ބީއެމްއެލް އިން ހއ. އަތޮޅުގެ ކެލައާއި ބާރަށުގައި ސެލްފް ސަވިސް ބޭންކިން ސެންޓަރު ގާއިމްކޮށްފި އެވެ.
ބޭންކް އޮފް މޯލްޑިވްސް ގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކެލައާއި ބާރަށުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރު ގާއިމްކޮށް ރަސްމީކޮށް ހުޅުވީ މިއަދު އެވެ.
މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާ ކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ބޭންކުން ބުނެ އެވެ. އަދި މިއަދު ހުޅުވި ސެންޓަރާއެކު ބީއެމްއެލް އިން ހއ. ގައި އޭޓީއެމްގެ ހިދުމަތް ދޭ ރަށްތަކުގެ އަދަދު ފަހަކަށް އެރީ އެވެ.
މި ހިދުމަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔަ ވިދާޅުވީ ރާއްޖެ އަށް އަމާޒުކޮށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މުހިންމު ފިޔަވަޅެއް އެޅުނު ދުވަހެއް ކަމަށެވެ. އަދި، ފަތުރުވެރިންނާއި ދިވެހިންގެ މެދުގައިވެސް މަގްބޫލްކަން ލިބެމުން އަންނަ ހއ. އަތޮޅަށް އަންނަ ފަރާތްތަކާއި މި ދެރަށުގެ ރައްޔިތުންނަށް މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް ބޭންކިންގެ ހިދުމަތް ހޯދަން ފަސޭހަވާނެ ކަމަށެވެ.
"މިއާއެކު ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް، ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ" ބީއެމްއެލްގެ ސީއީއޯ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 49 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 113 އޭޓީއެމް، ގެ ހިދުމަތްތައް ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ދެ އެވެ.