މިހާރު ރާއްޖޭގެ މާލީ ކަންކަން ބަލަހައްޓަމުން ދަނީ އަވަށްޓެރި އިންޑިއާއިން ކަމަށް ނައިފަރު ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ޝިޔާމް ތުހުމަތު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުالله ވަހީދު ހުށަހެޅުއްވި ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތްތަކުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމް މިއަދު ވިދާޅުވީ ސަރުކާރުން އެކި ނަން ނަމުގައި ބިލުތައް ހުށަހަޅަމުން ދާއިރު، ކޮންމެ ބިލަކާއެކު އިތުރު ކައުންސިލުތަކާއި ކޮމިޝަންތައް އުފައްދަމުން ދަނީ ސިޔާސީ މަގާމުތަކެއް އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ.
އެ ބިލުތައް ޑްރާފްޓު ކުރަމުން ދަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާ ގުޅުން އޮތް ލޯ ފާމަކުންކަމަށް ވެސް ޝިޔާމް ވަނީ ތުހުމަތު ކުރައްވާފަ އެވެ. އިތުރަށް ވިދާޅުވީ މާލީ ބިލެއްގެ ވާހަކަ ދައްކާއިރު، ރާއްޖޭގެ މާލީ މުޝީރުކަން ކުރަމުންދަނީ އަވަށްޓެރި ބޮޑު ގައުމަކުން ކަމަށެވެ.
"ރާއްޖޭގެ މާލީ އިންޓެލިޖެންސް މި ބަލަހައްޓަނީ އެހެން ގައުމަކުން. އަޅުގަނޑުމެންނަށް މިއުޅެނީ ހެޔޮވަރު ސްކޭލެއްގެ ރަނގަޅު އިންވެސްޓްމަންޓެއް ނުގެނެވިގެން. ރާއްޖޭގެ މާލީ އިންޓެލިޖެންސް އިންޑިއާއަށް ދީގެން މި އުޅެނީ. އެހެން ގައުމެއްގެ ރަނގަޅު އިންވެސްޓްމަންޓެއް ދެން މި ގައުމަށް އަންނާނެ ކަމަށް ދިވެހި ރައްޔިތުން އުއްމީދު ކުރާނެ ކަމެއްވެސް ނެތް،" އޭނާ ތުހުމަތު ކުރެއްވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ކޮވިޑް-19 އިގެ ހާލަތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިސްވެ ހުންނަވައި ހަރަދު ކުރަމުން ދަނީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށެވެ. ބަޖެޓު ޑެފިސިޓް ފޫބައްދަން، "ކަޅު ފައިސާ" ބޭނުންކުރަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ވެސް ޝިޔާމް ވަނީ މިއަދު ކުރައްވައިފަ އެވެ.