ކުޅިވަރު

ރެއާލްގެ ފޯމު ގެއްލިފައި، ބާސާ އުންމީދެއްގައި

"އެލް ކްލެސިކޯ" ގެ ނަމުން މަޝްހޫރު ވެފައިވާ އެފްސީ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ ކުރިމަތިލުމަށް މިރޭ ނުކުންނައިރު ދެ ޓީމު ހާލަތު އޮތީ ތަފާތު ގޮތަކަށެވެ. ލީގްގައި އެންމެ ފަހުން ކުޅުނު މެޗުތަކުން ދެ ޓީމުވެސް ވަނީ ބަލިވެފަ އެވެ. އެހެންނަމަވެސް ބާސާއިން ވަނީ ޗެމްޕިންސްލީގްގައި ރަނގަޅު ނަތީޖާއެއް ހޯދައި އެ ޓީމު އަލުން ހަމަޔަކަށް އަޅުވާފަ އެވެ. ޗެމްޕިއަންސް ލީގްގައި ކުޅުނު މެޗުން ރެއާލް ބަލިވީ ހިތްދަތި ގޮތަކަށެވެ.

ރެއާލްގެ މިހާރުގެ ހޯމް ދަނޑު އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގައި ޖެހިޖެގެން ކުޅުނު ދެ މެޗުންވެސް ބަލިވުމުން ރެއާލްގެ ޓީމަށް ވަނީ އަސަރުތަކެއް ކޮށްފަ އެވެ. ޗެމްޕިއަންސް ލީގްގައި ޝާކްޓާ ޑޮނެސްކް އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ޝަކްޓާއިން ވަނީ ފުރަތަމަ ހާފުގައި އެ ޓީމުގެ ތިން ލަނޑު ރެއާލް ކޮޅަށް ވައްދާލަފަ އެވެ. އަމިއްލަ ދަނޑުގައި ކުޅެ ފުރަތަމަ ހާފުގައި ބައިކޮޅަށް ތިން ލަނޑު ވަދެގެން ދިއުމަކީ މިދިޔަ 15 އަހަރުގައި ޗެމްޕިއަންސް ލީގްގައި އެ ޓީމަށް ކުރިމަތިވި އެންމެ ހިތްދަތި ބައްޔެވެ. ދެހާސް ފަސްވަނަ އަހަރުގެ ފަހުން ޗެމްޕިއަންސް ލީގްގައި އެ ޓީމު ކޮޅަށް މެޗެއްގެ ފުރަތަމަ ހާފުގައި ގިނަ ލަނޑުތަކެއް ވަދެގެން ދިޔަ މެޗަކީ ޝަކްޓާ އާ ދެކޮޅަށް ކުޅުނު މެޗެވެ.

ޖެހިގެން ދެ މެޗުން ބަލިވުމުން، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާންގެ މަގާމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެހެންނަމަވެސް ޒިދާން ބުނަނީ ޓީމުގެ ހާލަތު އޭނާ އަށް ބަދަލު ކުރެވޭނެ ކަމަށެވެ. މަގާމާ މެދު ސުވާލު އުފެދިފައިވާތީ އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން އޭނާ ބުނީ، އޭނާގެ މަގާމާ މެދު ސުވާލު އުފައްދަނީ އެހެން މީހުން ކަމަށެވެ.

"އެއީ އެމީހުން ބުނާ ވާހަކައެއް އަހަރެންގެ މަގާމާ މެދު ސުވާލު އުފެދިފައިވާކަމަށް، އަހަރެން އެކަން ދޮގު ކުރަނީކީވެސް ނޫން،" ޒިދާން ބުންޏެވެ. "ނަމަވެސް މިދިޔަ އަހަރުވެސް ސީޒަން ކުރީ ކޮޅު އަހަރެންގެ މަގާމާމެދު ސުވާލު އުފެއްދި އެހެންނަމަވެސް އަހަރެން ދިޔައީ އަހަރެންގެ މަސައްކަތް ކުރަމުން، އެހެން ކަންކަމާމެދު އަހަރެން ނުވިސްނަން."

މެޗަށް ނުކުންނައިރު، ބާސާ މިހާރު އޮތީ ރަނގަޅު ރޫހެއްގަ އެވެ. އެ ޓީމުގެ ސީނިއާ ހަތަރު ކުޅުންތެރިން ދިގު މުއްދަތަކަށް ކޮންޓްރެކްޓް އާ ކުރެވުމުން ޓީމު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. ކެޕްޓަން ލިއޮނެލް މެސީއަށް ގިނަ ލަނޑުތަކެއް ނުޖެހުން ފިޔަވައި ޓެކްނިކަލީ މާބޮޑު މައްސަލައެއް ނެތެވެ. އެހެންނަމަވެސް އޭނާ އަށް ލަނޑު ނުޖެހިގެން މެސީގެ ކަންބޮޑުވުމެއް ނެތެވެ. އޭނާ ބުނީ އޭނާ ވިސްނަނީ މުޅި ޓީމަށް ކަމަށާއި ކޮންމެ މީހަކު ލަނޑު ޖަހައިގެންވެސް ޓީމު މޮޅުވަނިކޮށް އޭނާ ފުދޭ ކަމަށެވެ.

ކޯޗް ރޮނަލްޑް ކޫމަން، ބުނީ މެސީގެ ދައުރު އެހެން ގޮތްގޮތުން ދަނޑުމަތީގައި މާބޮޑު ކަމަށެވެ. އަދި މެސީ ލަނޑު ޖެހުމުގެ ފޯމަށް އަންނާނެ ކަމާމެދު އޭނާ ޝައްކު ނުކުރާ ކަމަށް ކޫމަން ބުންޏެވެ. އޭނާ ބުނީ އެންމެ ފަހުން ކުޅުނު ދެ ގޭމްގައި ރެއާލްގެ ކުޅުން ދަށް ކޮށް ފެނުނު ނަމަވެސް އެ ޓީމުގެ ހަލަތު ބަދަލު ކުރުމުގެ ގާބިލުކަން އެ ޓީމުގައި އެބަހުރި ކަމަށެވެ. އަދި އެލްކްލެސިކޯ ކަހަލަ މެޗަކަށް ނުކުންނައިރު އެކަންކަން އެ ޓީމު ރަނގަޅު ކޮށްގެން ނުކުންނާނެކަން އޭނާ އަށް ރަނގަޅަށް އެނގޭ ކަމަށްވެސް ކޫމަން ބުންޏެވެ.

ބާސާގެ ކޭމްޕްނޯގައި ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން ރޭގަނޑު 7:00 ގަ އެވެ. ލަލީގާގެ މެޗުތައް ރާއްޖެއަށް ފެންނާނީ ލަލީގާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށެވެ.