ވިޔަފާރި

ބީއެމްއެލް އިން ހޮޅުދުއަށް ދިނީ މަސް ކަނޑާ ތަނެއް

Oct 25, 2020

ބީއެމްްއެލްގެ ކޮމިއުނިޓީ ފަންޑުން ނ. ހޮޅުދޫގައި މަސްކަނޑާ ތަނެއް ހަދައިދީފި އެވެ.

މަހެއްގެ ބައްޓަމަށް ޑިޒައިންކޮށްފައިވާ އެ ތަނަކީ މަސްކަނޑަން ފަސޭހަކަމާއެކު ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ދުވާލާއި ރޭގަނޑު ވެސް ބޭނުންކުރެވޭނެހެން އަލިކޮށްފައިވާ ތަނެކެވެ. އެތާނގައި އެއް ފަހަރާ އަަށް މީހަކަށް މަސްކަނޑަން ތިބެވެ އެވެ. އަދި ސާފު ފެން ލިބޭނެ އިސްކުރު ހަރުކޮށް ތަކެތި ރައްކާ ކުރުވޭނެ ގުދަނެއް ވެސް ހިމަނާފައި ވެއެވެ.

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އެ ތަން ހަދައި ދިނީ ބޭންކުގެ ކޮމިއުނިޓީ ފަންޑަށް، އެ ރަށުގެ އެމްސީއެފް ޖަމިއްޔާއިން ހުށަހެޅި ތަފާތު ހުށަހެޅުމަކަށް ކަމަށެވެ.

"ހޮޅުދޫގެ މަސްވެރިންނަށާއި ރައްޔިތުންނަށް މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށް ހުށަހެޅި ޕްރޮޕޯސަލްގެ ދަށުން ގާއިމްކުރި އެ ތަނުގެ ސަބަބުން ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސް ވިއްކުމަށް ފަސޭހަ ވެގެން ދާނެ،" ސައީދު ވިދާޅުވި އެވެ.

ހޮޅުދޫ އެމްސީއެފްގެ ޖަމިއްޔާގެ ފަރާތުން ވާހަކަ ދެއްކެވި މޫސާ ޝިމާއު ވިދާޅުވި ގޮތުގައި މިދިއަ އަހަރު ތަކުގައި ހޮޅުދޫގެ ރައްޔިތުން މަސްކަނޑަން ބޭނުން ކުރަމުން ދަނީ ބަނދަރު މަތީގައި ހުންނަ މޭޒެއްގަ އެވެ.

"މިކަމަށް ހައްލެއް ހޯދުމަށް އައި ހިޔާލާއެކު މި ޕްރޮޖެކްޓް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށްލައި، ހޮވި މިކަން ހަގީގަތަކަށް ވުމީ މި ރަށަށާއި ޖަމިއްޔާއަށް ލިބުން ކުރިއެރުމެއް،" މޫސާ ޝިމާއު ވިދާޅުވި އެވެ.

ބީއެމްއެލް އިން މި އަހަރުގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލްތައް ހުށަހެޅުން ތިން ފިޔަވައްސަކަށް ބަހާލާފައި ވެއެވެ. ފުރަތަމަ ދެ ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ފިޔަވެއްސެއްގައި ވެސް އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ވަނީ ހޮވިފަ އެވެ. އަދި ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވާނެ އެވެ. ބޭންކުން މިހާރު ދަނީ ކައިރި މުސްތަގްބަލެއްގައި ތިންވަނަ ފިޔަވަހީގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް މަސައްކަތް ކުރަމުންނެވެ.