ތަފާސް ހިސާބު

ޒުވާނުންގެ 56 ޕަސެންޓް ވަޒީފާއަދާ ނުކުރޭ

ޒުވާނުންގެ 56 އިންސައްތަ އެއްވެސް ވަޒީފާއެއް އަދާ ނުކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ގައުމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޒުވާނުންގެ 56 އިންސައްތަ އެއްވެސް ވަޒީފާއެއް އަދައެއް ނުކުރެއެވެ. އަދި މި އިންސައްތައިގެ ތެރޭގައި ތައުލީމް ހާސިލްކުރަމުން ނުދާ ޒުވާނުންނާއި އެއްވެސް ތަމްރީނެއް ހާސިލް ކުރަމުން ނުދާ ޒުވާނުންވެސް ހިމެނެއެވެ.

އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި ތައުލީމް، ވަޒީފާ އަދި އެއްވެސް ތަމްރީނެއް ހާސިލް ކުރަމުންނުދާ ޒުވާނުންގެ ބޮޑު އަދަދެއް ހިއްސާ ކުރަނީ އަންހެނުންނެވެ. އެއީ 56 އިންސައްތައިގެ 41 އިންސައްތައެވެ. ފިރިހެނުންގެ އިންސައްތައަކީ 15 އެވެ.

އަދި އޭގެ ތެރޭގައި އުމުރު ފުރާއިން ބަލާނަމަ އެންމެ ގިނައީ އުމުރުން 32 އަހަރު އަންހެނުންނެވެ. ދެން 33 އަހަރުގެ އަންހެނުންނާއި 31 އަހަރުގެ އަންހެނުންނެވެ. ފިރިހެނުންގެ ތެރެއިން އެންމެ ގިނައީ 19 އަހަރުގެ ޒުވާނުންނެވެ. ދެން 18 އަހަރާއި 21 އަހަރުގެ ޒުވާނުންނެވެ.

ޒުވާނުންގެ އެންމެ ގިނަ ބަޔަކު ތައުލީމް ހާސިލްކޮށްފައިވަނީ ސޯޝަލް ސައިންސް އާއި ބިޒްނަސް އަދި ލޯ ގެ ދާއިރާއިންނެވެ. ދެން އެޑިއުކޭޝަންގެ ދާއިރާއާއި ސައިންސް އަދި ހެލްތް އެންޑް ވެލްފެއާއެވެ.

ރާއްޖޭގައި ޒުވާނުންގެ ގޮތުގައި ބަލަނީ އުމުރުން 18 އަހަރާއި 35 އަަހަރެވެ. ނަަމަވެސް ބައިނަލްއަގްވާމީ ގޮތުން ޒުވާނެއްގެ ގޮތުގައި ބަލަނީ އުމުރުން 15 އަހަރާއި 24 އަހަރުގެ މީހުންނެވެ. 2020 ވަނަ އަހަރުގެ އާބާދީގެ އަންދާޒާ ދައްކާގޮތުން އުމުރުން 18 އަހަރާއި 35 އަހަރުގެ 240،584 މީހުން އެބަތިއްބެވެ. އެއީ އާބާދީގެ 43 އިންސައްތައެވެ. އޭގެ ތެރެއިން މާލެ ސިޓީގައި 135،541 މީހުން ދިރިއުޅެއެވެ. އަތޮޅުތަކުގައި އުޅޭ ޒުވާނުންގެ އާބާދީއަކީ 105،042 އެކެވެ.