އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް ބަހުރޭނުގެ ޝެއިހް ސަލްމާން ބިން އިބްރާހީމް އަލް ހަލީފާ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސް ކަމަށް ވާދަ ކުރައްވާނެ ކަމަށް ދުނިޔޭގެ މީޑިޔާތަކުން ބުނަން ފަށައިފި އެވެ.
މަޝްހޫރު ނިއުސް އެޖެންސީ އޭއެފްޕީއާ ހަވާލާދީ އޭޝިޔާގެ މީޑިޔާތަކުން ބުނާގޮތުގައި ސަލްމާން ފީފާގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވަނީ އެ ޖަމާއަތުގެ މިހާރުގެ ރައީސް ސެޕް ބްލެޓާ އާއި ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް މިޝޭލް ޕްލެޓިނީ ފިފާއިން 90 ދުވަހަށް ސަސްޕެންޑްކުރުމުންނެވެ. އެއީ ކޮރަޕްޝަނުގެ ތުހުމަތުގަ އެވެ.
ޝެއިހް ސަލްމާން ރައީސް ކަމަށް ނުކުންނަވާނެކަމުގެ ވާހަކަތަކުގެ އަޑު ގަދަވެފައިމިވަނީ ޔުއޭފާއިން ޕްލެޓިނީ އަށް ދިން ތާއީދު މަޑުޖައްސާލިކަން އިއުލާނުކޮށްފައިވަނިކޮށެވެ.
އަންނަ ފެބްރުއަރީ މަހު ބާއްވާ އިންތިހާބުގައި ސަލްމާން ވާދަކުރައްވަން ނިންމަވައިފިނަމަ އެކަން ވެގެންދާނީ ޕްލެޓިނީ އާއި އޭޝިޔާ އަށް ނިސްބަތްވާ އަނެއް ކެނޑިޑޭޓް އަދި ފީފާގެ ކުރީގެ ނާއިބް ރައީސް އުރުދުންގެ ޕްރިންސް އަލީ ބިން އަލްހުސައިން އަށް ކުރިމަތިވާނެ ވަރަށް ބޮޑު ހުރަހަކަށްވާނެ އެވެ.
ޝެއިހް ސަލްމާން އިންތިހާބަށް ނުކުންނަވާނެނަމަ އޭނާ އަށް އެންމެ ބޮޑަށް އެހީތެރިވާނެ ބޭފުޅަކަށްވާނީ އޮލިމްޕިކް ކައުންސިލް އޮފް އޭޝިޔާގެ ރައީސް ކުވޭތުގެ ޝައިހް އަހުމަދު އަލްފަހުދު އަލް ސަބާހެވެ. ނަމަވެސް އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީކަން 1987 އިން 2007 އަށް ކުރެއްވި ޕީޓަ ވެލައްޕަން ބުނީ ޝެއިހް ސަލްމާންއާ ދޭތެރޭ ގިނަ ބަޔަކު ހިތްހަމަނުޖެހިދާނެ ކަމަށެވެ.
"އަހަރެން ބޭނުން އޭޝިޔާގެ މީހަކު ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސްކަން ކުރާތަން ދެކެން. އެކަމަކު އޭނާ (ސަލްމާން)އާ މެދފު އަހަންނަށް ހިޔެއް ގިނަ ބަޔަކު ހިތްހަމަޖެހޭހެން. އެއީ އޭނާ އަށް އަދި އޭއެފްސީގައި ގިނަ ކަންތައްތަކެއް ނުކުރެވޭތީވެ،" ވެލައްޕަން ބުންޏެވެ.