އެމެރިކާ މީހުން ތަކަކަށް ދެވަނަ ފަހަރަށް ކޮވިޑް ޖެހިއްޖެ ކަން ޔަގީން ކުރެވިފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ. އަދި 2019 ނިމެން އުޅެނިކޮށް ފެތުރެން ފެށި މި ބައްޔާ ބެހޭ ވަރަށް ގިނަ މައުލޫމާތު މިހާރު ސައިންސްވެރިންނަށް ލިބިފައިވީ ނަމަވެސް ދެ ވަނަ ފަހަރަށް އިންފެކްޝަން ޖެހޭ ގޮތުގެ މައުލޫމާތު އަދި ހޯދިފައި ނުވާ ކަމަށް ސައިންސްވެރިން ބުނެ އެވެ. އަދި މިއީ ޕަބްލިކް ހެލްތު ސެކްޓާ އަށް ދިމާވާނެ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި މިހާރު ވަނީ ބެލެވެން ފަށާފަ އެވެ. ޚާއްސަކޮށް ވަރުގަދަ ބައްޔަށް ވެކްސިން އުފައްދާ ފަރާތްތަކަށް ވެސް މިއީ އިތުރަށް ވިސްނަން ޖެހޭނެ މައްސަލައަކަށް ވަނީވެފަ އެވެ.
ދެވަނަ ކޮވިޑް ޖެހޭނީ ކޮން ބަޔަކަށް؟
ދުނިޔޭގެ މަޝްހޫރު ސައިންސް ޖާނަލް "ދަ ލާންސެޓް" ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ސައިންސްވެރިން ވަނީ ބައެއް މީހުންނަށް ދެ ވަނަ ފަހަރަށް ވެސް ކޮވިޑް ޖެހިފައިވާކަން ޔަގީން ކޮށްދީފަ އެވެ. އެންމެ ފުރަތަމަ ސައިންސްވެރިންނަށް މިފަދަ ކޭހެއް ފެނިފައި ވަނީ އެމެރިކާ އިންނެވެ. މިއީ އެކަކަށް ދެ ފަހަރަށް އިންފެކްޝަން ޖެހިގެން ރިޕޯޓު ކުރި ފުރަތަމަ ފަހަރެވެ. އަދި ސައިންސްވެރިން އިންތިހާއަށް ކަންބޮޑުވީ ކަމެއް ވެސް މެއެވެ.
ދެ ވަނަ ފަހަރަށް އެކަކަށް މި ބަލި ޖެހުމުން ސައިންސްވެރިންގެ ހާސްކަން އިތުރުވީ ފުރަތަމަ ފަހަރަށް ވުރެ ދެ ވަނަ ފަހަރަށް ބަލި ޖެހުމުން މާ ބޮޑުވަރުވީ ކަން ޔަގީން ވުމުންނެވެ.
ކުރިން ބަލި ޖެހުނު މީހަކަށް ދެ ވަނަ ފަހަރަށް ވެސް ބަލި ޖެހިދާނެތޯ މީހުން ކުރަމުންދާ ސުވާލުގެ ޖަވާބުގައި ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ގެ ޗީފް ސައިންޓިސްޓް ސޯމްޔާ ސްވަމިނަތަން ދެއްވީ ވަރަށް ކުރު ޖަވާބެކެވެ. އޭނާ ވިދާޅުވީ
"އާނ އެކޭ އެވެ. ސައިންސްވެރިން ބުނަނީ ކޮވިޑް ކުރިން ޖެހުނު މީހަކަށް ދެ ވަނަ ފަހަރަށް ޖެހިދާނެ ކަމަށެވެ. ނަމަވެސް އެއީ ވަރަށް މަދު ހާލަތެއްގައި ކަމަށެވެ.
"މިހާތަނަށް 38 މިލިއަން މީހުންނަށް ކޮވިޑް ޖެހިއްޖެ. މިހާ ގިނަ މީހުންގެ ތެރެއިން ދެ ވަނަ ފަހަރަށް ބަލި ޖެހުނުކަން ޔަގީންކުރެވިފައިވަނީ މަދު ޑަޒަނެއްގެ މީހުންނަށް،" ސޯމްޔާ ވިދާޅުވި އެވެ.
ދެ ވަނަ ފަހަރަށް ކޮވިޑް ޖެހުނުކަން ޔަގީންވީ ކާކަށް؟
ދެ ވަނަ ފަހަރަށް ކޮވިޑް ޖެހުނުކަން ޔަގީންވެފައި ވަނީ އެމެރިކާގެ 25 އަހަރުގެ ޒުވާނަކަށެވެ. އޭނާއަށް ޔޫއެސްގެ ސްޓޭޓެއް ކަމަށްވާ ނެވާޑާގައި ދިރިއުޅޭ މީހެކެވެ. މި މީހާއަށް ކޮވިޑް އިންފެކްޝަން ދެ ފަހަރަށް ޖެހިފައި ވަނީ ހަ މަސް ދުވަހުގެ ތެރޭގަ އެވެ. ފުރަތަމަ ފަހަރަށް މި މީހާގެ ކިބައިން ކޮވިޑްގެ އަލާމާތްތައް ފެންނަން ފެށީ މިދިޔަ މާޗް މަހުގެ 25 ވަނަ ދުވަހު އެވެ. ޓެސްޓްކުރިއިރު ނަތިޖާ ދެއްކީ ޕޮޒިޓިވް ކަމަށެވެ. ބަލި ރަނގަޅުވެ އޭނާގެ ނަތީޖާ ނެގެޓިވްވީ ކަމަށް ދެއްކީ މޭ 26 ވަނަ ދުވަހު ކަމަށް ލާންސެޓްގެ ރިޕޯޓުގައި ބުނެފައި ވެއެވެ.
ނެގެޓިވް ނަތީޖާ ލިބުނުތާ ދެ ދުވަސް ފަހުން އަނެއްކާ އޭނާ ބަލިވެގެން ޑޮކްޓަރަށް ދައްކައި ޓެސްޓްކުރުމުން ޖޫން ހަވަނަ ދުވަހު އޭނާގެ ނަތީޖާ އަނެއްކާވެސް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައި ވެއެވެ. މި މީހާއަށް ފުރަތަމަ ފަހަރަށް ކޮވިޑް ޖެހިގެން ބަލިވީ ވަރަށް ވުރެ ދެ ވަނަ ފަހަރަށް ޖެހިގެން މާ ބޮޑުވަރު ވިއެވެ. ނަމަވެސް އެމީހާގެ ފުރާނަ ވަނީ ސަލާމަތް ވެފަ އެވެ.
ދެވަނަ ފަހަރަށް ބަލި ޖެހުނުކަން އެނގުނީ ކިހިނެއް؟
ނޭފަތުން ސްވޯބު ނަގައިން ކުރާ ޓެސްޓުން ކޮވިޑް ހުރިކަން ޔަގީން ވުމުން ސައިންސްވެރިން ވަނީ އިތުރު ޓެސްޓްތަކެއް ހަދައި މި މީހާގެ ގައިގައި ހުރީ ކުރީގެ އިންފެކްޝަންތޯ ނުވަތަ އާ އެއްޗެއް އަލުން އެރީތޯ ޓެސްޓްކޮށްފަ އެވެ. މި ޓެސްޓުން އެނގުނު ގޮތުގައި އެމީހާގެ ގަޔަށް އިންފެކްޝަން ޖެހިފައި ވަނީ ދެ ފަހަރެއްގެ މަތިންނެވެ.
މިގޮތަށް ދެ ވަނަ ފަހަރަށް ކޮވިޑް ޖެހުނު ފަސް މީހަކު މިހާތަނަށް ސައިންސްވެރިންނަށް ޔަގީންވެފައި ވެއެވެ. މިއީ ހޮންގް ކޮންގް، ދަ ނެދަލެންޑްސް، ބެލްޖިއަމް އަދި އެކުއެޑޯގެ މީހުންނެވެ.
"ދަ ލާންސެޓް"ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިހާތަނަށް ސައިންސްވެރިން ހޯދި ހޯދުންތަކުން އެނގިފައިވަނީ ކޮވިޑްގެ އިމިއުނިޓީ ނުވަތަ އެ ބަލިޖެހުމަށްފަހު ބައްޔަށް އެމީހާގެ ހަށިގަނޑުގައި އުފެދޭ ދިފާއީ ބާރު ހުންނަނީ 1-3 އެންމެ ގިނަ ވެގެން ވެސް 1-3 އަހަރަށެވެ.
އެހެންކަމުން ސައިންސްވެރިން މިހާރު އިލްތިމާސް ކުރަނީ ކޮވިޑް ޖެހި ރަނގަޅު ވެފައިވާ މީހުންނާއި ނުޖެހޭ މީހުން ވެސް އެއްގޮތަކަށް ވެސް ބައްޔާ މެދު ފަރުވާ ކުޑަ ނުކުރުމަށެވެ. ސޯޝަލް ޑިސްޓެންސިން އަށް ފަރުވާ ތެރިވުމުގެ އިތުރުން ބޭރަށް ނުކުންނައިރު މާސްކް އަޅައި ރައްކާތެރިވެގެން ތިބުމަށާއި ވީހާވެސް ގިނައިން އަތް ދޮވުމަށެވެ.