ކުޅިވަރު

ޕްރިމިއާ ލީގްގައި އަނިޔާގެ ރޭޓް އިތުރު ވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގްގައި ކުޑަކަޅުވާ އާއި ފަލަމަސްގަނޑަށް އަނިޔާވުމުގެ މައްސަލަ 42 ޕަސަންޓް އިތުރު ވެއްޖެ އެވެ.

ސީޒަންގެ ފުރަތަމަ ފަސް ހަފުތާގައި، މަސަލް އިންޖަރީގެ އަދަދު 78 އަށް ވަނީ އަރާފަ އެވެ. މިދިޔަ ތިން ސީޒަންގެ ފުރަތަމަ ކޮޅުގައި ލިބުނު އަނިޔާތަކަށް ވުރެ މިއަހަރު މިހާތަނަށް ކުރިމަތިވި މަސްލްސް އިންޖަރީ ގިނަ އެވެ. އަނިޔާގެ މައްސަލަ މިހާ ބޮޑު ވެފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ޕްރީ ސީޒަނަށް އެކަށީގެންވާ މުއްދަތެއް ނުލިބުމާއި ކައިރިކައރީގައި ގިނަ މެޗުތަކެއް ކުޅޭން ޖެހުމުންނެވެ.

ޕްރިމިއާ ލީގްގެ ކޯޗުން ވަނީ، ދެ މެޗު ދޭތެރެއިން ކުޅުންތެރިން ރިކަވަރީ ހެދުމަށް އެކަށީގެންވާ ވަގުތު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ކޮވިޑްގެ ހާލަތުގައި ކަމަށް ވުމުން ފަސް ކުޅުންތެރިން ބަދަލު ކުރެވޭނެ ގޮތަށް ފުޓްބޯޅައިގެ އާންމު ގަވާއިދަށް ގެނެސްފައިވާ ވަގުތީ އިސްލާހަށް އަމަލު ނުކުރަން ޕްރިމިއާ ލީގުން ވަނީ ނިންމާފަ އެވެ. މިއީވެސް އަނިޔާގެ މައްސަލަ އިތުރުވާނެ ސަބަބެކެވެ.

ތާވަލުގެ އެއް ވަނައިގައި މިވަގުތު އޮތް އެވަޓަންގެ އަށް ކުޅުންތެރިޔަކަށް އަނިޔާގެ މައްސަލަ ފުރަތަމަ ފަސް ހަފުތާ ނިނުމު އިރު ކުރިމަތި ވިއެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް، މެންޗެސްޓާ ޔުނައިޓެޑް، ކްރިސްޓަލް ޕެލަސް އަދި ބްރައިޓޮން ހޯވް އެލްބިއޯން، ކޮންމެ ޓީމަކުން ހަތް ކުޅުންތެރިންނަށް އަނިޔާ ވި އެވެ.

"ޕްރިމިއާ އިންޖަރީސް" އިން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޕްރިމިއާ ލީގްގެ 2018-19 ގެ ސީޒަންގެ ފުރަތަމަ ފަސް ހަފުތާގައި މަސްލުސް އިންޖަރީގެ ގޮތުގައި ރެކޯޑް ކުރެވިފައި ވަނީ 85 އަނިޔާ އެވެ. 2017-18 ގައި 34 ކޭސް އެވެ. އަދި 2016-17 ގައި 47 އެވެ.

ޕްރިމިއާސް އިންޖަރީސް އިން ލަފާ ކޮށްފައިވާ ގޮތުގައި، މި ސީޒަން ވެގެންދާނީ އިންޖަރީގައި އެންމެ ގިނަ މައްސަލަތައް ކުރިމަތި ވާނެ ސީޒަނަށެވެ.