ހަބަރު

ލޯންޗްގައި ދިން ހަމަލާގެ ތަހުގީގެއް 241 ކޮމިޓީ އިން ފަށައިފި

ރައީސްގެ ލޯންޗްކޮޅުގައި ދިން ހަމަލާގެ މައްސަލަ ބެލުމަށް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ، 241 ކޮމިޓީގެ ސަބް ކޮމިޓީއެއް އެކުލަވާލައި އެ ކޮމިޓީއަށް ސަލާމަތީ ހިދުމަތްތަކުގެ އިސްވެރިން ހާޒިރު ކުރަން މިއަދު ނިންމައިފި އެވެ.

މިއަދު މެންދުރުފަހު މަޖިލީހުގެ އިދާރާގައި ބޭއްވި 241 ކޮމިޓީއާ ގުޅޭ ގޮތުން އެ ކޮމިޓީގެ ނައިބު މުގައްރިރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން މިއަދު ނިންމީ ކޮމިޓީގައި ހިމެނޭ ކޮންމެ ޕާޓީއަކުން މެންބަރެއް ހިމަނައިގެން ހަތް މެންބަރުންގެ ސަބް ކޮމިޓީއެއް އެކުލަވާލައި އެ މައްސަލަ ބެލުމަށެވެ. އަދި އެ ކޮމިޓީއަށް ސަލާމަތީ ހިދުމަތްތަކުގެ ވެރިން ގެނެސް މައުލޫމާތު އޮޅުން ފިލުވާނެ ކަމަށް ނިހާން ވިދާޅުވި އެވެ. އެގޮތުން މިއަދު ހަވީރު 4:00 ގައި ފުލުހުންގެ ވެރިން ކޮމިޓީއަށް ގެނައި އިރު، ހަވީރު 5:00 ގައި ސިފައިންގެ ވެރިން ކޮމިޓީއަށް ގެނެސްފައިވެ އެވެ.

ސީދާ ގާނޫނު އަސާސީ އިން ބާރު ލިބިގެން އުފައްދާފައިވާ 241 ކޮމިޓީގައި މަޖިލީހުގައި ތަމްސީލް ކުރާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ކޮންމެ ޕާޓީއަކުން މެންބަރެއް ހިމެނެ އެވެ. ޖުމްލަ 14 މެންބަރުން އެ ކޮމިޓީގައި ތިއްބަވަ އެވެ.

ނިހާން ވިދާޅުވީ އެ މައްސަލައިގައި 241 ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި މައްސަލަ ބަލަނީ ރައީސްއަށް އަމާޒުކޮށް ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ކޮށް އެކަމުގެ އަޑީގައި ތިބި ފަރާތްތައް ހޯދުމަށް މަޖިލީހުގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެ ކޮމިޓީގައި ގައުމީ ސަލާމަތާ ގުޅޭ ގިނަ ވާހަކަތަކެއް ދައްކާނެތީ ކޮމިޓީ ބާއްވާނީ ސިއްރުކޮށްގެންނެވެ. ރައީސް އަބްދުﷲ ޔާމީން ދާދިފަހުން ވަނީ ލޯންޗްގައި އެއްޗެއް ގޮއްވާލުމުގެ ހާދިސާގެ މައުލޫމާތު ޕީޕީއެމް އާއި ޖޭޕީ އަދި އެމްްޑީއޭގެ ޕީޖީ ގްރޫޕަށް ދެއްވައިފަ އެވެ.

ރައީސްގެ ދެކަނބަލުން ހައްޖުގެ ދަތުރުފުޅަށް ފަހު އެނބުރި މާލެ ވަޑައިގަތުމަށް ދަތުކުރެއްވި ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގައި ރައީސްގެ އަނބިކަބަލުން މެޑަމް ފާތިމަތު އިބްރާހިމްގެ ބުރަކަށީގެ ކަށިތަކުގެ ހަތް ތަނަކަށް ގެއްލުންވެ އަންނަނީ އަދިވެސް އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުންނެވެ. އަދި ރައީސްގެ ސެކްރެޓަރީ އާއި ބޮޑީގާޑެއްގެ ގައިގެ އެކި ތަންތަން ފިހިފައިވެސްވެ އެވެ. އެ މައްސަލަ ތަހުގީގު ކުރަން ހާއްސަ އިންކްއަރީ ކޮމިޝަނެއް ރައީސް ވަނީ އުފައްދަވައިފަ އެވެ.