ބޭރު ކުޅިވަރު

ބާސެލޯނާގެ ކޯޗު ސްޕޭންގެ ގައުމީ ޓީމަށްދަނީ!

ސްޕޭނުގެ ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ސްޕޭނުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ސްޕެނިޝް ލީގުގައި މިރޭ ރާޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން އެންރީކޭ މިހެން ބުނީ އޭނާގެ ކުރިމަގާ ބެހޭގޮތުން ނޫސްވެރިން ސުވާލުކުރުމުންނެވެ.

"އަހަރެން މި ދައްކަނީ މިހާރުގެ ވާހަކައެއްނޫން. އަދި ކައިރި މުސްތަގްބަލެއްގެ ވާހަކައެއްވެސްނޫން. އަހަރެން ބޭނުން ކޮންމެވެސް ދުވަހަކުން ސްޕޭނުގެ ގައުމީ ޓީމުގެ ކޯޗަކަށްވާން،" އެންރީކޭ ބުންޏެވެ.

ގައުމީ ޓީމަށް 1991 އިން 2002 އަށް 62 މެޗު ކުޅެދިން ކުރީގެ މިޑްފީލްޑަރު ބުނީ ގައުމީ ޓީމުގެ މިހާރުގެ ކޯޗު ވިސެންޓޭ ޑެލްބޮސްކޭ އަށް ފަހު އެ މަގާމު ފުރަން ވެސް އޭނާ ޝައުގުރެވި ކަމަށެވެ.

އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ގައުމީ ޓީމުން ޑެލްބޮސްކޭ އިސްތިއުފާދޭނެ އެވެ. އޭނާގެ މަގާމަށް އެންރީކޭ އަކީ މިހާތަނަށް ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ވިސްނާފައިވާ ކޯޗެއްވެސްނޫނެވެ. ނަމަވެސް އޭނާގެ މިވާހަކަ އަށް ފަހު އެ ފުރުސަތު ފަހިވުން ގާތްކަމަށް މީޑިޔާތަކުން ބުނެ އެވެ.

ސްޕެނިޝް ލީގުގެ ހަތަރުވަނާގައި ބާސެލޯނާ މިވަގުތު އޮތްއިރު އެންރީކޭ އާއި ޓީމުގެ ތަރި ލަޔޮނަލް މެސީއާ މިދިޔަ ސީޒަނުގެ ކުރީކޮޅު މައްސަލަޖެހިފައިވާ ކަމަށްވެ އެވެ. ނަމަވެސް އެ ވާހަކަ ދެ ފަރާތުން ވެސް ދޮގުކުރި އެވެ.