އަބްދުﷲ ޝާހިދު

ބަލިމަޑުކަމުގައި އދ ގެ މުހިންމުކަން އިތުރަށް އިހުސާސްވޭ: ޝާހިދު

ކޮވިޑް-19 ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި އދ ގެ މުހިންމުކަން ވަރަށް ބޮޑަށް އިހުސާސް ކުރެވޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިއަދަކީ އދ ގެ 75 ވަނަ އަހަރީ ދުވަހެވެ. ދުވަހާއި ގުޅިގެން މިނިސްޓަރު އާންމު ކުރެއްވި މެސެޖްގައި ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް އދ ގެ ޗާޓަރުގައިވާ އަސާސްތައް ދެމެހެއްޓުމަށް ގޮވާލާ ބައިނަލްއަގްވާމީ ސުލްހަޔާއި އިގްތިސާދީ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ގޮވާލާ ގައުމެއް ކަމަށެވެ.

1965 ވަނަ އަހަރު އދ ގެ މެމްބަރުކަން ދިވެހިރާއްޖެއަށް ލިބުމާއެކު އޭގެ 55 އަހަރު ފަހުން މިއަދުވެސް ދިވެހިރާއްޖެ ދެމިއޮތީ، އެ ޖަމާއަތުގެ ތެދުވެރި އަދި އިހްލާސްތެރި ބައިވެރިއެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖެއަކީ ނިސްބަތުން ކިތައްމެ ކުޑަ ގައުމެއްކަމުގައި ވިޔަސް އދ ގައި ދިވެހިރާއްޖެއިން ދައްކުވައިދެނީ ބައިނަލްއަގްވާމީ ފެންވަރެއްގައި އެހެނިހެން ގައުމުތަކާއި އެއް ހަމައަކަށް ފައިތިލަ ސާބިތުކޮށްގެން ކުރިއަށް ދެވިދާނެކަން. މިހާތަނަށް އދ ގައި ރާއްޖެއިން ހާސިލްކޮށްފައިވާ ކަންތައްތަކަކީ ކުޑަ ގައުމުތަކަކީ އދ ގެ މުހިންމު ބައިވެރިން ތަކެއްކަން ދައްކުވައިދިނުމުގެ އިތުރުން، 21 ވަނަ ގަރުނުގައި ތައާރަފުވެގެން އަންނަ އައު ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ އިސް މޭސްތިރިއެއްގެ ދައުރު އަދާކުރެވިދާނެ ކަމުގެ ހެއްކެއް،" ޝާހިދުގެ މެސެޖްގައި ވިދާޅުވިއެވެ.

އދ ދެމިއޮތީ ބަވަނަވުމާއި މަލްޓިލެޓްރަލިޒްމް އަށް މަގުއަލިކޮށް އެއްގަލަކަށް އަރުވައިދޭ އަލިގަދަ ދަންމަރެއްގެ ގޮތުގައިވެސް ޝާހިދު ވިދާޅުވިއެވެ.