ހަބަރު

މުވައްޒަފުން ސަސްޕެންޑުކުރާއިރު އަންގަން އެދިއްޖެ

Oct 22, 2020

ސިވިލް ސާވިސްގެ މުވައްޒަފަކު އޮފީހަށް ނުނުކުންނަން އަންގާނަމަ އެ އެންގުމެއް، 24 ގަޑިއިރުގެ ތެރޭ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ ހިއްސާ ކުރުމަށް ސީއެސްސީން ސަރުކާރުގެ އޮފީސްތަކަށް އަންގައިފި އެވެ.

އެ ކޮމިޝަނުން މިއަދު އާންމު ކުރި ސާކިއުލާއެއްގައި ބުނެފައިވަނީ ސިވިލް ސާވިސް ގަވާއިދުގެ 258 ވަނަ މާއްދާގެ (ނ) ގައިވާ ހާލަތްތަކުގައި މުވައްޒަފަކު އޮފީހަށް ނުކުތުން މަނާ ކުރިކަން 24 ގަޑިއިރުގެ ތެރޭގައި ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށެވެ.

އެ ގޮތަށް ސަސްޕެންޑުކުރާ މުވައްޒަފުންގެ މައުލޫމާތު 24 ގަޑިއިރުގެ ތެރޭގައި އެ ކޮމިޝަނަށް ހިއްސާ ކުރަން ގަވާއިދުގައި އޮތް ނަމަވެސް އެފަދައިން އަމަލު ކުރަމުން ނުގެންދާކަން ފާހަގަވެފައިވާ ކަމަށާއި މުވައްޒަފެއްގެ ސަސްޕެންޝަން އުވާލައިފިނަމަ، އެކަންވެސް ލަސްނުކޮށް އަންގަންޖެހޭ ކަމަށް ގަވައިދުގެ 261 ވަނަ މާއްދާގައި ބުނެފައިވާކަމަށް ވެސް ސާކިއުލާގައި ފާހަގަކޮށްފައި ވެއެވެ.

ކޮމިޝަނުން ބުނީ ކުރިއަށް އޮތްތަނުގައި އެކަން ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ސިވިލް ސާވިސްގެ ގަވާއިދާށް އަމަލު ކުރަން އެދޭ ކަމަށެވެ. އަދި އެގޮތަށް އަމަލުކުރުމުގައި އިހުމާލުވާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.