ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

މަހުޖަނުން ގިނަ ގަތަރުގެ ރައްކާތެރި ގައުމުތަކުގެ ލިސްޓަށް ރާއްޖެ

Oct 24, 2020

ކޮވިޑް-19 އާ ގުޅިގެން މީހުން ދަތުރު ކުރަން ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ގަތަރު ސަރުކާރުން ރާއްޖެ ހިމަނައިފި އެވެ.

ރާއްޖެ އަށް މަތީ ފަންތީގެ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ގަތަރުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތް އިން މި މަހުގެ 22 ވަނަ ދުވަހު ނެރުނު "ގްރީން ލިސްޓް" ގައި ހިމެނޭ 48 ގައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމަނައިފަ އެވެ. މިއީ ކޮވިޑް-19 އިގެ ބަލި ފެތުރެން ފެށި ފަހުން މި ލިސްޓުގައި ރާއްޖެ ހިމެނުނު ފުރަތަމަ ފަހަރެވެ.

"ގްރީން ލިސްޓް" އަށް ގައުމެއް އެރުމުން އެ ގައުމަކަށް ދަތުރު ކުރަން ގަތަރުއުޅޭ މީހުންނަށް ލުއި ތަކެއް ދޭނެ އެވެ. މި ބަދަލާއެކު މި ހާލަތުގައި މި ލިސްޓުގައި ހިމެނޭ ގައުމުތަކަށް ގޮސް އެނބުރި ގަތަރަށް ގޮސް ކަރަންޓީން ވުމުގައި ލުއިތަކެއް ލިބޭނެ އެވެ.

ކުރިން ދެ ހަފުތާ ހޮޓަލުގައި ކަރަންޓީންގައި ތިބެން ޖެހުނު ނަމަވެސް މި ލިސްޓުގައި ހިމެނޭ ގައުމުތަކަށް ދާ މީހުން ހޯމް ކަރަންޓީގައި ހަފުތާ ހުރެވޭ ގޮތަށް ލުއިދޭނެ އެވެ. ދޯހާގެ ލުއިދޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއިރު އިނގިރޭސިވިލާތުގެ ލިސްޓުގައި ވެސް ރާއްޖެ ވަނީ ހިމަނައިފަ އެވެ.

ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލާފައި އޮތް ނަމަވެސް ގަތަރަކީ ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން އެންމެ ފުރަތަމަ ޓޫރިސްޓުން ފޮނުވި އެއް ގައުމެވެ. އަދި އެ ގައުމުގެ ގައުމީ އެއާލައިން ގަތަރު އެއާވޭސްއަކީ އެންމެ ފުރަތަމަ ރާއްޖެ އަށް އުދުހެން ފެށި، އަދި މިހާރު އެންމެ ގިނަ ޓޫރިސްޓުން ގެނެސްދޭ އެއް އެއާލައިން އެވެ.

ދުނިޔޭގެ ވިޔަފާރީގެ އެންމެ ބޮޑު ހަބު ކަމަށްވާ ދުބާއީ އިން ރާއްޖެ އަށް ގިނަ އަދަދެއްގެ މުއްސަނދި ޓޫރިސްޓުން ޗުއްޓީ ހޭދަ ކުރަން އާދެ އެވެ. އަދި އެ ގައުމުގެ މަހުޖަނުން ރާއްޖޭގެ ޓޫރިޒަމް ޕްރޮޕަޓީތައް ހިންގައި ދިވެހި ވިޔަފާރިވެރިންނާ ގުޅިގެން ރާއްޖޭގައި އިންވެސްޓްކޮށްފައިވެ އެވެ.