މެސީ

މެސީގެ އަސްލު ކުޅުން އަދި ނުފެނޭ: ކޫމަން

މި ސިޒަންގައި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީއަށް ބާސާގައި އޭނާގެ އަސްލު ކުޅުން ނުފެންނަ ކަމަށް، އެ ޓީމުގެ ކޯޗް ރޮނަލްޑް ކޫމަން ބުނެފި އެވެ.

ބާސާ އާއެކު އާ ސީޒަނަށް މެސީ ކުރިމަތިލީ ކުލަބުގެ އިސް މެނޭޖުމެންޓާ ދެމެދު ހިނގި ހިތްހަމަނުޖެހުންތަކާއެކު އެވެ. މެސީ ކުލަބު ދޫކޮށްލަން ބޭނުންވާކަން ކުލަބަށް އެންގުމުން ކުލަބުގެ އެންމެ ޓޮޕް މެނޭޖުމެންޓުން އެކަމަށް ހުރަސްތައް ކުރިމަތި ކުރި އެވެ.

މި ސީޒަންގައި ބާސާއަށް މެސީ ކާމިޔާބު ކޮށްދިނީ އެންމެ ލަނޑެކެވެ. އެއީ ވިޔަރޭއާލް އާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީން ކާމިޔާބު ކުރި ލަނޑެވެ. ގެޓާފޭ އަތުން ބަލިވި މެޗުގައިވެސް މެސީ އަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ. ބާސާއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އަންނަ ޖަޫން 30 ގައި ހަމަ ވާނެ އެވެ.

ޗެމްޕިއަންސް ލީގްގައި ގުރޫޕް ސްޓޭޖުގައި މިރޭ ހެންގޭރި ފެރެންކްވާރޮސް އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޫމަން ބުނީ، މިރޭގެ މެޗަކީ، މެސީގެ ކުޅުން ރަނގަޅު ވެގެންދާ ހާލަތަކަށް ވެދާނެ ކަމަށެވެ. ކޫމަން ބުނީ، މެސީ ހުރީ ހިތްހަމަޖެހިގެން ކަމަށާއި އަދި ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އޭނާ ދަނީ ކެޕްޓަނެއްގެ ޒިންމާތައް ވަރަށް ރަނގަޅަށް އަދާ ކުރަމުން،" މިރޭ ކޭމްޕްނޯގައި ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޫމަން ބުންޏެވެ. "އޭނާ އާ ބެހޭގޮތުން އަހަރެންގެ ނެތް އެއްވެސްް ޝަކުވާއެއް. ބައެއް ފަހަރު އޭނާގެ ނަސީބުވެސް ނެތީ އެންމެ ފަހު މެޗުގައި އޭނާ ފޮނުވާލި ބޯޅަވެސް އަމާޒުވީ ގޯލް ދަނޑިއަށް. އޭނާގެ ކުޅުމާމެދު އަހަރެމެން އެއްވެސް ކަންބޮޑުވުމެއް ނެތް، އޭނާގެ އަސްލު ކުޅުން ކުރިއަށް ހުރި މެޗުތަކުގައި ފެންނާނެ."

މެސީ ދާދި ފަހުން ބުނީ، އޭނާ އަށް ލަނޑު ނުޖެހުމުން ކަންބޮޑުވާ ވަރު މިހާރު ކުޑަ ކަމަށާއި އޭނާ ބޭނުންވަނީ ކޮންމެ މީހަކު ލަނޑު ޖެހިނަމަވެސް ޓީމަށް ރަނގަޅު ގޮތްވާން ކަމަށެވެ.