ކުޅިވަރު

ވީއޭއާރުން ރިވިއު ކުރިއިރުވެސް ޕެނަލްޓީ ނުދިން

މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް، ޗެލްސީއަށް ލިބެންޖެހޭ ޕެނަލްޓީގެ ކޭސް ވީއޭއާރުން ރިވިއު ކުރުމަށް ފަހު ވެސް ޗެލްސީއަށް ޕެނަލްޓީ ނުދިން މައްސަލަ ފެންމަތި ކޮށްފި އެވެ.

މެޗުގެ 39 ވަނަ މިނެޓްގައި ޗެލްސީއަށް ލިބުނު ހިލޭ ޖެހުން ޔުނައިޓެޑްގެ އޭރިއާ ތެރެއަށް ނަގައިދިނުމުން ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕްލިކްއޭޓާ މަސައްކަތް ކުރީ އެ ބޯޅަ ބޮލުން ޖެހުމަށެވެ. އެހެން ނަމަވެސް ޔުނައިޓެޑްގެ ކެޕްޓަން، ހެރީ މެގްއާ ވަނީ އަޒްޕްލިކްއޭޓާގެ ކަރާއި ކޮނޑުގައި އެލިގަނެ އަޒްޕްލިކްއޭޓާ ދަނޑު މައްޗަށް ވައްޓާލާފަ އެވެ.

އެ މައްސަލަ މެޗުގެ ރެފްރީ މާޓިން އެއިޓްކިންސަންއަށް ފާހަގަ ނުވުމުން ވީއޭރް މެދުވެރިކޮށް މައްސަލަ ރިވިއު ކުރި އެވެ. އެހެން ނަމަވެސް ވީއޭއާރު މެދުވެރިކޮށް ބަލައިގެން ވެސް އެކަމުގައި ގޯހެއް ހިނގައި ޗެލްސީއަށް ޕެނަލްޓީއެއް ދޭން ޖެހޭ ވަރުގެ ކަމެއް ހިނގި ކަމަކަށް ރެފްރީގެ ވީއޭއާރް ޓީމަކަށް ނުފެނުނެވެ.

ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑް ވަނީ، އެ ހާދިސާއާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ވީއޭއާރުން އެ މައްސަލަ ބެލުމަށް ފަހު މައްސަލަ ނިންމާލި ގޮތް އަވަސް ކަމަށެވެ. އޭގެ ބަދަލުގައި އިތުރު ވަގުތު ނގައިގެން ރެފްރީ ސްކްރީން ކައިރިން އައިސް މައްސަލަ ބަލައި ލިނަމަ ރަނގަޅުވީސް ކަމަށް ލަމްޕާޑް ބުންޏެވެ.

"އަހަރެން ހީކުރީ އެއީ ސީދާ ޕެނަލްޓީއެއް ކަމަށް،" ލަމްޕާޑް ވާހަކަ ދެއްކި އެވެ. ކުޅުންތެރިޔާ ހިފެހެއްޓުން ބަލައިގަނެވިދާނެ ނަމަވެސް ކުޅުންތެރިޔާ ގައިގައި ލޮކްއެޅުވުމަކީ ކުރެވޭނެ ކަމެއް ނޫން."

ރޭގެ މެޗުގައި ޗެލްސީގެ ކީޕަރު އެޑްއާޑް މެންޑީ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ދެ ވަނަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ޔުނައިޓެޑްގެ މާކޯޝް ރަޝްފާޑް ފޮނުވާލި ނުރައްކާތެރި ބޯޅައެއް މެންޑީ ވަނީ ވެއްޓިގެންފައި ދިފާއު ކޮށްފަ އެވެ.

ރޭ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ނުކުތް ލިވަޕޫލް ވަނީ 2-1 މެޗު ކާމިޔާބު ކޮށްފަ އެވެ. ޝެފީލްޑަށް ލިބުނު ޕެނަލްޓީއެއްގައި އެ ޓީމުން ލީޑް ނަގާފައި ވަނިކޮށް ލިވަޕޫލުން މޮޅުވީ ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި ޝެފީލްޑްގެ ޕެނަލްޓީ ކާމިޔާބު ކުރީ ސަންޑާ ބާޖް އެވެ. ލިވަޕޫލުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 41 ވަނަ މިނެޓްގައި ރޮބާޓޯ ފިރްމީނޯ އެވެ. ދެ ވަނަ ހާފުގައި ސެޑީއޯ މާނޭ ތަނަވަސް ކޮށްދިން ފުރުސަތަކުން ޑިއޯގޯ ޖޮޓާ ވަނީ ލިވަޕޫލް މޮޅުކޮށްދިން ލަނޑު ކާމިޔާބު ކޮށްފަ އެވެ.