ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު ފަސް ރަށަކަށް ދީފި އެވެ.
އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި، އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ އެންމެ ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓް މިއަދު ވަނީ ހޮވާ އިއުލާން ކޮށްފަ އެވެ.
މިއީ ތިންވަނަ ކުއާޓާގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވި ފަސް ޕްރޮޖެކްޓެވެ.
- ނ. ހޮޅުދޫ ބަނދަރު ސަރަހައްދުގައި މަސް ކަނޑާ ތަނެއް ހެދުން - މައި ޗޮއިސް އިސް ފުޓްބޯލް
- ހދ. ކުޅުދުއްފުށީގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުން - ޒިގް ޒެގް ފޯ ޔޫތް ލިންކޭޖް
- ރ. ހުޅުދުއްފާރުގައި އަތިރިމަތީ ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއް ތަރައްގީކުރުން - އަހުމަދު ރަޝީދު
- ހއ. ކެލާ ސްކޫލު ކުރިމަތީގައި ދަރިވަރުންނާއި ބެލެނިވެރިން ބޭނުންކުރުމަށް ހިޔާވާ ތަނެއް ހެދުން - އައިޑިއާސް
- ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރުން - ކަނޑޫ ސްޕޯރޓްސް ކްލަބް
ބެންކުން ބުނި ގޮތުގައި އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ބެންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައުއަށް ފޯރުކޮށްދިނުން ކަމަށެވެ.
"ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް މިވަނީ އިތުރުވެގެން ގޮސްފަ" ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު ސައީދު ވިދާޅުވި އެވެ.
މި ފަންޑުގެ ދަށުން މިހާތަނަށް ދިހަރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައި ވެ އެވެ.
'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާހު ކޮށްފައިވަނީ ދިވެހިންނާއި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭންކުން ކުރިއަށްގެންދާ ޕްރޮގްރާމް ދަށުންނެވެ.