ދުނިޔެ

ހަޝޯގީގެ މަރު: ސައުދީ ވަލީއަހުދާ ދެކޮޅަށް ދައުވާ

Oct 21, 2020

ސައުދީ ނޫސްވެރިޔާ ޖަމާލް ހަޝޯގީގެ މަރުގެ މައްސަލާގައި، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާ ދެކޮޅަށް އެމެރިކާގެ ކޯޓެއްގައި ދައުވާއެއް އުފުލައިފި އެވެ.

އަނިޔާވެރި ގޮތަކަށް ހަޝޯގީ މަރާލީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓު ތެރޭގަ އެވެ.

މުހައްމަދުގެ މައްޗަށް ދައުވާއެއް ހުށަހެޅުމުގައި އިސްކޮށް ހުރީ ހަޝޯގީ ކައިވެނި ކުރަން އުޅުނު ކަމަށް ބުނާ އޭނާގެ ލޯބިވެރިޔާ ހަދީޖާ ޖެންގީޒެވެ. ދައުވާގެ ބޭނުމަކީ ބަދަލު ހޯދުމެވެ. ދައުވާ ހުށަހަޅާފައި ވަނީ ވޮޝިންޓަން ޑީސީގެ ޑިސްޓްރިކްޓު ކޯޓަކަށެވެ.

މި ދައުވާގައި މުހައްމަދުގެ އިތުރުން ސައުދީގެ އެހެން ބައެއް އިސް ބޭފުޅުން ވެސް ހިމަނާފައި ވެއެވެ. އެ އަދަދު 24 އަށް ވުރެ މައްޗަށް އަރަ އެވެ.

ހަޝޯގީގެ މައްސަލާގައި މުހައްމަދަށް ކުރާ ތުހުމަތުތައް ސައުދީ ސަރުކާރުން ދޮގު ކުރެ އެވެ.