ހަބަރު

ރެޑްވޭވްގެ ގުދަނަކަށް ބަޔަކު ގެއްލުންދީފި

ހެންވޭރުގައި ހުންނަ ރެޑްވޭވްގެ ގުދަނަކަށް ބަޔަކު ވަދެ ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.

ރެޑްވޭވްގެ މިވައްޒަފަކު އަވަސް އަށް މައުލޫމާތު ދެމުން ބުނީ މިއަދު މެންދުރުގެ ވަގުތެއްގައި ގުދަނަށް އެތަނުގެ ބިދޭސީ މުވައްޒަފަކު ދިޔަ މަގުމަތީގައި އެތާނގައި އެވަގުތު ތިބި ދެ ޒުވާނަކު އޭނާ ހުއްޓުވައި ފޯނާއި ވޮލެޓް ދިނުމަށް ބުނި ކަމަށެވެ. ނަމަވެސް ބިދޭސީ މީހާ އަތުގައި ނެތް ވާހަކަ ބުނެފައި އެ ދެމީހުން ފޮޅާލައި ދާން އުޅުމުގެ ތެރޭގައި އެކަކު ގައިގައި ޖެހުނު ކަމަށެވެ.

މި މައްސަލާގައި ރުޅިގަދަވެ ގުދަނަށް ވަދެ ބޮޑެތި ގެއްލުންދީފައިވާ ކަމަށް އޭނާ ބުންޏެވެ. އެގޮތުން އެ ދެމީހުން ހަޅޭއްލަވަމުން ގޮސް އެތަނުގައި ހުރި ގަރާޖަކަށް ވަދެ މަރުތޭލިތަކާއި ދަގަނޑު ހޮޅިބުރިތައް ހިފައިގެން އައިސް ގުދަނުގައި ހުރި އެއްޗިސްތަކަށް ގެއްލުން ދީފައިވާ ކަމަށެވެ.

ރޯޝަނީމަގުގައި ހުންނަ ރެޑްވޭވްގެ ގުދަނަށް ގެއްލުންދޭ ވީޑިއޯ ވަނީ އަވަސް އަށް ލިބިފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ދެ ޒުވާނަކު އަޑުގަދަ ކުރަމުން ގޮސް ގުދަން ކުރިމަތީ ބާއްވާފައި އޮތް ރެޑްވޭވްގެ ޕިކަޕަށް މަރުތޭލަކުން ގެއްލުން ދޭ މަންޒަރު ފެނެ އެވެ. އަދި އަނެއް ޒުވާނާ ގުދަނަށް ވަދެ އެތާހުރި ކޮމްޕިއުޓާ ސިސްޓަމަށް ދަނގަޑު އެއްޗަކުން ހަމަލާ ދެ އެވެ. އެ މީހުން ހުއްޓުވުމަށް އާންމުންގެ ބަޔަކު މަސައްކަތް ކުރާތަން ވީޑިއޯ އިން ފެނެ އެވެ.

މި މައްސަލަ ރެޑްވޭވްގެ ފަރާތުން ފުލުހުންނަށް ހުށަހެޅި ނަމަވެސް މިކަމުގަައި ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.