ހަބަރު

ޑަބްލިޔުޓީއޯގެ ގޮނޑިއަށް ދެކުނު ކޮރެއާއިން ރާއްޖޭގެ ތާއީދަށް އެދިއްޖެ

Oct 24, 2020

ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ، ވާލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔުޓީއޯ)ގެ ގޮނޑިއަކަށް ދެކުނު ކޮރެއާގެ މިނިސްޓަރަކު ކުރިމަތިލައްވާފައިވާއިރު، އެ ގޮނޑި ކާމިޔާބުކުރުމަށް ރާއްޖޭން ތާއީދުކޮށްދިނުމަށް އެ ގައުމުން އެދިއްޖެ އެވެ.

ޑަބްލިޔުޓީއޯގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ދެކުނު ކޮރެއާގެ ޓްރޭޑް މިނިސްޓަރު ޔޫ މިޔުންގް-ހީ ކުރިމަތިލައްވާފައިވާއިރު، އަންނަ މަހުގެ ކުރީ ކޮޅު ނަތީޖާ އިއުލާނުކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

އެކަމުގައި ރާއްޖޭގެ ތާއީދަށް އެދިފައިވަނީ ދެކުނު ކޮރެއާގެ ފޮރިން މިނިސްޓަރު ކޭންގް ކިޔުންގް-ވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ފޯނުން ގުޅުއްވައި، ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ކަމަށް ދެކުނު ކޮރެއާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައި އެވެ.

މީގެ އިތުރުން ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

އަދި ޝާހިދު ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ދެކުނު ކޮރެއާގެ ފޮރިން މިނިސްޓަރާ ހިއްސާ ކުރައްވައިފަ އެވެ.