ވިޔަފާރި

ތާނަ ކެލިގްރަފީ ހިމެނޭ އެމްސެވަންގެ ކަލަންޑަރު ނެރެފި

އަލަށް ތައާރަފް ކުރާ 12 ވައްތަރެއްގެ ދިވެހި ފޮންޓް ހިމެނޭ ގޮތަށް ފަރުމާ ކޮށްފައިވާ އެމް ސެވަންގެ 2021 ވަނަ އަހަރުގެ ކަލަންޑަރެއް ނެރެފި އެވެ.

އެމް ސެވަން ގްރޫޕްގެ މެނޭޖިންގް ޑިރެކްޓަރު މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވީ މި ފަދަ ކަލަންޑަރެއް ފަރުމާ ކުރީ ދިވެހި ތަރިކަ އަށް ވެސް އަހަމިއްޔަތުކަން ދިނުމުގެ ގޮތުން ކަމަށެވެ. އަދި ފަންނުވެރިންނަށް އެ މީހުންގެ މަސައްކަތް އެކި ވަސީލަތްތަކުން ދެއްކޭނެ ފުރުސަތު އޮތްކަން މި ކަލަންޑަރު ވެސް އެނގިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކަލަންޑަރު ފަރުމާކޮށްފައިވަނީ ދިވެހި ބަހުން ލިޔެފައިވާ ހިކުމަތުގެ ބަހާއި ނަމާދު ވަގުތާއި މީލާދީ އަދި ހިޖުރީ ތާރީހާއި ނަކަތާއި ސަރުކާރު ބަންދު ދުވަސްތައް އަދި މުހިންމު ތާރީހުތައް އެނގޭ ގޮތަށެވެ. މި ކަލަންޑަރު ޑިޒައިންކޮށްފައި ވަނީ ވިޝުވަލް އާޓްސްގެ ދާއިރާ އިން ލިޔުމާއި ކުރެހުމާއި ފަރުމާކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިފައިވާ ފަރުހާދު އިބްރާހިމެވެ.

ކަލަންޑަރު ފަރުމާކުރި ފަރުހާދު ބުނީ މީގެ ކުރިން ފަރުމާ ކުރި ކަލަންޑަރުތަކުގައި ހުންނާނީ އަރަބި ކެލަގްރަފީ ކަމަށެވެ. ނަމަވެސް މިހާރު މިއީ މުޅިން ވެސް ތާނަ ކެލަގްރަފީ ހިމަނައިގެން ފަރުމާ ކޮށްފައިވާ ކަލަންޑަރެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ތިން އަހަރުގެ މި ޕްރޮޖެކްޓް ނިމޭއިރު 36 ފޮންޓެއް ނުކުންނާނެ ކަމަށާ މި ފަހަރުގެ 12 ފޮންޓުން ކޮންމެ މަހަކަށް ބާރަ ނަސޭހަތުގެ ބަސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ކަލަންޑަރު ޑިޒައިންކުރެއްވުމުގައި މައިގަނޑު ތިން ބަޔަކަށް ބަހާލާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

އެމް ސެވަން ކަލަންޑަރުގެ އަގަކީ 28 ރުފިޔާ އެވެ. މި ކަލަންޑަރު އެހެން ފަރާތަކަށް ހަދިޔާކުރެއްވުމަށް ބޭނުންފުޅުވާނަމަ، ލިޔެލާޖެހި ކުރެހުން ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ފޮއްޓެއްގައި ބަންދުކޮށްދޭނެ އެވެ.