ލައިފްސްޓައިލް

ކޯމާއިން ތެދުވެ ހެކިބަސް ދިނުމުން ދެ އެކުވެރިން ޖަލަށް

އިންޖިނިއަރިންގެ ރޮނގުން ކިޔަވަމުންދިޔަ 19 އަހަރުގެ ޒުވާން ފިރިހެން ކުއްޖެއް އިންޑިޔާގެ ބެންގަލޫރޫގެ ބިލްޑިންގެއްގެ ތިން ބުރިއަށް ހަދާފައިހުރި ގެއެއްގެ ޓެރަސް މަތިން ވެއްޓި ލިބުނު އަނިޔާތަކެއްގެ ސަބަބުން ކޯމާއަށް ދިޔަ އެވެ. އޭނާ ވެއްޓުމުން އެންމެން ވެސް އޭރު ހީކުރީ އަމިއްލައަށް ފުންމާލީ ކަމަށެވެ. ނަމަވެސް މި ހާދިސާއަށް 10 އަހަރު ފަހުން މި ޒުވާނާގެ ދެ އެކުވެރިއަކަށް ހަތް އަހަރަށް ޖަލަށް ލުމުގެ ހުކުމެއް ވަނީ އައިސްފަ އެވެ.

ޒުވާނާ އަމިއްލައަށް ފުންމާލީ ނޫން ކަމާއި ދެ އެކުވެރިންނާއި އަދި އެހެން ދެ މީހަކު ވެގެން އޭނާ ވައްޓާލީކަން ސާބިތުވެގެންނެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އެކުވެރިޔާ މަރާލަން އުޅުނުކަމުގެ ކުށް ސާބިތުވެ އޭނާގެ ދެ އެކުވެރިންނަށް ޖަލަށް ދާން ޖެހުނުއިރު އެމީހުންނަށް ކިޔަވައިގެން ވަރަށް ރަނގަޅު ވަޒީފާތަކުގައި އުޅެމުންދިޔަ މީހުން ކަމަށެވެ. ދެ މީހުންނަކީ ވެސް މިހާރު ސޮފްޓްވެއާ އިންޖިނޭރުންނެވެ.

މި ވާހަކައަކީ ފިލްމެއްގެ ވާހަކައަކަށް ހަދަން ވަރަށް ކަމުދާނެ ކަހަލަ ހާދިސާތަކެއް ދިމާވެފައިވާ ވާހަކަ އެކެވެ.
މައްސަލަ ބަލަން ނުވަ އަހަރު އުސް އިމާރާތުގެ މަތިން ވައްޓާލުމުގެ ސަބަބުން މިހާރު 29 އަހަރުގެ ސޯވިކް ޗެޓަޖީ ކޯމާއަށް ގޮސްފައި އަހަރެއްހާ ދުވަހު ހޭ ނާރާ އޮތެވެ. ހޭ އެރި ފަހުން ވެސް އޭނާއަށް އެ ހަނދާންތައް އައިސް އެ ވާހަކަތައް ކިޔައިދެވުނީ އެތައް ޒަމާނެއް ފަހުންނެވެ. އޭނާ ރަނގަޅު ވެގެން ތަހުގީގަށް ދިން ބަޔާނުން ދެ އެކުވެރިން މި މައްސަލައިގައި ބެދުނީ އެވެ.

ސޯވިކް ވަނީ އޭނާއާ ދޭތެރޭ އެ ދުވަހު ކަންތައްތައް ހިނގި ގޮތް ވަރަށް ތަފްސީލުކޮށް ތަހުގީގު ޓީމަށް ކިޔައިދީފަ އެވެ. އެއާއެކު އޭނާގެ ދެ އެކުވެރިން ކަމަށްވާ ޝަޝާންކް ދާސް، 29، އާއި ޖީތެންދުރަ ކުމާރު ސާހޫ، 32، އަށް ސަލާމަތް ނުވެވޭވަރަށް އެކަމުގައި ބެދުނީ އެވެ.

ނަމަވެސް މި މައްސަލައިގެ ތަހުގީގު ނިންމަން ނުވަ އަހަރުގެ ދިގު މުއްދަތެއް ނަގާފައި ވެއެވެ.

ސޯވިކް ހޭ އެރި ނަމަވެސް އެކުވެރިން އޭނާއަށް ދިން މަރުގެ ހަމަލައިގައި އޭނާ ވަނީ އެނދުން ނުތެދުވެވޭ ވަރުގެ ބަލި މީހަކަށް ވެފަ އެވެ. އަދި އޭނާ ޓެރަސް އިން ވައްޓާލުމުގައި ދެ އެކުވެރިންނާ އެހީތެރިވި އިތުރު ދެ ޒުވާނަކު އަދިވެސް ހޯދިފައެއް ނުވެ އެވެ. ސޯވިކް އާއި އޭނާ މަރާލަން މަސައްކަތްކުރި ކަމުގެ ކުށުގައި ޖަލު ހުކުމް އައި އެއް އެކުވެރިޔާ ދާސް އަކީ ބެންގަލޫރޫގެ އިންޖިނިއަރިން ކޮލެޖެއްގެ އެއް ކްލާހެއްގައި ކިޔެވި ދެ މީހުންނެވެ. ސާހޫ ކިޔެވީ އެހެން ކޮލެޖެއްގަ އެވެ.

ސޯވިކް އާއި އަނެއް ދެ އެކުވެރިންގެ މެދުގައި ޖެހުނީ އަންހެންކުއްޖެއްގެ މައްސަލަ އެވެ. ސޯވިކް އާއި އަންހެންކުދިންނަށް ޚާއްސަ ކޮލެޖެއްގައި ކިޔެވި އަންހެންކުއްޖަކާ ދެމެދު އެ ދުވަސްވަރު ވަރަށް ގާތް ގުޅުމެއް އޮތެވެ. ދާސް ވެސް ހުރީ މާ ކުރިއްސުރެ އެ އަންހެންކުއްޖާ އާ އަޅައިގެންފަ އެވެ. ނަމަވެސް ދާސް އެއް ދުވަހު އެ އަންހެންކުއްޖާ އާއި އޭނާގެ މަންމައާ ދިމާލަށް ހުތުރު އެއްޗެހިތަކެއް ކިޔުމާ ގުޅިގެން ދާސް އާ އޮތް އެކުވެރިކަން ސޯވިކް އަމިއްލައަށް ކަނޑާލައި އޭނާ އާ ވާޙަކަ ދެއްކުން ހުއްޓާލީ އެވެ. މިކަމާ ރުޅިއައިސް ސާހޫ އަށް ގުޅާފައި މި ވާހަކަތައް ދާސް ދެއްކި އެވެ. އަދި ދެ މީހުން ވެގެން ސޯވިކަށް ހޭ އަރުވާލަން ރޭވި އެވެ.

ޑިސެމްބަރު، 6، 2010 ވަނަ ދުވަހު ހެނދުނު ސޯވިކް އަށް ދާސް ގުޅި އެވެ. އޭނާ އަށް ކިޔުނު އެއްޗިއްސަށް މައާފަށް އެދެން ބޭނުންކަމަށާއި އެ ވާހަކަތައް ދައްކާލަން ބައްދަލުވާން އެދުނެވެ. އަދި ދާސް އުޅޭ ބިލްޑިންގްގެ މައްޗަށް ބައްދަލުކުރަން އައިސް ދިނުމަށް ވެސް އެދުނެވެ.

ސޯވިކް އެ ޓެރަސް މައްޗަށް އެރިއިރު ދާސް އާއި ސާހޫ އަދި އެ މީހުންގެ އެހެން ދެ އެކުވެރިއަކު އެތާ ތިއްބެވެ. އޭނާ އެ އުސް ތަނުން ކޮއްޕާ ވައްޓާލީ އެ ހަތަރުމީހުން ވެގެންނެވެ.

ވެއްޓުމާއެކު ސޯވިކްގެ ބޮލަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބި ކޯމާ އަށް ދިޔަ އެވެ. ބެންގަލޫރޫ ހޮސްޕިޓަލުގައި ދެ މަހު ބޭއްވުމަށްފަހު ކޮލްކަތާގެ ހޮސްޕިޓަލަށް އޭނާ ބަދަލުކުރި އެވެ. ސޯވިކް ހޭ އެރީ 2011 ވަނަ އަހަރުގެ އޮގަސްޓްމަހު އެވެ. ހޭ އެރި ނަމަވެސް އޭނާއަށް އެއްވެސް ކަމެއް އޭރު ހަނދާނަކު ނެތެވެ. ވެއްޓުނު ގޮތް ހަނދާނަށް އައީ ހޭ އެރިތާ ވެސް އެތައް ދުވަހެއް ފަހުންނެވެ.

ނަމަވެސް ސޯވިކް ބަޔާން ދިނުމަށްފަހު ވެސް މި ތަހުގީގު ނިންމައި މި މައްސަލައިގައި ކޯޓުން ހުކުމެއް އައިސްފައި މިވަނީ ހާދިސާ ހިނގިތާ ބަރާބަރު ނުވަ އަހަރު ފަހުންނެވެ. މިހާރު ދާސް އާއި ސާހޫ ތިބީ ހަތް އަހަރުގެ ޖަލު ހުކުމެއް ފުރިހަމަ ކުރުމަށް ޖަލުގަ އެވެ.