ފަސް ކުރުމަށްފަހު އަންނަ އަހަރު ބާއްވަން ޖެހޭ ލޯކަލް ކަައުންސިލް އިންތިހާބު ސަރުކާރުން ހިންގާ އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ 171 ވަނަ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރޭ ތާޖުއްދީން ސުކޫލްގައި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބަށް އެމްޑީޕީން އޮތީ ތައްޔާރަށް ކަމަށެވެ. އެ އިންތިހާބު ކާމިޔާބު ކުރަން ގައުމީ މަޖިލީހުގެ ފުރިހަމަ އެހީތެރިކަން ސަރުކާރަށް އޮންނާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ ކައުންްސިލް އިންތިހާބަކީ ސަރުކާރަށް ކުރިމަތި ވާނެ ބޮޑު އިމްތިހާނަކަށް ވެސް ވާނެ ކަމަށެވެ.
ރައީސް ސޯލިހުގެ ސަރުކާރުގެ ދައުރު ދެބައިވެފައިވާކަން ފާހަގަަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ދައުރުގެ މެދުތެރެއިން ކުރިމަތިވާ ކޮންމެ އިންތިހާބަކީ ވެސް ވަރުގަދަ އިމްތިހާނެއް ކަމަށެވެ. އެފަދަަ އެއްވެސް އިންތިހާބެއް ފަސޭހަ ނުވާނެ ކަމަށެވެ.
ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފުރިހަަމަ އެހީތެރިކަމުގައި ސަރުކާރަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިންތިހާބުގެ އިތުރުން ރާއްޖެއަށް މިހާރު ދިމާވެފައިވާ އިގްތިސޯދީ ދަތިތަކާއި ގުޅޭގޮތުން ވެސް ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ދަރަނި މަތިވުމާއި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވި އިގްތިސޯދީ ދަތިކަމުގެ ސަބަބުން ސަރުކާރަށް އޮތީ އުނދަގޫ ދުވަސްތަކެއް ނަމަވެސް އެކަންކަމުން އަރައިގަނެވޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ފަހި ދުވަސްތައް ހޯއްދަވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.