ވިޔަފާރި

ތަކެއްޗާއި ހިދުމަތުގެ އަގުތައް މަތިވެއްޖެ: އެމްއެމްއޭ

Oct 23, 2020
1

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސޯދީ ހީނަރުކަމާއެކު، ތަކެއްޗާއި ހިދުމަތުގެ އަގުތައް މަތިވެފައިވާ ކަމަށް، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހެދި ސާވޭ އިން ދައްކައިފި އެވެ.

އެމްއެމްއޭ އިން މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ މައްޗަށް ބަލައި ހަދާފައިވާ "ކުއާޓަރީ ބިޒްނަސް ސާވޭ" ދައްކާ ގޮތުން މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ޓޫރިޒަމް ސިނާއަތާއި އިމާރާތްކުރުމުގެ ދާއިރާ އަދި ހޯލްސޭލް އާއި ރީޓެއިލްގެ ސިނާއަތްތަކުގައި ހިމެނޭ ވިޔަފާރި ތަކުން ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތަކާއި އަދި ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް ވަނީ މަތިވެފަ އެވެ.

މި ސާވޭ ދައްކާ ގޮތުގައި ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކަށް ބަލާއިރު، އެ ސިނާއަތުގައި ހިމެނޭ ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތައް ދަށްވެފައި ވީނަމަވެސް، ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް ވަނީ މަތިވެފަ އެވެ. މި އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ ސިނާއަތުގެ އަގުތައް ފިޔަވައި އެހެން ސިނާއަތްތަކުގެ އަގުތައް މަތި ވެގެން ދާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި ތިންވަނަ ކުއާޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައް ފިޔަވައި، އެހެން ސިނާއަތްތަކުގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ހާލަތު، އަހަރުގެ ދެވަނަ ކުއާޓަރަށްވުރެ ގޯސްވެފައިވާ ކަމަށެވެ. އެގޮތުން، އިމާރާތްކުރުމުގެ ސިނާއަތުގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ހާލާތު މި ކުއާޓަރުގައި ވަރަށް ބޮޑަށް ދަށްވެ، ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިތަކުގެ މާލީ ހާލަތު ގޯސްވެފައިވާ މިންވަރު، އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު މަޑުޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ކުއާޓަރުގައި ޓޫރިޒަމް ސިނާއަތާއި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތަކުގެ މާލީ ހާލަތު ފާހަގަކޮށްލެވޭ މިންވަރަކަށް ވަނީ ރަނގަޅުވެފަ އެވެ.