ވިޔަފާރި

އިފުރު އެއާޕޯޓާއި ރިސޯޓް ވިއްކާލަނީ 65 މިލިއަން ޑޮލަރަށް

Oct 23, 2020

އިފުރު އެއާޕޯޓާއެކު އިފުރު ރިސޯޓު 65 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ) އަށް ވިއްކާލަން އަނެއްކާ ވެސް އިއުލާނު ކޮށްފި އެވެ.

ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީ (ޓީއެސްއެމްއައިސީ) އިން އިންވެސްޓް ކޮށްގެން ތަރައްގީ ކޮށްފައިވާ ފަސް ތަރީގެ އިފުރު ރިސޯޓާއި އެއާޕޯޓް ވިއްކާލަން މީގެ ކުރިން ވެސް އިއުލާނު ކޮށްފައިވެ އެވެ. ނަމަވެސް އެ ފަހަރު އެ ކުންފުނިން މި ދެ ޕްރޮޕަޓީ ވިއްކާލާ އަގު ބުނެފައެއް ނުވެ އެވެ.

ނަމަވެސް މިހާރު ބޭރުގެ ބައެއް ޕްރޮޕަޓީ ވިއްކާ މަޖައްލާތަކުގައި މި ރިސޯޓާއި އެއާޕޯޓް އެއްކޮށް ވިއްކާލާ އަގު ވަނީ ހާމަކޮށްފަ އެވެ. އީޖީއޯ މެގަޒިންގައިވާ ގޮތުން މި ދެ ޕްރޮޕަޓީއެއްކޮށް ވިއްކާލަނީ 65 މިލިއަން ޑޮލަރެވެ.

އެ ފަރާތުން ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 50 އަހަރުގެ މުއްދަތަށް ވިއްކާލާ އިފުރު ރިސޯޓާއި އެއާޕޯޓް ތަރައްގީކޮށްފައިވާ ރަށަކީ 56.52 ހެކްޓަރުގެ ގުދުރަތީ ގޮތުން ހާއްސަ ސިފަ ތަކެއް ލިބިފައިވާ ރަށެވެ. އިފުރު ރިސޯޓުގައި ޖުމްލަ 150 ބީޗްވިލާ ހުރެ އެވެ. މި ރިސޯޓަކީ 300 އެނދުގެ ރިސޯޓެކެވެ. މި ރިސޯޓު ގަންނަ ފަރާތަކަށް ބ. ފުނަދޫ ކިޔާ ރަށެއް 50 އަހަރުގެ މުއްދަތަށް ލިބޭނެ އެވެ. ގާތްގަނޑަކަށް 12 ހެކްޓަރުގެ މި ރަށުގައި 90 ކޮޓަރީގެ ރިސޯޓެއް ތަރައްގީކުރެވޭނެ އެވެ.

ރާއްޖޭގައި ތަރައްގީކޮށްފައިވާ ޓޫރިޒަމްއާ ގުޅުން ހުރި ޕްރޮޕަޓީތައް ފައިދާ ޖެއްސުމަށްފަހު އާއްމުކޮށް 10 އަހަރު ތެރޭގައި ވިއްކާލަ އެވެ. މިގޮތުން މިހާތަނަށް އެންމެ ބޮޑު އަގެއްގައި ރިސޯޓެއް ވިއްކާލާފައިވަނީ ނ. އަތޮޅުގައި ހިންގާ ރަންދެލި ރިސޯޓެވެ. މީގެ އިތުރުން މި ފަދަ އެންމެ ބޮޑު މުއާމަލާތަކީ ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ބައިން ކެޕިޓަލް އިން ގަތުމެވެ. އެ ކުންފުނިން ހިއްސާ ގަނެފައިވަނީ 550 މިލިއަން ޑޮލަރު (8.4 ބިލިއަން ރުފިޔާ) އަށެވެ.