ހަބަރު

ބިނާވެށި ޕްލޭންގެ ބިލު ބަލައިގަނެ، ކޮމިޓީއަށް

Oct 19, 2020
1

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ހުށަހެޅުއްވި ބިލު ބަލައިގަންނަން ފާސްކޮށްފައިވަނީ މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލު ބަލައިގަތުމާއެކު އިތުރަށް ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވާފައިވާއިރު، މި ބިލު ދިރާސާ ކުރާނީ މަޖިލީހުގެ ގައުމީ ތަރައްގާ އާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ އިތުރުން އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީންނެވެ.

ބިނާވެއްޓާ ގުޅޭ ކަންކަން ހަރުދަނާގޮތެއްގައި ހިންގައި ބިން ބޭނުން ކުރާނެގޮތުގެ ޕްލޭންތައް އެކުލަވައިލުމާއި، ބިން ތަރައްގީ ކުރުމުގެ ހުއްދަ ދޫކުރުމާއި އެފަދަ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބަލައި، ބިން ތަރައްގީ ކުރާ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް ގާއިމް ކުރުންވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.

އަދި މިގާނޫނަށް އަމަލު ކުރަން ފެށުމާއެކު ރާއްޖޭގެ ހުރިހާ ބިމެއް ތަރައްގީކުރާނެ ގޮތް ހިމެނޭ ބިނާވެށި ޕްލޭންކުރުމާއި ހިންގުމާއި ގައުމީ ސިޔާސަތުތައް ތަންފީޒު ކުރުމާއި މި ގާނޫނު ތަންފީޒުކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށް ނެޝަނަލް ޕްލޭނިން އޮތޯރިޓީ އުފައްދަންޖެހެ އެވެ.

އެ އޮތޯރިޓީގެ މަގުސަދަކީ ރާއްޖޭގައި އިގުތިސޯދީ އިޖުތިމާއީ، އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ބިން ޕްލޭންކޮށް ތަރައްގީކޮށް، ބެލެހެއްޓޭނެ ފަދައަކުން ބިނާވެށި ޕްލޭން ކުރުމަށް މަގުފަހި ކުރުމެވެ.

ބިނާވެށި ޕްލޭން ކޮށް ހިންގުމާބެހޭ ކަންކަމާގުޅޭގޮތުން އެ އޮތޯރިޓީއަށް ލަފާދިނުމަށް ޕްލޭނިން އެސެސްމެންޓް ކޮމިޓީއެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެތެރޭގައި އެކުލަވައިލަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.