ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް އިތުބާރު އެބައޮތް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ނިންމާފައިވަނިކޮށް އެ ނިންމުމާ ދެކޮޅު ހަދާ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.
އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ވަނީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާ ގަރާރުގައި ސޮއިވެސް ކޮށްފައެވެ. އެ މެންބަރުން އެ މަަސައްކަތް ފަށާފައިވަނީ އެމްޑީޕީގެ ޕީޖީގެ ނިންމުމާ ދެކޮޅަށެވެ. އަމީންގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ މީގެ ކުޑައިރުކޮޅެއްގެ ކުރިންނެވެ. އިތުބާރު ނެތް ކަމުގެ ގަރާރުގައި ސޮއިކުރެއްވީ 24 މެންބަރުންނެވެ. އަދި އެ މަސައްކަތުގައި އިސްކޮށް ތިބީ މިއަދު އޮތް ޕީޖީ ބައްދަލްވުމުގައި އަމީން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވި މެންބަރުންނެވެ.
އަމީންގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް މިއަދު އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން ބޭއްވި ބައްދަލްވުމުގައި އަމީނަށް އިތުބާރު އެބައޮތް ކަމަށް 31 މެންބަރަކު ވަނީ ވޯޓް ދެއްވާފައެވެ. 58 މެންބަރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލްވުމުގައި 27 މެންބަރަކު ވަނީ އަމީންގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައެޅުމަށް ވޯޓް ދީފައެވެ.
އެމްޑީޕީގެ ޕީޖީގެ ނިންމުމާއި އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ދެކޮޅު ހައްދަވާ ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ. އަދި މިހާރު ފެށިފައިވާ މަސައްކަތަކީ ނަޝީދުގެ އިސްނެންގެވުމެއް ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.
އަމީންގެ އިތުބާރު ނެތް ކަމަށް ސޮއިކުރެއްވި މެންބަރުން
- އީވާ އަބްދުﷲ - ގަލޮޅު އުތުރު ދާއިރާ
- އަހުމަދު ހަލީމް - ބިލެއްދޫ ދާއިރާ
- ހަސަން ލަތީފް - ހެންވޭރު ހުޅަނގު ދާއިރާ
- އިމްތިޔާޒު ފަހުމީ - މާފަންނު އުތުރު ދާއިރާ
- އިލްޔާސް ލަބީބް - ހުޅުމީދޫ ދާއިރާ
- ހިސާން ހުސައިން - ތުޅާދޫ ދާއިރާ
- ހަސަން އަފީފް - ވިލުފުށި ދާއިރާ
- ހުސައިން ފިރުޝާން - މަޑަވެލި ދާއިރާ
- އަހުމަދު ޒާހިރު - ގައްދޫ ދާއިރާ
- އިބްރާހިމް ރަޝީދު - މާފަންނު މެދު ދާއިރާ
- އިބްރާހިމް ނާޒިލް - ހިތަދޫ ދެކުނު ދާއިރާ
- މުހައްމަދު ވަހީދު - އުނގޫފާރު ދާއިރާ
- މުހައްމަދު ރަޝީދު - މައްޗަށްގޮޅީ އުތުރު ދާއިރާ
- މޫސާ ސިރާޖް - ފޮނަދޫ ދާއިރާ
- މީކާއީލް އަހުމަދު ނަސީމް - ގަލޮޅު ދެކުނު ދާއިރާ
- މުހައްމަދު ރަޝީދު - ފުވައްމުލަކު އުތުރު ދާއިރާ
- ހުސައިން މުހައްމަދު ދީދީ - ފުވައްމުލަކު
- އަލީ އާޒިމް - މެދު ހެންވޭރު ދާއިރާ
- މުހައްމަދު ރާއީ - މަކުނުދޫ ދާއިރާ
- ހަސަން އަހުމަދު - އިނގުރައިދޫ
- ހަސަން ޒަރީރު - މަތިވެރި ދާއިރާ
- ހަސަން ޝިޔާމް - ތޮއްޑޫ ދާއިރާ
- އަހުމަދު ވަހީދު - ދިއްދޫ ދާއިރާ
- އަހުމަދު ރަޝީދު - ހިތަދޫ މެދު ދާއިރާ
ރައީސް ނަޝީދު މީގެ ކުރިން ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދެވުމަށްވެސް މަސައްކަތް ކުރައްވާފައެވެ. އެ ފަހަރުވެސް އިތުބާރު ނެތްކަމުގެ ގަރާރުގައި ވިއްސަކަށް މެންބަރުން ލައްވާ ސޮއިކުރެއްވިއެވެ. ނަމަވެސް ފައްޔާޒު މަގާމުން ދުރުނުކުރެވޭނެކަން ޔަގީންވުމުން އެ މަސައްކަތް ހުއްޓަވާލައްވާ އެމްޑީޕީގެ ގައުމީ މަޖިލީސް މެދުވެރިކޮށް އެ މަސައްކަތް ކުރެއްވުމަށް ނިންމެވީއެވެ.
ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ ނުކުރަން ވަނީ ނިންމާފައެވެ.
ދައުވާ ނުކުރަން ނިންމި ނިންމުން ސާފުކޮށް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވީ، ވެންޓިލޭޓަރުތައް ގަންނަން ހަވާލު ކުރުމުގައި އިދާރީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް ގަބޫލުކުރެވުނަސް، މިނިސްޓަރު އަމީންގެ އިތުރުން އެކަމުގައި ދައުވާކުރަން އޭސީސީން ފޮނުވި ބޭފުޅުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅަން ދަތި ކަމަށެވެ.
އަދި ދައުވާ ނުކުރަން ނިންމީ، އެކަމުގައި އޭސީސީން ފޮނުވާފައިވާ ރިޕޯޓާއި ލިޔެކިއުންތަކުގެ އަލީގައި، އެ ދައުވާތައް ކޯޓުގައި ސާބިތުކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާތީކަމަށްވެސް ޝަމީމް މިއަދު ވަނީ ވިދާޅުވެފަ އެވެ.