އެފްސީ ބާސެލޯނާގެ ހޯމް ދަނޑު ކޭމްޕްނޯގައި އެ ޓީމުގެ މައްޗަށް 3-1 ވާދަވެރި ރެއާލް މެޑްރިޑް ކުރި ހޯދައިފި އެވެ.
މި މެޗަކީ، ބާސާގެ ކޯޗް ރޮނަލްޑް ކޫމަން ކޯޗެއްގެ ގޮތުގައި ކުރިމަތިލި ފުރަތަމަ މެޗެވެ. ރެއާލް މެޑްރިޑް މި މެޗާ ކުރިމަތިލީ، އެ ޓީމުގެ މިހާރުގެ ހޯމް ދަނޑު އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގައި ކުޅުނު ޖެހިޖެހިގެން ދެ މެޗުން ބަލިވުމަށް ފަހު އެވެ. އެހެންވެ މީޑިއާ އާއި އާންމުން ބުނަމުން ދިޔައީ ރެއާލްގެ ހާލަތު ގޯސްކޮށް އޮތް ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާންގެ މަގާމާ މެދު މީޑިއާއިން ސުވާލު އުފެއްދި އެވެ.
ނަމަވެސް މެޗުގައި ރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ރެއާލްގެ ފުރަތަމަ ލަނޑު އެ ޓީމުން ކާމިޔާބު ކުރީ މެޗު ފެށިގެން ފަސް ވަނަ މިނެޓްގަ އެވެ. ރެއާލްގެ ލަނޑު ކާމިޔާބު ކުރީ ފެޑްރީކޯ ވަލްވާޑޭ އެވެ. މިޑްފީލްޑުން އުފެއްދި ކޮމްބިނޭޝަންގައި އޭނާ ލަނޑު ޖެހީ ކަރީމް ބެންޒެމާ ތަނަވަސް ކޯށްދިން ފުރުސަތަކުންނެވެ.
ބާސާއިން ނަތީޖާ ހަމަހަމަ ކުރީ، ތިން މިނެޓް ތެރޭގަ އެވެ. ބާސާގެ ލަނޑު ކާމިޔާބު ކުރީ އުމުރުން 17 އަހަރުގެ އަންސޫމާން ފާޓީ އެވެ. އޭނާ ލަނޑު ޖެހީ ވިންގުން އަރައި ޖޯޑީ އަލްބާ ނަގައިދިން ބޯޅައިންނެވެ. ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖާހާނެ ރަނގަޅު ފުރުސަތެއް ތަނަވަސް ކޮށްފަ އެވެ. އެންމެ ފުރަތަމަ ޓޯނީ ކްރޫޒް ދިން ބޯޅައިން ބެންޒެމާއަށް ތަނަވަސްވި ބޯޅަ، ބެންޒެމާ ފޮނުވާލުމުން ބާސާގެ ކީޕަރު ނޯބާޓޯ ނެޓޯ ދިފާއު ކުރި އެވެ. އޭގެ ފަހުން މެސީއަށް ލިބުނު ބޯޅަ ނިއާ ޕޯސްޓަށް ފޮނުވާލުމުން ރެއާލްގެ ކީޕަރު ޓިބޯ ކޯޓްއާ ދިފާއު ކުރި އެވެ.
ދެ ވަނަ ހާފުގައި ރަނގަޅަށް ފެށީ ބާސާއިންނެވެ. އެ ޓީމުން ވަނީ ކުރީކޮޅު ނުރައްކާތެރި ދެ ހަމަލާ ފޮނުވާލާފަ އެވެ. މެޗު އެނބުރިގެން ދިޔައީ ވީއޭއާރް މެދުވެރިކޮށް ރެއާލްއަށް ލިބުނު ޕެނަލްޓީންނެވެ. އެ ޕެނަލްޓީ އަކީ ރެއާލްއަށް ލިބުނު ހިލޭ ޖެހުމުގައި، އޭރިއާ ތެރެއަށް އަރާ ހުރި ސާޖިއޯ ރާމޯސްގެ ޖޯޒީގައި ބާސާގެ ޑިފެންޑަރު ލެންގްލޭ ހިފެހެއްޓުމުންނެވެ. ޕެނަލްޓީން ރާމޯސް ވަނީ އޭނާގެ 100 ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
މެޗުގެ ފަހު ކޮޅުގައި ކޫމަން ވަނީ، ޑިފެންސިވް ކުޅުންތެރިންގެ ބަދަލުގައި އެ ޓޭކިން ކުޅުންތެރިން އަރުވާފަ އެވެ. މެޗުގެ ފަހު ކޮޅުގައި ބާސާގެ ކީޕަރު ނެޓޯ ވަނީ ކައިރިކައިރީގައި ނުރައްކާތެރި ސޭވްތަކެއް ކޮށްފަ އެވެ. ރެއާލްގެ ތިން ވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލުކަ މޮޑްރިޗް އެވެ. ރެއާލްގެ ރޮޑްރީގޯ ހޮއިސް ފޮނުވާލި ބޯޅަ ނެޓޯ ޗެލެންޖު ކުރުމުން ރޮޑްރީގޯ ވެއްޓުނެވެ. ބޯޅަ ލިބުނީ މޮޑްރިޗަށެވެ. އޭނާ ވަނީ ދެ ފަހަރަކު ކޮށްޓާލުމަށް ފަހު ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.