ހަބަރު

އުމަރު ހުރެގެން ތަހުގީގު އިންސާފުވެރިކޮށް ގެންދެވޭނެ: މިނިސްޓަރު ޝައިނީ

  • ކޯޗެއާއަކަށް އުމަރު ހުރުމަކީ ގޯހެއް ނޫން، އެއީ ރަނގަޅެއް
  • މިނިވަން ތަހުގީގަކަށް ބޭނުންވަނީ ހުސް އެއް ވިސްނުމެއްގެ ބައެއް ނޫން
  • ތަހުގީގަށް ނުފޫޒެއް ނުވަންނާނެ ކަން ޔަގީން

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހުގީގު އިންސާފުވެރިކަމާއި އެކު ކުރިއަށް ގެންދެވޭނީ އެ ޓީމުގައި އުމަރު ނަސީރު ހުންނަވައިގެން ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ "ހަބަރަށް ފަހު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ، އުމަރު ނަސީރަކީ ރައީސް ޔާމީނާއި ސިޔާސީގޮތުން ވިސްނުން އެއްގޮތް ބޭފުޅަކަށް ނުވި ނަމަވެސް، ތަހުގީގު ޓީމުގައި އުމަރު ހުންނެވުމަކީ ވަކި ފަރާތަކަށް ބުރަ ނުވެ ތަހުގީގު ކުރިއަށްގެންދަން ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށެވެ.

މިނިވަން ތަހުގީގެއް ކުރަން ބޭނުންވަނީ ހުސް އެއް ވިސްނުމެއްގެ މީހުން ނޫންކަމަށް އިޝާރާތްކުރައްވަމުން ޝައިނީ ވިދާޅުވީ، ނެޝަނަލް އިންކުއަރީ ކޮމިޝަނުގެ ކޯޗެއާ އަކަށް އުމަރު ހަމަޖެއްސެވީ ޚުދު ރައީސް އަބްދުﷲ ޔާމީނުގެ ވިސްނުމުގެ މަތިން ކަމަށެވެ. އެހެންކަމުން އެއީ ތަހުގީގަށް އެންމެ ރަނގަޅު ގޮތް ކަމަށާއި، އެ ނިންމުމުގައި އެއްވެސް ގޯހެއް ވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

".. އެއްކޮޅަކަށް ތިބޭ އެންމެން ލައިގެން ތަހުގީގު ކޮށްފިއްޔާ އެކަން އިންޑިޕެންޑެންޓް ވެސް ނުވެދާނެ. އެހެންވީމަ އެމަނިކުފާނުގެ ވަރަށް ބައިވަރު ސަބަބުތަކެއް ހުންނާނެ އިންކުއަރީ ކޮމިޝަނެއް އުފެއްދުމުގައި. ދެން ތަހުގީގު ކުރިއަށް މި ދަނީ ސީދާ ރައީސް ޔާމީނުގެ ބެއްލެވުމުގެ ދަށުން. އެހެންވެއްޖެ ކަމަށް ވަންޔާ މިއަށް ނުފޫޒު ފޯރުވުމުގެ ބާރެއް އެއްވެސް މީހަކަށް ނުލިބޭނެ،" ޝައިނީ ވިދާޅުވި އެވެ.
ރައީސް ޔާމީނުގެ ލޯންޗުކޮޅަށް ދިން ހަމަލާއަކީ އެކަން ކުރަން ވަރަށް ރަނގަޅަށް ދަންނަ މީހަކު ވަރަށް ކުރިއްސުރެ ރާވައިގެން ދިން ހަމަލާއެއް ކަމަށް މިރޭވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެއީ ކޮންމެ މީހަކު ކޮންމެ މަގުސަދެއްގައި ދިން ހަމަލާއެއް ނަމަވެސް ރައީސަށް އެ ހަމަލާ ދޭންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ. ރައީސް ޔާމީނު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މިހާތަނަށް މަސައްކަތް ކުރެއްވީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށާއި، ގައުމަށް ދެރައެއް ލިބޭ އެއްވެސް ކަމެއް އެމަނިކުފާނު ކުރައްވާފައި ނުވާ ކަމަށެވެ.

".. ރައީސް ޔާމީނު އެ ގެންދަވަނީ ގައުމު ހަމަމަގަށް އަޅުވަމުން. އަޅުގަނޑު ދަންނަވާނީ ރައީސް ޔާމީނަކީ އެހާވެސް ހިތްވަރުގަދަ، ތަޖުރިބާހުރި ބޭފުޅެކޭ. މިހާރު މި ގައުމު މިއޮތް ހާލަތުގައި ރައީސް ޔާމީނު ނޫން އެހެން ވެރިއަކު ގައުމު ހިންގަން އައިއްސި ކަމަށް ވަންޏާ މިގައުމެއް ނޯޏްނާނެ އޭ،" ޝައިނީ ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވި ލ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް ވިދާޅުވީ، ސަރުކާރަށް މިއަދު ދިމާވެފައިވާ ހިތާމަވެރި ދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނަގަން އިނދިކޮޅު އެމްޑީޕީން މަސައްކަތް ކުރާ ކަމަށެވެ. ސަރުކާރުގެ ތެރޭގައި ހަމަނުޖެހުން އޮތް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ، މި ދަނޑިވަޅުގައި ސަރުކާރުގެ އެތެރޭގައި އޮތް ވަރުގަދަ ގުޅުން ފެނި އެކަން ހަޖަމް ނުކުރެވޭތީ ދައްކާ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނެތް. ނައިބު ރައީސާއި ރައީސް ބައްދަލުކުރައްވާ ކަންކަން މަޝްވަރާކުރައްވާ. ރައީށް އެ ވިދާޅުވަނީ އެމަނިކުފާނު ނައިބު ރައީސް އަދީބަށް 500 ޕަސެންޓް އިތުބާރުކުރައްވާ ކަމަށް. އެމަންޒަރު ވާދަވެރިންނަށް ހަޖަމް ނުކުރެވެނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން މަސައްކަތް ކުރާ ކަމަށް ދެކެވޭ ވާހަކަޔަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެފަދަ މައްސަލައެއް މަޖިލީހަށް ވައްދަން އެއްވެސް ބަޔަކަށް ނުކެރޭނެ ކަމަށެވެ.

އެފަދަ މައްސަލައެއް މަޖިލީހަށް ވެއްދި ނަމަވެސް އެކަމެއް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.