މެސީ

ސްޓޭޑިއަމްގެ ނަން މެސީއަށް ނިސްބަތް ކުރަންޖެހޭ

އެފްސީ ބާސެލޯނާގެ އާ ސްޓޭޑިއަމްގެ ނަން، އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ ނަމަށް ނިސްބަތް ކުރަން ޖެހޭ ކަމަށް އެ ޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނެފި އެވެ.

ބާސާގެ މެނޭޖެމެންޓުން މިދިޔަ ޓްރާންސްފާ ޕީރިއަޑްގައި މެސީ އާމެދު ކަންތައް ކުރި ގޮތުން ޕީކޭ ވަނީ މެނޭޖުމަންޓަށް ފާޑު ކިޔާފަ އެވެ. ޕީކޭ ބުނީ ބާސާގެ ތާރީހްގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އާމެދު ކަން ވާން ޖެހޭނީ އެހެން ނޫން ކަމަށެވެ. އަދި ކުލަބު ދޫކޮށްލަން އޭނާ ބޭނުންވުމުން ކުލަބުން އޭނާ އާ މެދު ކަން ކުރީ ރަނގަޅަށް ނޫން ކަމަށް ޕީކޭ ބުންޏެވެ.

"ބާސެލޯނާގެ ހުރިހާ ކަމެއް [ލިއޯ] އަށް ހައްގު ވާން ޖެހޭ،" ޕީކޭ ބުންޏެވެ. "އާ ސްޓޭޑިއަމްގެ ނަން އޭނާގެ ނަމަށް ނިސްބަތް ކުރަން ޖެހޭ. ކުލަބުގެ މިހާރު އަދި ކުރީގެ ލެޖެންޑުންނަށް އިހްތިރާމު އަދާ ކުރަން ޖެހޭ އަދި އެމީހުންނަށް ކަންކަން ހައްގު ކުރަން ޖެހޭ."

ޕީކޭ ބުނީ، ކުލަބުގެ ލެޖެންޑުން އަބަދުވެސް ކުލަބާއެކުގައި ވާން ޖެހޭ ކަމަށާއި އެގޮތް ނެތީ ކަންތައްތަކެއް ގޯސްކޮށް ހިނގާތީ ކަމަށް ޕީކޭ ބުންޏެވެ.

ބާސާގެ ކޯޗް ރޮނަލްޑް ކޫމަން ވަނީ، ޕީކޭ ފާޅު ކުރި ހިޔާލާ މެދު ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ޕީކޭ އަކީ ބާސާގައި ދުވަސްވީ ކުޅުންތެރިޔެއް ކަމަށާއި އޭނައަށް އެކަންކަމުގައި ހިޔާލު ފާޅު ކުރެވޭނެ ކަމަށެވެ.

"އޭނާ [ޕީކޭ] ގެ ހިޔާލަށް އިހްތިރާމް ކުރަން،" ކޫމަން ބުންޏެވެ އޭނާ އަށް އެނގޭނެ އިންޓަވިއުތަކުގައި ދައްކަން ޖެހޭ ވާހަކަ އޭނާ އަކީ އިންޓެލިޖެންޓް ކުޅުންތެރިޔެއް. އޭނާ އެ ފާޅު ކުރި ހިޔާލަކީ އަހަރެން އިހްތިރާމް ކުރާ ހިޔާލެއް."