ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރެއް ތިމަރަފުށީގައި

ތ. ތިމަރަފުށީ ގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ހުޅުވި މި ސެންޓަރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

މި ހިދުމަތާއެކު ތ. އަތޮޅުގައި ބީއެމްއެލް އިން އޭޓީއެމްގެ ހިދުމަތް ތިން ރަށަކުން ލިބޭނެއެވެ. އަދި ބޭންކުން އަންނަނީ ގުރައިދޫ އާއި ވޭމަންޑޫގައިވެސް އޭޓީއެމް އަދި ބްރާންޗްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ގާއިމްކުރެވުނު މި ސެންޓަރުގެ ސަބަބުން ރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށާއި ވިޔަފާރިތަކަށް އަދި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭންކިން ހިދުމަތްތައް ހޯދުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެއެވެ. އަދި ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ގައުމީ ބެންކުން ބުންޏެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 61 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 124 އޭޓީއެމް އާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.