ސެޕް ބްލެޓާ އަށް ފަހު ފީފާގެ ރައީސްކަން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓިނީއާ ފެއަށް އެ ޖަމާއަތުން ޖެހިލައިފި އެވެ.
ޕްލެޓިނީ އަށް ޔޫއޭފާގެ މެމްބަރު ގައުމުތަކުން ދިން ހިފެހެއްޓުމެއްނެތް ތާއީދު މަޑުޖައްސާލަން އެ ޖަމާއަތުން ނިންމީ ކޮޕަރްޝަނުގެ ތުހުމަތުގައި އޭނާ 90 ދުވަހަށް ފީފާއިން ސަސްޕެންޑްކުރުމުންނެވެ.
ޔޫއޭފާގެ މެމްބަރު ގައުމުތަކުން ބުނީ ޕްލެޓިނީ އަށް އަދިވެސް ފުރުސަތު އެބައޮތް ކަމަށާއި ކޮޕަރްޝަނުގެ އެއްވެސް ކަމެއްގައި އޭނާ ބައިވެރިނުވާކަން ސާބިތުކޮށްދީފިނަމަ އެ ޖަމާއަތުން އަދިވެސް ތާއީދު ކުރާނީ އޭނާ އަށް ކަމަށެވެ.
ޕްލެޓިނީ އަށް ކުރިމަތިވެފައިވާ މައްސަލައަކީ ބްލެޓާ އަށް އޭނާ އަށް 2011 ވަނަ އަހަރު ދީފައިވާ 1.5 މިލިއަން ޕައުންޑްގެ މައްސަލަ އެވެ. މިއީ 1999 އިން 2002 ވަނަ އަހަރު ބްލެޓާގެ މުޝީރަކަށް ހުރެގެން ދޭންޖެހޭ އުޖޫރަކަމަށް ބްލެޓާ އާއި ޕްލެޓިނީ ވެސް ބުނެ އެވެ.
ނަމަވެސް ފީފާ އާއި ސްވިޒަލޭންޑްގެ އެޓާނީ ޖެނެރަލް މިކަމާމެދު ސުވާލު އުފައްދަނީ މަސައްކަތްނިމުނުތާ ނުވަ އަހަރު ފަހުން ފައިސާދީފައިވާތީ އެވެ. މި މައްސަލާގައި ބްލެޓާއާ ދެކޮޅަށް ދައުވާކޮށް އޭނާ ވެސް ވަނީ 90 ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.
1998 ވަނަ އަހަރު ފީފާގެ ރައީސް ކަމަށް ވަޑައިގެންނެވި ބްލެޓާ ފަސް ވަނަ ދައުރަކަށް ހޮވިވަޑައިގެންނެވީ މިދިޔަ ޖޫން މަހު އެވެ. ނަމަވެސް އިންތިހާބުވިތާ ތިން ދުވަސް ފަހުން އަންނަ ފެބްރުއަރީ މަހު އާ އިންތިހާބެއް ބާއްވައި އާ ރައީސަކު ހޮވަން އޭނާ އިއުލާނުކުރެއްވީ އޭނާ އާއި ފީފާގެ ވެރިންނަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތުތައް އިންތިހާ އަށް ގިނަވެ، ފީފާގެ އެތެރެ އާއި ބޭރުން ފިއްތުން ކުރިމަތުވާން ފެށުމުންނެވެ. އަދި ފީފާގެ ވެރިން ހައްޔަރުކޮށް ޝަރީއަތްކުރަމުންދާއިރު އަމިއްލަ ސަލާމަތާމެދު ސުވާލު އުފެދުމުންނެވެ.