ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގެސްޓް ހައުސް ވިޔަފާރި

ޓޫރިސްޓުންގެ 1.95 ޕަސެންޓް މި މަހު ހިއްސާ ވަނީ ކާނި

މި މަހު ރާއްޖެއަށް އެއް ލައްކަ ޓޫރިސްޓުން އައިސްފައިވާއިރު އާ ޓޫރިސްޓުންގެ 1.95 ޕަސެންޓް އައިސްފައިވަނީ މާފުށީ ކާނި ހޮޓެލްސް އަށެވެ.

ކާނި ހޮޓެލްސްގެ އިސް ވެރިޔަކު ވިދާޅުވީ މިމަހު ރާއްޖެއަށް އެއް ލައްކަ ޓޫރިސްޓުން އައިސްފައިވާއިރު 148 ރިސޯޓާއި 340 ގެސްޓްހައުސް އަދި 137 ސަފާރީ އޮޕަރޭޝަންގައި އޮތް އިރު މިމަހު އައި އެއް ލައްކަ ޓޫރިސްޓުންގެ ތެރެއިން 1،957 މީހުން އައިސްފައިވަނީ އެ ކުންފުނީގެ ގެސްޓްހައުސް އަށް ކަމަށެވެ. އެއީ އެއް ތަނަކަށް އެންމެ ގިނަ ޓޫރިސްޓުން މި މަހު އައި ތަނެވެ.

"ގާތްގަނޑަކަށް މި މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ ދެ ޕަސެންޓް ހިއްސާވެވުމަކީ ލިބުނު ކާމިޔާބީއެއް. ހަމައެކަނި ރިސޯޓަށް ބެލި ނަމަވެސް އެވްރެޖުކޮށް ޖެހެނީ 600 އެއްހާ މީހުން. ކުރި އަށް އޮތްތަނުގައި ވެސް އުންމީދު ކުރަނީ ބުކިންތައް އިތުރުވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ޓޫރިސްޓުން ދަތުރުފަތުރުގެ ޓްރެންޑަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ.

"މިހާރު ފެންނަނީ ލާސްޓް މިނެޓް ބުކިންތައް. މާދަމާ އަންނަން މިއަދު ބުކިން ހައްދާލައިގެން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ. "ކުރިއަށް އޮތް މަހު ވެސް އޮކިއުޕެންސީ 75 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމަށް އުންމީދު ކުރެވޭ."

ޔޫރަޕުގައި އޮފީސް ހުޅުވައިގެން ރާއްޖެ އަށް ޓޫރިސްޓުން ގެންނަ ކާނި ހޮޓެލްސްއަކީ ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާކޮށް ކުރާ އެއް ކުންފުންޏެވެ. އެ ކުންފުނިން 211 ކޮޓަރި ހިންގަ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މި ވަގުތު އޮޕަރޭޓް ކުރަމުން ގެންދަނީ 180 ކޮޓަރި އެވެ.