ޗެލްސީއަކީ، ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމުގެ ރޭހުގައި ފޭވަރިޓެއް ކަމަށް، ޗެމްޕިއަންސް ލީގްގައ މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ސެވިއްޔާގެ ކޯޗް ހުލެން ލޮޕެޓެގީ ބުނެފި އެވެ.
މިރޭގެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ލޮޕެޓެގީ ބުނީ، މި ސީޒަނަށް ތައްޔާރުވާން ޗެލްސީން ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި މުބާރާތް މިފަހަރުގެ ކާމިޔާބު ކުރުމުގެ ފެންވަރު ޗެލްސީގެ ޓީމުގައި އެބަހުރި ކަމަށެވެ.
ޗެމްޕިއަންސް ލީގަށް ޗެލްސީ ނުކުންނަނީ ޓްރާންސްފާ ބާޒާރުގައި 220 މިލިއަން ޔޫރޯ ހޭދަ ކުރުމަށް ފހު ގެނައި ކުޅުންތެރިންނާއެކު އެވެ. ސެވިއްޔާ ހަވަނަ ފަހަރަށް ޔޫރޮޕާ ލީގް ކާމިޔާބު ކުރުމަށް ފަހު ޗެމްޕިއަންސް ލީގާ ކުރިމަތިލާ ލޮޕެޓެގީ ބުނީ ޗެލްސީގެ ޓީމު ވަނީ ވަރަށް އުނދަގޫ ޓީމަކަށް ކަމަށެވެ.
"އަހަރެމެން ކުރިމަތި ލަނީ މުބާރާތް ކާމިޔާބު ކުރުމުގެ ފެންވަރުހުރި ޓީމަކާ ދެކޮޅަށް،" ލަންޑަންގައި މިރޭ ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ލޮޕެޓެގީ ބުންޏެވެ. "ޗެލްސީން ވަނީ ވަރަށް ރަނގަޅު ކުޅުންތެރިންތަކެއް ގެނެސްފަ. ޓްރާންސްފާގައި ގިނަ ހޭދަތަކެއް ކޮށްފައި. ވަރަށް ރަނގަޅު ސްކޮޑެއް އެ ޓީމުގައި އެބައޮތް، އެ ޓީމުގެ ކޯޗް [ފްރޭންކް ލަމްޕާޑް] އަކީ އެތެރެއާ ބޭރުން އެ ކުލަބު ވަރަށް ރަނގަޅަށް އެނގޭ ކޯޗެއް، އާދަޔާ ހިލާފް އުނދަގޫ ޓީމަކަށް އެ ޓީމު ވާނެ."
މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި، ޗެލްސީ ބަލިވީ އެ މުބާރާތް ކާމިޔާބު ކުރި ބަޔާން މިޔުނިކް އަތުން 7-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. ޗެލްސީއަށް 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގް ހޯދައިދިނުމަށް މުހިންމު ދައުރެއް އަދާ ކުރި ލަމްޕާޑް ބުނީ ޗެލްސީގެ ޒުވާން ސްކޮޑުން މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގްގެ ތަޖުރިބާއިން ފިލާވަޅު ލިބިގަނެ ފައިވާކަން އުންމިދު ކުރާ ކަމަށެވެ.