް ހަމަލާ ދޭނެ ގޮތްގޮތް ހަނގުރާމަވެރިން ނުވަތަ ޓެރަރިސްޓުން ހޯދައި ބަލައި އެ ވީކް ޕޮއިންޓްތަކަށް އަބަދުވެސް ހަމަލާތައް އަމާޒުކުރަމުން ގެންދާ ކަމެވެ.
ކޮންމެއަކަސް ރާއްޖޭގެ ރައީސަށް އަމާޒުކޮށް ދިން ހަމަލާގެ ނުރައްކާތެރިކަން މަތިން ހަނދާން ނެތިގެންދާ ފަދަ ގޮތަކަށް އޭގެ ފަހު މަންޒަރު މި ވަނީ ބަދަލުވެފަ އެވެ. ގައުމެއްގައި ސިޔާސީ ކުޅިވަރު ގިނަ ވުމން ވީގޮތެއް ކަމަށް ވެސް ވެދާނެ އެވެ. މިސާލަކަށް ރައީސަށް އަމާޒުކުރެވުނު ހަމަލާ ބައެއް މީހުން އެންމެ ފުރަތަމަ ސިފަކުރީ ސިޔާސީ ބޮޑު ޖޯކެއްގެ ގޮތުގަ އެވެ.
ހާއްސަކޮށް ސިޔާސީ ގޮތުން ރައީސް ޔާމީނާ ވާދަވެރިކަން އުފެދިފައިވާ ބައެއް ފަރާތްތަކުން އަދިވެސް މި ހަމަލާ އަކީ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ކަމަކަށް ގަބޫލެއް ނުކުރެ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުން މިއީ ޔާމީނަށް ސިމްޕަތީ ހޯއްދެވުމަށް ނުވަތަ ކުރިއަށް އޮތް ރިއާސީ އިންތިހާބު ކާމިޔާބުކުރުމަށް ގައުމުގައި ޖައްސައިގެން އުޅޭ ސްޓަންޓެކެވެ.
އަނެއް ބަޔަކު ބުނާ ގޮތުން ހަމަލާގައި އަނިޔާވެ ވަޑައިގެންނެވި ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އައިޖީއެމްއެޗުގައި އޮންނެވީ ވެސް ރައްޔިތުންގެ ހަމްދަރުދީގެ ދަހިވެތިކަމުގަ އެވެ.
އެހެންވީމަ ސިޔާސީ ބަލިމަޑުކަމެއް ގައުމަށް ފެތުރިފައި އޮތް މިންވަރަކީ ސިޔާސީ ދެކޮޅުވެރިކަން ފިޔަވައި ގައުމުގައި އެހެން ނުރައްކަލެއް ނެތް ކަމަށް ގިނަ ބަޔަކަށް މިއަދު ހީވާ ކަމެވެ.