ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ބޯޑަރު ހުޅުވުމުގެ ހިތްވަރުން އުންމީދީ ހުޅުކޮޅު!

Oct 24, 2020
1

ރާއްޖޭގެ އިގްތިސޯދުގެ މައި ދޮރޯށި ކަމަށްވާ ޓޫރިޒަމްގައި "ބޮޑުތަޅު" އެޅުވީ މާޗް 15ގަ އެވެ. ކޮވިޑް-19 ގެ ބަލި ރާއްޖޭގެ ބޯޑަރުން އެތެރެވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ނެގި މި ބޮޑު ފިޔަވަޅުވީ ދިވެހިންގެ ދިރިއުޅުން އެފުއް މި ފުށަށް ޖެހިގެން ދިޔަ ބަދަލަކަށެވެ. މީގެ ސަބަބުން އާމްދަނީ ލިބެމުން ހުރި ގިނަ ދޮރުތަކެއް ބަންދު ވެގެން ދިޔަ އެވެ. ނަމަވެސް ޖުލައި 15 ގައި ބޯޑަރު ހުޅުވުމާއެކު ކުރިއަށް ދާނެ މަގެއް ފެނިގެން ދިޔަ އެވެ. ސަރުކާރުގެ މި ހިތްވަރުގަދަ ފިޔަވަޅު ނެގިއިރު ދުނިޔެ އޮތީ ވަރަށް ހާލުގަ އެވެ. ވާނުވާގަ އެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރު ހުޅުވިތާ ތިން މަސް ވީއިރު މިހާރު ފެންނަމުން ދަނީ އުންމީދީ މަންޒަރު ތަކެވެ. ރާއްޖޭގެ އަނަރޫފަވެފައިވާ އިގްތިސޯދު ރަނގަޅުވެދާނެ ކަމުގެ ހެކިތައް ފެންނަން ފަށައިފި އެވެ.

"މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެންގެވި ވަރަށް ހިތްވަރު ގަދަ ފިޔަވަޅެއް. އިރާދުކުރެއްވިއްޔާ މިހާރު ފެންނަމުން ދަނީ އުންމީދީ މަންޒަރު ތަކެއް،" ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމް ހުޅުވިތާ ތިން މަސް ވެގެން ދިޔައިރު މިހާތަނަށް އައިސްފައިވަނީ 27،000 ޓޫރިސްޓުންނެވެ. މި އަހަރަށް 100،000 ޓޫރިސްޓުންގެ ޓާގެޓެއް ކަނޑައަޅާފައިވާއިރު މިއީ ރާއްޖޭގެ އިގްތިސޯދަށް އެކަށީގެންވާ އަދަދެއް ނޫނެވެ. ނަމަވެސް ރަނގަޅު ފެށުމެކެވެ. އަދުގެ ހާލަތަށް ބަލާއިރު މިހާރު އެވެރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް 1،000 ޓޫރިސްޓުން އާދެ އެވެ. މިއީ ރަނގަޅު ފެށުމެވެ. މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި މި ކުރިއެރުން އައިނަމަވެސް އެންމެ އުފާވާނީ "ބޯކޮށް" ޓޫރިސްޓުން އަންނަތަން ފެނުން ކަމަށާއި، މަސައްކަތް ކުރައްވަނީ އެޓާކެޓަށް ކަމަށެވެ. "އިރާދުކުރެއްވިއްޔާ ހުރިހާ މީހުންގެ މަސައްކަތުން މިކަން ހާސިލްވާނެ،"

ތިން މަސްތެރޭގައި ރާއްޖޭން ކުރި މަސައްކަތް ތަކަށް މިނިސްޓަރުގެ އެންމެ ބޮޑު ޝުކުރެއް އަދާކުރީ ރާއްޖޭގެ ހާރިޖިއްޔާއަށެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އެ މަނިކުފާނުގެ ޓީމް އަށެވެ.

ރާއްޖޭގެ ޓޫރިޒަމް ރަނގަޅުކޮށް އަންނަ މީހުންގެ އަދަދު އިތުރު ކުރުމަށްޓަކައި ފޮރިން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ދިޔައީ ކުރަމުންނެވެ. މީގެ ނަތީޖާ ވެސް ވަނީ ފެންނަން ފަށައިފި އެވެ. ރާއްޖެ އަށް ޓޫރިސްޓުން އަންނަ މުހިންމު މާކެޓުތަކުގެ ރައްކާތެރި ލިސްޓުގައި ރާއްޖެ ހިމަނަން ފަށައިފި އެވެ. ރާއްޖޭގައި ކޮވިޑް-19 އިގެ ބަލި ކޮންޓްރޯލްވުމުގެ ޔަގީންކަން ލިބެން ފެށުމާއެކު އެ ގައުމުތަކުގެ ރައްކާތެރި ލިސްޓުގައި ރާއްޖެ ހިމަނަން ފަށައިފި އެވެ.

ރާއްޖެ ރައްކާތެރި ލިސްޓަށްލީ އެންމެ މުހިންމު އެއް ގައުމަކީ އިނގިރޭސިވިލާތެވެ. ކުރިން އެ ގައުމުން އަންނަ ޓޫރިސްޓުން ރާއްޖެ އައިސް ގޮސް 14 ދުވަހުގެ ކަރަންޓީއެއް ފުރިހަމަ ކުރަން ޖެހެ އެވެ. ނަމަވެސް މިހާރު އެކަން ކުރާކަށް ނުޖެހޭނެ އެވެ. އެ ގައުމުން ލުއި ދިނުމާއެކު އިނގިރޭސިވިލާތުން އަންނަ މީހުން 14 ދުވަސް ފުރިހަމަނުކޮށް އެމީހުންގެ ގައުމަށް ގޮސް ދިރިއުޅުމުގެ މަސައްކަތްތަކާއިގެން އުޅެން ފެށޭނެ އެވެ.

މި ބަދަލާ ބެހޭ ގޮތުން އިނގިރޭސިވިލާތުން އެންމެ ގިނައިން ޓޫރިސްޓުން ގެންނަ އެއް ޓުއާ އޮޕަރޭޓަރު ކަމަށްވާ ކޯނީ އިން ބުނެފައިވާ ގޮތުގައި އެ މީހުން މި ދުވަހަށް އިންތިޒާރު ކުރާތާ ލައްކަ ދުވަސް ވެއްޖެ އެވެ. މިއީ އިނގިރޭސިވިލާތުން އަންނަ ޓޫރިސްޓުންނަށް އެންމެ އުންމީދީ ވާހަކަ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މިހާރުގެ ހާލަތަށް ބަލާއިރު ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޑައިރެކްޓް ފްލައިޓްތައް އިތުރު ކުރަމުން ދިއުމެވެ. މިއީ ޓޫރިޒަމް ސިނާއަތުން އެންމެ އުފާވާ އެއް ބަދަލެވެ. މިއީ އުންމީދުގެ މަންޒަރެއްގެ ގޮތުގައި އެމީހުން ސިފަ ކުރެ އެވެ. މިހާރު 11 ފްލައިޓެއް ރާއްޖެ އަށް ދަތުރު ކުރެ އެވެ. އަދި ދުނިޔޭގެ މަޝްރޫއު އެއާލައިންތަކުން ކަނެކްޓިވިޓީ އިތުރު ކުރަން ފެށުން ވެސް މިއީ އުންމީދީ މަންޒަރެކެވެ.

"ފްރިކްއެންސީ އިތުރު ކުރުމުން ދައްކުވައިދެނީ ޑިމާންޑް މަތިވާކަން. ޓުއާ އޮޕަރޭޓަރުންނާ ވާހަކަ ދެކެވިގެން މާކެޓް ރިސާޗް ހަދާފަ އެ ބޭފުޅުން [އެއާލައިންތަކުން] ފްރިކްއެންސީ [ފްލައިޓް] އިތުރު ކުރާނީ. އެހެންވެ މިއީ އުންމީދުން ފުރިގެންވާ ކަމެއް،" ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާތާ ގިނަ ދުވަސްވީ ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ބޯޑަރު ހުޅުވިގެން ދިޔައިރު، މިހާރު ޓޫރިޒަމަށް އޮތް އެންމެ ބޮޑު އަނެއް އުންމީދަކީ ގެސްޓްހައުސް އޮޕަރޭޝަނަށް ގެނެވިފައިވުމެވެ. ބަޖެޓް ޓޫރިސްޓުންގެ ޝައުގުވެރިކަން ހުންނަ މި މާކެޓު ހުޅުވުމާއެކު ގިނަ ބުކިން ތަކެއް ދަނީ ލިބެން ފަށާފަ އެވެ. މިއީ އާއްމުންގެ އަތްމަތި ތަނަވަސް ވެގެންދާނެ ބަދަލެކެވެ.

"މިހާރު އުންމީދު ކުރަނީ ނޮވެމްބަރު މަސް ވަރަށް ރަނގަޅު ވެގެދާނެ ކަމަށް. ގިނަ އަދަދެއްގެ ބުކިން ނޮވެމްބަރުމަހާއި ޑިސެމްބަރު މަހަށް އެބަލިބޭ،" ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ހިންގާ، މާފުށީ ގެސްޓްހައުސްއެއްގެ ވެރިއަކު ބުންޏެވެ.

މި ހުރިހާ ކަމަކާއެކު ޓޫރިޒަމަށް މިހާރު ފެންނަނީ އުންމީދީ މަންޒަރު ތަކެކެވެ. މިއަދު މި މަންޒަރު ފެންނަމުންދަނީ ބޯޑަރު ހުޅުވުމުގެ ހިތްވަރުންނެވެ. ކުރިއަށް ލަފާކުރުން ނެތް ކަމެއްގައި ސަރުކާރުން ނެގި ބޮޑު މި ފިޔަވަޅުން މިއަދު ފެންނަނީ އުންމީދުގެ މަންޒަރު ތަކެވެ.