މެސީ

މެސީގެ ރިޕްލޭސްމެންޓަކަށް ވާނީ މައުކޯކޯ: އެޓޫ

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީއަށް ފަހު އޭނާގެ މަގާމު ފޫބެއްދޭނެ ފެންވަރުގެ ކުޅުންތެރިޔަކީ ބުރޫޝިއާ ޑޯޓްމުންޑްގެ ޔޫސުފާ މައުކޯކޯ ކަމަށް ބާސާގެ ކުރީގެ ފޯވަޑް ސެމިއުލް އެޓޫ ބުނެފި އެވެ.

ކެމެރޫންއަށް ނިސްބަތްވާ މައުކޯއަށް ވަނީ ޑޯޓްމުންޑްގެ ޗެމްޕިއަންސް ލީގުން ސްކޮޑުން ފުރުސަތު ދީފަ އެވެ. އެހެން ނަމަވެސް އޭނާއަށް އެ މުބާރާތުގައި މެޗެއް ކުޅެވޭނީ އަންނަ މަހު 20 ގެ ފަހުންނެވެ. އެއީ އޭނާ އަށް 16 ފުރުމަށް ފަހު އެވެ.

ކެމެރޫންގެ ކުރީގެ ކެޕްޓަން އެ ޓޫ ބުނީ، މެސީގެ މަގާމު ފޫބެއްދުމަށް ބާސާއިން ދުރު މުސްތަގުބަލަކަށް ވިސްނާނަމަ އެ ޓީމުން މައުކޯކޯ އަށް ބިޑް ކުރަން ޖެހޭ ކަމަށެވެ.

"އެބަހުރި ޑޯޓްމުންޑުންޑަށް ކުޅެމުންގެންދާ ޔޫސުފް މައުކޮކޯ ކިޔާ ކުޅުންތެރިޔެއް،" ބާސާއިން ދެން ބޮޑު ޓްރާންސްފާއެއްގެ ގޮތުގައި ސޮއި ކުރުވަން ޖެހޭނެ ކުޅުންތެރިޔަކީ ކޮބައިތޯ ގޯލްޑޮޓްކޮމް އިން ސުވާލު ކުރުމުން އެޓޫ ބުންޏެވެ. "އުމުރުން 15 އަހަރުގެ ކުޅުންތެރިޔެއް، އަހަރެންގެ ނަޒަރުގައި މެސީއަށް ފަހު ދެން އެންމެ ޓޮޕް ޕްލޭޔަރަކަށް ވާނީ އޭނާ."

މެސީ އާއެކު ބާސާއަށް ކުޅުނު އެޓޫ ބުނީ މެސީގެ އުމުރުން މަތި ވާވަރަކަށް އޭނާގެ މަގާމު ފޫބެއްދުމަށް ދުރާލައި ބާސާއިން ތައްޔާރުވާން ޖެހޭ ކަމަށެވެ. ބާސާގެ މިހާރުގެ ފޯވަޑް އެންޓްއާން ގްރީޒްމަން އާއި މައުކޯއެކު ރަނގަޅު ގުޅުމެއް ދަނޑު މަތީގައި އުފެއްދޭނެ ކަމަށް އެޓޫ ގަބޫލު ކުރެ އެވެ.

"އެންޓްއާން [ގްރީޒްމަން] އަދި ޔޫސުފާ [މައުކޯކޯ] އާއެކު ޓީމުގެ ފޯވަޑްލައިން ވަރަށް ރަނގަޅަށް މަސައްކަތް ކޮށް ކުރިއަށް ދެވޭނެ،" ނިންމާލަމުން އެ ޓޫ ބުންޏެވެ. "އަހަރެން ޝައުގުވެރިވޭ ކިލިޔަން އެމްބާޕޭވެސް ބާސާއިން ފެނުން."

މިދިޔަ ޓްރާންސްފާ ޕީރިއަޑްގައި މެސީ ވަނީ ބާސާ ދޫކޮށްލަން މަސައްކަތް ކޮށްފަ އެވެ. އެކަމަށް ހުރަސް އެޅީ ބާސާގެ ބޯޑުންނެވެ. މެސީ އާއި ބާސާގެ އެންމެ އިސް މެނޭޖުމެންޓާ ދެމެދު އޮތް ގުޅުންވެސް ވަނީ ކެނޑިފަ އެވެ. ބާސާ އާއެކު އޮތް މެސީގެ ކޮންޓްރެކްޓް އަންނަ އަހަރު ޖޫން 30 ހަމަ ވާނެ އެވެ.