ހަބަރު

"ޒުވާނުންނަށް ކޮށްދެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހޭ"

ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު، ޒުވާނުންނަށް ސަރުކާރުން ކޮށްދިން މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހަކީ، ރާއްޖޭގައި ފާހަގަ ކުރާ ޒުވާނުންގެ ދުވަހެވެ.

ގައުމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޔޫތު މިނިސްޓަރު ދެއްވި ހިތޯބެއްގައި ވިދާޅުވީ، ޒުވާނުންނަށް އަމާޒުކޮށް ކުރި މަސައްކަތްތަކާ މެދު ހިތްހަމަޖެހުން ބޮޑު ކަމަށެވެ. ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން 40 ޕަސެންޓު މަސައްކަތަކީ މިނިސްޓްރީ ކުރާ މަސައްކަތްތައް ކަމަށާއި ވޭތުވެދިޔަ އަހަރުތަކާ އަޅާ ބަލާއިރު ގިނަ ކަންތައްތަކެއް ކުރެވި ކާމިޔާބުތަކެއް ހާސިލްވާކަން އެއީ މިއަދު ފެންނަ ހަގީގަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ހިތޯބުގައި ވަނީ ޒުވާނުންނަށް ކޮށްދިން މަސައްކަތްތައް ވެސް ކިޔައިދީފަ އެވެ. އެގޮތުން، ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް އެސްޑީއެފްސީ ބައެއް ބޭންކުތައް މެދުވެރިކޮށް، ވިޔަފާރި ފެށުމަށް އެހީިވުމާއި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގުނު ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ޒުވާން ލީޑަރުން އުފެއްދުމަށް ކޭމްޕުތަކެއް ބޭއްވި ކަމަށާއި ޖަމިއްޔާތައް ގުޅިގެންވެސް މަސައްކަތްތަކެއް ކުރި ކަމަށް ހިތޯބުގައި ފާހަގަ ކުރި އެވެ.

އަދި ވިދާޅުވީ ޒުވާނުންނަށް އެކި ދާއިރާތަކުން ދިމާވާ ދަތިތަކާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މިހާރުވެސް ކަމާ ގުޅުންހުރި އިދާރާތަކާއެކު މަސައްކަތް ކުރާ ކަމަށާއި އިސްލާހު ކުރަން ހުރި ކަންކަން ރަނގަޅު ކުރާނެ ކަމުގެ ޔަގީންކަން ޒުވާނުންނަށް އަރުވާ ކަމަށެވެ.