ޔޫރޮޕާ ލީގް އަދި ޕްރިމިއާ ލީގްގެ އާސެނަލްގެ ސްކޮޑްގައި މިޑްފީލްޑާ މެސްޓް އޮޒިލް ނުހިމެނުމުގައި ޒާތީ އެއްވެސް ސަބަބެއް ނެތް ކަމަށް އާސެނަލްގެ ކޯޗް މިކަލް އާޓެޓާ ބުނެފި އެވެ.
ޔޫރޮޕާ ލީގްގައި އޮސްޓްރިއާގެ ރެޕިޑް ވީން އާ ދެކޮޅަށް މިރޭ ނުކުންނަ މެޗުގެ ކުރިން އާޓެޓާ ބުނީ، ސްކޮޑުން އޮޒިލްއަށް ފުރުސަތު ނުދިނުމުގައި ފުޓްބޯޅައިގެ ސަބަބެއް ނޫން އެހެން އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
އާސެނަލްގެ ކޯޗް ކަމާ މިދިޔަ ޑިސެމްބަރު މަހު އާޓެޓާ ހަވާލުވެ ކުޅުނު 10 މެޗުގައި އޭނާ ވަނީ އޮޒިލްއަށް ފުރުސަތު ދީފަ އެވެ. އޭގެ ފަހުން މާޗް މަހު ފުޓްބޯޅައިގެ ހަރަކާތްތައް މެދުކަނޑަލައި އަލުން ކުޅެން ފެށި ފަހުން އޮޒިލްއަށް އެއްވެސް މެޗަކުން ފުރުސަތު ދީފައެއް ނުވެ އެވެ.
އޮޒިލްގައި އާސެނަލްގެ މުސާރައަކީ ހަފުތާއަކު 350،000 ޕައުންޑެވެ. އޭނާއަކީ އާސެނަލްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އެވެ. އާސެނަލް އާއި އޮޒިލް އާ ދެމެދު އޮތް ގުޅުން ހީނަރުވާން ދިމާވީ، ކޮރޯނާ ވައިރަސް އާ ގުޅިގެން ކުޅުންތެރިންގެ މުސާރައިގެ 12.5 ޕަސަންޓް އުނިކުރަން ހުށަހެޅި ހިސާބުންނެވެ. މެނޭޖުމެންޓުން ހުށަހެޅި ހުށަހެޅުމަށް ދެކޮޅު ހެދި ތިން ކުޅުންތެރިންގެ ތެރޭގައި އޮޒިލް ހިމެނެ އެވެ.
ޗައިނާގެ ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާގެ ސަރުކާރުން ހިނގަމުންދާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ޑިސެމްބަރު މަހު އޮޒިލް ވަނީ ވާހަކަ ދައްކާފަ އެވެ. އޮޒިލްގެ ވާހަކަތަކާ އާސެނަލްއިން ބަރީއާ ވާކަން ފަހުން އެ ކުލަބުން ހާމަ ކުރި އެވެ.
އާޓެޓާ ބުނީ، އޮޒިލް ސްކޮޑުގައި ނުހިމެނީ އެފަދަ އެއްވެސް ކަމަކާ ގުޅިގެން ނޫން ކަމަށެވެ. އާޓެޓާ ބުނީ އޮޒިލް ޓީމުން އުނި ކުރުމަކީ އޭނާ ނިންމި ނިންމުމެއް ކަމަށާއި އެކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށެވެ.
އޮޒިލް ވަނީ އިއްޔެ ސޯޝަލް މީޑީއާގައި އާޓެޓާގެ ނިންމުމާމެދު ފާޑު ކިޔާފަ އެވެ. އޭނާ ބުނެފައި ވަނީ ޓީމަށް އޭނާ ދިން ވަފާތެރި ކަމުގެ އަގު ޓީމުން ބަލައިގެންފައި ނުވާ ކަމަށެވެ. އާޓެޓާ ބުނީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ހިޔާލު ފާޅު ކުރެވިދާނެ ކަމަށެވެ. މީހަކު ދައްކާ ވާހަކަ އަކާ މެދު އޭނާ ނުވިސްނާ ކަމަށެވެ.
"މިކަމުގެ ފުރިހަމަ ޒިންމާ ނަގާ މީހަކީ އަހަރެން،" އޮޒިލް ސްކޮޑުން އުނިކުރި ސަބަބާ ބެހޭގޮތުން އާޓެޓާ ބުންޏެވެ. "ކުޅުންތެރިންގެ ކިބައިން އެންމެ ރަނގަޅު ފެންވަރު ނެރެން ޖެހޭނެ މީހަކީ އަހަރެން. އެއީ އަހަރެންގެ ޒިންމާއެއް. އެއީ އެއްވެސް ކަމަކާ ގުޅުން ހުރި ކަމެއް ނޫން."
އާސެނަލް އާ އެކު އޮޒިލް ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން 30 އަށް ނިމެނެ އެވެ.