ގައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"' ގެ ދަށުން ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކޮށް މިއަދު ބޭނުންކުރަން ފަށައިފި އެވެ.
ބޭންކުން ބުނީ ރަށުގެ ގިނަ ރައްޔިތުން މިހާރުވެސް ދަތުރު ދިއުމަށް ބޭނުން ކުރާ މި ސަރަހައްދު ވަނީ ފަސޭހަކަމާ އެކު ބޭނުންކުރެވޭނެހެން ހިޔާވާނެ ގޮތަށް އަތިރިމަތީގައި ކުޑަ ޖަހައި، ހަޓް ހަދައި، ޖޯލިފަތި ބަހައްޓައި، އުނދޯލި ގެއެއް ގާއިމްކޮށް ދަތުރު ގޮސް އުޅޭ ފަރާތްތަކަށް ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ހާއްސަ ތަނެއް ވެސް ތައްޔާރު ކުރެވިފައި ކަމަށެވެ.
މީގެ އިތުރުން ކަސްރަތު ކުރުމަށް ހާއްސަ ތަނެއް ހަދައި، ރަށުގެ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން ވަޅެއް ބަހައްޓާފައިވާއިރު، ސަރަހައްދު އިތުރަށް ފެހިކުރުމަށްޓަކައި ވަނީ 30 ރުކާއި އިތުރު ގަސްވެސް އިންދާފައި އެވެ.
އަދި މި ތުނޑިއަށް ދަތުރު އަންނަ ފަރާތްތަކުން ކުނި އުކާލުމަށް ޑަސްޓްބިންވެސް ވަނީ ބަހައްޓާފައި އެވެ.
މި ޕްރޮޕޯސަލް ކާމިޔާބުކުރި ކަނޑޫ ސްޕޯރޓްސް ކްލަބުން ބުނީ ރަށުގެ ތުނޑި ޕިކްނިކް ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރުމުގެ އެންމެ ބޮޑު މަގުސަދަކީ އާއިލީ އަދި އެކުވެރިކަމުގެ ގުޅުންތައް ބަދަހިކޮށް އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.
"އަދި މުސްތަގުބަލުގައި މިތަން އިތުރަށް ތަރައްގީކޮށް އަވަށްޓެރި ރަށްތަކުގެ ރައްޔިތުންނަށްވެސް މިސަރަހައްދު ބޭނުން ކުރެވޭނެހެން ބޭއްވުމަކީ އަޅުގަނޑުމެންގެ ތަސައްވަރު،" މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލުމުގައި ކްލަބްގެ މެންބަރުންގެ ބުރަމަސައްކަތަށާއި ކައުންސިލްގެ އެހީތެރިކަމަށް ޝުކުރުއަދާކުރަމުން އެ ކްލަބުން ބުންޏެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.
މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދީފައި އެވެ.