ބަލިވެ އިނުމާ ގުޅިގެން ގިނަ އަންހެނުންނަށް ވަރަށް ބޮޑެތި ތަކުލީފުތަކާއި ވޭން އުފުލަން ޖެހެ އެވެ. ޚާއްސަކޮށް ފަހު ޓްރައިމިސްޓާ އަށް އަޅައިގަތުމުން ގިނަ އަންހެނުންނަށް އާދަވެ ކުރާ ބައެއް ކަންތައްތައް ކުރަން ވެސް ދަތިވެ އެވެ. ނަމަވެސް ބަލިވެ އިނދެ ބަނޑަށް ނުވަ މަސް ފުރިފައިވާ މި އަންހެންމީހާ އަކަށް ބަލިވެ އިނުމަކީ އެހާ ބޮޑު ކަމަކަށް ނުވެ އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ކުޅޭ ފިޓްނަސް އަށް ލޯބިކުރާ ގިނަ މީހުންނާއި އެތުލީޓުން ވެސް މި އަންހެންމީހާގެ ވީޑިއޯ ބަލާފައި މިހާރު ތިބީ ބަސް ހުއްޓިފަ އެވެ. ނުވަ މަސް ފުރިފައިވާ ބޮޑު ބަނޑާއެކު 1.6 ކިލޯމީޓަރަށް އެންމެ ހައެއްކަ މިނިޓް ތެރޭ އެ މީހާ ދުވެފައި ދިޔަ މަންޒަރު ފެނިގެންނެވެ. އަންހެންމީހާ ދުވަމުން ދިޔައިރު އޭނާއަށް ތަރުހީބު ދީ ހިތްވަރުދިނުމުގައި އެންމެ ކުރީގައި ހުރީ އޭނާގެ ފިރިމީހާ އެވެ.
އެ އަންހެންމީހާ އަކީ މަކީނާ މައިލާ ކިޔާ 28 އަހަރުގެ އެތުލީޓެކެވެ. ބަލިވެ އިނދެ ބަނޑަށް ނުވަ މަސް ފުރިފައި ވިޔަސް އޭނާ ބޭނުންވީ އަމާޒަށް އޭނާ ވަނީ ވާސިލުވެފަ އެވެ. މަކީނާ ވިހަން އޮތީ އޮކްޓޯބަރު 19 ވަނަ ދުވަހު އެވެ. ވީމާ މިހާރު އޭނާ އޮންނާނީ ވިހައިގެން ކަމަށް ބެލެވެ އެވެ. މަކީނާ ބޭނުންވީ ބަނޑުގައި ދަރިފުޅު ބާއްވައިގެން ދުވުން ފުރިހަމަ ކުރާށެވެ.
މަކީނާގެ މި ދުވުން ޚާއްސަވީ އަނެއް ސަބަބަކީ ހައެއްކަ މިނިޓް ތެރޭގައި 1.6 ކިލޯމީޓަރު ދުވުމަކީ މާބަނޑު ނޫން އަދި ވަރަށް ފިޓްނަސް ރަނގަޅު މީހުންނަށް ވެސް ކުރެވޭ ވަރުގެ ކަމަކަށް ނުވާތީ އެވެ. އާދަކޮށް ބާރަށް ދުވެ އުޅޭ އެތުލީޓުންނަށް ވެސް އެވްރެޖްކޮށް 1.6 ކިލޯމީޓަރު ދުވެވެނީ 8-10 މިނިޓުންނެވެ. ބޮޑު ބަނޑާއެކު މަކީނާ މި ދުވުން ފުރިހަމަކުރީ ހަ މިނިޓް ވެސް ހަމަ ނުވަނީހެވެ.
މަކީނާ ދުވަނިކޮށް ނަގާފައިވާ ވީޑިއޯއެއް އޭނާގެ ފިރިމީހާ ސޯޝަލް މީޑިއާގައި ޝެއާ ކުރުމުން ވީޑިއޯ އަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ. މި ވީޑިއޯ ޝޫޓް ކުރަމުން މަކީނާގެ ފިރިމީހާ ބުނެފައިވަނީ އަށް މިނިޓަށް ވުރެ އަވަހަކަށް މަކީނާ އަށް މި ދުވުން ފުރިހަމަ ކުރެވިއްޖެނަމަ އޭނާ 100 ޑޮލަރަށް ދަރާނެ ކަމަށެވެ. އަދި މަކީނާ ރޭސް ނިންމުމުން "ތިމަންނަ 100 ޑޮލަރަށް ދަރައިފިޔޭ" އޭނާޣެ ފިރިމީހާ ބުނާ އަޑު ވީޑިއޯގައި އިވެ އެވެ.
މަކީނާ ދުވިއިރު ސްކްރީނަށް ގަޑި އަރަމުން ދިޔަ އެވެ. އޭނާ ދުވުން ފުރިހަމަ ކުރިއިރު ގަޑީގައި އިނީ ފަސް މިނިޓް 25 ސިކުންތެވެ. ވީމާ އޭނާ ދުވުން ފުރިހަމަކުރީ އެހާ ވަގުތުން ކަމަށް ޔަގީން ކުރެވެ އެވެ.
މަކީނާ އަކީ ދުވުމަށް ވަރަށް ލޯބިކުރާ އެތުލީޓެކެވެ. ނަމަވެސް ބަލިވެ އިނުމާއި ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން އޭނާގެ ދުވުމުގެ އާދައަށް ވަރަށް ބޮޑު ބަދަލުތަކެއް ވަނީ ގެންނަން މަޖްބޫރުވެފަ އެވެ.
"އަހަރެން އަންހެނުން ބަލިވެ އިނދެ ބަނޑަށް ދެ މަސް ފުރުނުތަނާ އަހަރެމެން ދެ މީހުން ބާއްޖުމަރާފައި އަހަރެން ބުނިން ބަނޑަށް ނުވަ މަހުގައި ޔަގީނޭ މަކީނާ އަކަށް ނުދުވެވޭނޭ އަށް މިނިޓުން އެއް މޭލަކަށް. ދުވެފިއްޔާ ދޭނަމޭ 100 ޑޮލަރު. މި ޗެލެންޖް ގަބޫލުކޮށްގެން މަކީނާ އެ ދުވީ. މަކީނާގެ އަތުގައި އޮތް ގަޑިން ދެއްކީ އޭނާ ދުވުން ފުރިހަމަކުރީ 5.17 މިނިޓުން ކަމަށް. ނަމަވެސް އަހަރެން ވީޑިއޯ ކުރިއިރު ދެއްކީ ދުވުން ފުރިހަމަކުރެވުނީ 5.25 މިނިޓުން ކަމަށް. އަހަރެން ބުނާނީ އޭނާ 100 ޑޮލަރު އެ ހޯދީ ވަރަށް ކުޑަ ވަގުތުކޮލެއް ތެރޭގައޭ. އަހަރެން އެ 100 ޑޮލަރު އޭނާއަށް ދޭނީ ހަމަ ވަރަށް އުފަލާއެކު،" މަކީނާގެ ފިރިމީހާ މައިކަލް މައިލާ ބުންޏެވެ.