ހެލްތް މިނިސްޓަރު ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކު އައްޔަން ކުރެއްވުމުން ސަރުކާރު ކޯލިޝަން އެބައޮތްތޯ ސުވާލު އުފައްދާ މޭރުމަކުން ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު ޓްވީޓެއް ކުރައްވައިިފި އެވެ.
ގިނަ ޕާޓީތަކެއްގެ ބައިވެރިވުމާއެކު އުފެދުނު މި ސަރުކާރުގައި ހެލްތް މިނިސްޓްރީއަކީ ޖުމްހޫރީ ޕާޓީއަށް ދީފައިވާ ސްލޮޓެކެވެ. އަމީން މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުންނެވެ. ނަމަވެސް އަމީންގެ އިސްތިއުފާއާއެކު އެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު ނަސީމަކީ އެމްޑީޕީގެ މެންބަރެކެވެ.
އެނގިފައިވާ ގޮތުގައި ހެލްތް މިނިސްޓަރު ކަމަށް އައްޔަން ކުރަން ޖޭޕީން ބޭނުންވާ ބޭފުޅެއްގެ ނަން ފޮނުވަން ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި ޖުމްހޫރީ ޕާޓީން އެކަމާއި ގުޅިގެން ދެ ބޭފުޅަކާ ވާހަކަވެސް ދެއްކެވިއެވެ. ނަމަވެސް ޖޭޕީން ނަމެއް ފޮނުވުމުގެ ކުރިން އެ މަގާމަށް އެމްޑީޕީއަށް ނިސްބަތްވާ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމް ވަނީ އައްޔަން ކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީއަށް އޮތް ސްލޮޓަކަށް އެމްޑީޕީގެ މެންބަރަކު އައްޔަން ކުރެއްވުމުން ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު ވަނީ ސަރުކާރު ކޯލިޝަން އެބައޮތްތޯ ސުވާލު އުފައްދަވާ ޓްވީޓެއް ކުރައްވާފައެވެ. ނަމަވެސް ރައީސްގެ ނިންމެވުމާމެދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެ ޕާޓީންވެސް ރަސްމީކޮށް އެއްޗެއް ނުބުނެއެވެ.
ރައީސް ޔާމީންގެ ބާރުވެރި ސަރުކާރު ނިމުމަކަށް އައީ ސެޕްޓެންބަރު 23، 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރުމާއި ގުޅިގެންނެވެ. އިންތިހާބަށް އިދިކޮޅުން ނިކުތް ކޯލިޝަންގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާއި މައުމޫން ރިފޯމް މޫވްމަންޓް އޮތެވެ. އަދި ސިޔާސީ އިސް ހުރިހާ ލީޑަރުން ތިއްބެވީ އިދިކޮޅުގަ އެވެ.
އެ އިންތިހާބަށް ފަހު މި ސަރުކާރު އެކުލަވައިލެވުނު ފަހުން ސަރުކާރު ހިންގަމުންދަނީ ކޯލިޝަން ޕާޓީތަކުން ބައިވެރިވާ ސަރުކާރެއްގެ ގޮތުގައެވެ.
ސަރުކާރު ކޯލިޝަން ދެމިއޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެ ޔަގީންކަން އެންމެ ފަހުން ދެއްވީ ޖުލައި 23 ގައި ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލްވުމުގައެވެ.
"ކޯލިޝަން ދަމަހައްޓަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން، ކޯލިޝަން ތެރޭގައި ޕާޓީތަކުގެ ހިއްސާ ދަމަހައްޓަދޭނަން،" އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލްވުމުގައި އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވިއެވެ.
ކޯލިޝަންގެ ޔަގީންކަން ރައީސް ދެއްވި ނަމަވެސް ކެބިނެޓުން ވަނީ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކަކަކުން ސްލޮޓެއް ގެއްލިފައެވެ. އެގޮތުން އަދާލަތަށް ޖެންޑާ ހައުސިން މިނިސްޓްރީ އުވާލުމާއެކު އެމްއާރްއެމްގެ ސްލޮޓެއް ވެސް ވަނީ މަދުވެފަ އެވެ. ސްލޮޓް މަދުވިނަމަވެސް ސިޔާސީ ހުރިހާ ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުންވެސް ކެބިނެޓްގައި އެބަތިއްބެވެ. އޭގެ ތެރޭގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްއާރްއެމްގެ ވަގުތީ ރައީސް، ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ހިމެނިވަޑައިގަންނަވައެވެ.