ލައިފްސްޓައިލް

27 އަހަރު ފަހުން މަންމަ ހޭއެރީ ދަރިފުޅުގެ ސަބަބުން

ޔުނައިޓެޑް އެރެބް އެމިރޭޓްސް މީހަކު 27 އަހަރު ކޯމާގައި އޮވެފައި ހޭ އަރައި މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް ސައޫދީގެ އަލްއަރަބިޔާ ނޫހުން ބުނެފި ވެއެވެ.

މުނީރާ އަބްދުﷲ ނަމަކަށް ކިޔާ މި މީހާ ހޭއަރާ ކަމުގެ ނިޝާންތައް ފުރަތަމަ ފެންނަން ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ. ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މުނީރާގެ ސިއްހަތަށް ވަނީ ވަރަށް އެދެވޭ ރަނގަޅު ބަދަލެއް އައިސްފަ އެވެ. އާއިލާ އާއެކު އާދައިގެ ދިރިއުޅުމެއް އުޅެވޭ ވަރަށް އޭނާގެ ހާލަތު ވަނީ ރަނގަޅުވެފަ އެވެ. މުނީރާގެ ވާހަކަ އަނެއްކާވެސް އަރަބި ގައުމުތަކުގެ ނޫސްތަކަށް މި އައީ ސައޫދީ އަރަބިޔާގެ ޕްރިންސަކު 15 އަހަރު ކޯމާގައި އޮތުމަށްފަހު ހޭ އަރާކަމުގެ ނިޝާންތަކެއް ފެނުމާ ގުޅިގެންނެވެ.

މުނީރާ ކޯމާއަށް ދިޔައީ 1991 ވަނަ އަހަރު އޭނާ އިން ކާރަކާއި ސްކޫލު ބަހެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުންނެވެ. މުނީރާ ކޯމާއަށް ދިއުމުން އޭނާގެ ފަރުވާއަށް ފާއިތުވީ އަހަރުތަކުގެ ތެރޭގައި އެތައް ހޮސްޕިޓަލަށް ބަދަލުކޮށްފައި ވެއެވެ. އޭނާ ރަނގަޅުވާނެކަމުގެ އުންމީދު ޑޮކްޓަރުންނަށް ވަރަށް ކުޑަނަމަވެސް މުނީރާގެ ދަރިފުޅު އުމަރު ވެބައިރު، 32، އަށް މަންމަ މުޅިން ރަނގަޅުވެދާނެ ކަމުގެ އުންމީދު އަބަދުވެސް އޮތެވެ.

ވެބައިރު ގަބޫލުކުރާ ގޮތުގައި މަންމަ އަށް ކޯމާއިން ހޭލެވުނީ ޖަރުމަނުގެ ހޮސްޕިޓަލެއްގައި މަންމަ އަށް ފަރުވާދޭން ބާއްވާފައި އޮތްއިރު ޑޮކްޓަރުންނާއި ވެބައިރު އާ ދެމެދު ކުރި ޒުވާބެއްގެ ތެރެއިންނެވެ. އެ ދުވަހު މަންމަގެ އަނގައިން ފުރަތަމަ ވެސް ނުކުތީ ވެބެއިރުގެ ނަމެވެ. އެކަމާ ވެބެއިރު ވަރަށް އުފާ ކުރެ އެވެ. އެހާ ގިނަ ދުވަސް ފަހުން ވެސް މަންމަ އޭނާ އަށް ފުރަތަމަ ވެސް ގޮވީމަ އެވެ. މުނީރާ އަށް 2017 އާ ހަމަޔަށް ފަރުވާ ދިނީ ވެސް ޔޫއޭއީގެ ހޮސްޕިޓަލު ތަކުންނެވެ. އިތުރު ފަރުވާއަށް ޖަރުމަނަށް އޭނާ ގެންދިޔައީ 2017 ގައެވެ.

ދަ ނެޝަނަލް ނޫހަށް ވެބެއިރު ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ މަންމަ ކޯމާއަށް ދިޔަ އެކްސިޑެންޓް ހިނގިއިރު ވެބެއިރުގެ އުމުރުން އެންމެ ހަތަރު އަހަރެވެ. އެ ވަގުތު ވެބެއިރު އިނީ މަންމަގެ އުނގުގައި ކާރުގެ ފަހަތު ސީޓުގަ އެވެ.
"މަންމަ އާއި ބޮޑުބޭބެ އަހަރެން ގޮވައިގެން ސްކޫލުން އެނބުރި ގެއަށް ދިޔަ މަގުމަތީގައި ކާރު އެކްސިޑެންޓްވީ. މަންމަ އިނީ އަހަރެން ގޮވައިގެން ކާރުގެ ފަހަތު ސީޓުގައި. އެކްސިޑެންޓްވުމާއެކު މަންމަ އަހަރެންގެ ގައިގައި އޮޅުލައިގަނެ އަހަންނަށް އަނިޔާއެއް ނުވާގޮތް ހެދީމަ އަހަރެންގެ ފުރާނަ ސަލާމަތްވީ،" ވެބައިރު ބުންޏެވެ.

އެކްސިޑެންޓްގައި ކުޑަ ކުޑަ ވެބައިރު އަށާއި ކާރު ދުއްވަން އިން އޭނާގެ ބޮޑުބޭބެ އަށް ލިބުނީ ވަރަށް ކުދިކުދި އަނިޔާ ތަކެކެވެ. ބޮޑަށް ގެއްލުންވީ ވެބެއިރުގެ މަންމަ މުނީރާ އަށެވެ. އޭރުއްސުރެ މުނީރާ އޮތީ ކޯމާ ގައެވެ.
ވެބެއިރުގެ އާއިލާ އަކީ ޔޫއޭއީގެ އާއިލާތަކުގެ ތެރެއިން އާދައިގެ ފެންވަރެއްގެ ދިރިއުޅުމެއް އުޅެމުން އައި އާއިލާ އެކެވެ. ނަމަވެސް ފައިސާގެ ދަތިކަމާއެކު ވެސް މަންމަގެ ފަރުވާ ހުއްޓާލަން އެންމެ ހިނދުކޮޅަކަށް ވެސް ވެބެއިރުގެ ހިތަކަށް ނާރަ އެވެ. ކޮންމެވެސް ދުވަހަކުން މަންމަ ހޭއަރާނެ ކަމުގެ ޔަގީންކަން ވެބެއިރުގެ އަބަދުވެސް އޮވެ އެވެ.
ފައިސާ ނެތުމުން ޔޫއޭއީގެ ބައެއް ޕްރިންސުންނަށް އެހީއަށް އެހި ވެބެއިރު ވަނީ ވަރަށް ގިނަ ސިޓީތައް ފޮނުވާފަ އެވެ. އަދި ޖަރުމަނީ އަށް ގެންގޮސް މަންމައަށް ފަރުވާ ދިނީ ވެސް އެގޮތުން ލިބުނު އެހީންނެވެ.

ވެބެއިރު ބޮޑުވީފަހުން އޭނާ އެންމެ ދުވަހެއް ވެސް މަންމަ ކައިރިއަށް ހޮސްޕިޓަލަށް ނުގޮހެއް ނުހުރެ އެވެ. ކޮންމެ ދުވަހަކުވެސް ހަތަރު ކިލޯމީޓަރުގެ ދިގު ރާސްތާއެއް ހިނގާފައި އޭނާ މަންމަ ކައިރިއަށް ދެއެވެ. އަދި އެތައް އިރެއް ވަންދެން މަންމަ ކައިރީގައި އިށީނދެގެން ވާހަކަ ދައްކަން އިނދެ އެވެ. ވެބެއިރު އަކަށް އެއް ވަޒީފާއެއްގައި މާ ގިނަ ދުވަހަކު ނުހުރެ ވެއެވެ. މަންމަ ކައިރީގައި ގިނަ ވަގުތު ހޭދަކުރަން ވެބެއިރު ބޭނުންވާތީ އެވެ.

"އަހަރެން އެކަމަކާ ހިތާމައެއް ނުކުރަން. އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެން މަންމައަށް އެހީތެރިވާތީ ﷲ އަހަރެން އެއަށް ވުރެ ބޮޑެތި މައްސަލަތަކުން ސަލާމަތް ކޮށްދެއްވާފައިވަނީ،" ވެބެއިރު ބުންޏެވެ.
މުނީރާގެ ފަރުވާގެ ބޮޑު ބައެއް ދެއްވާފައިވަނީ ޔޫއޭއީ ވަލީއަހުދެވެ. އޭޕްރީލް 2017 ގައި މުނީރާ ޖަރުމަނަށް ގެންގޮސް ދިން ފަރުވާއަށް ވަލީއަހުދު އެހީތެރިވެދެއްވި އެވެ.

އެހާ ގިނަ ދުވަހު އެނދުގައި ހަރަކާތެއް ނެތި އޮތުމުން މުނީރާގެ މަސްތަކުގެ ބާރު ކެނޑި ބަލި ވަމުންދާތީ ސާޖަރީ ހަދައިގެން މަސްތައް ވަރުގަދަ ކޮށްފައި ވެއެވެ. އަދިވެސް އިތުރު ފަރުވާތައް ޖަރުމަނުގައި މުނީރާ އަށް ދިނެވެ.
"ބަލިކަށިވަމުންދާ ގަހަކަށް ވެސް ރަނގަޅު ވެލިގަނޑެއް ލިބިއްޖެނަމަ އަލުން ރީތިކޮށް ހެދުމުގެ ފުރުސަތު ބޮޑުވާނެ. އަހަރެމެން މުނީރާ އަށް ވެސް ދިނީ މިފަދަ ފަރުވާއެއް،" މުނީރާ އަށް ފަރުވާދިން ޖަރުމަނު ޑޮކްޓަރު އަހުމަދު ރިޔީލް ވިދާޅުވި އެވެ. ޖަރުމަނުގައި ދިން ފަރުވާއިން މުނީރާގެ ސިއްހަތަށް ރަނގަޅު ބަދަލުތަކެއް އަންނަން ފެށި އެވެ. އަދި އަމިއްލަ ދަރިންނާއި ޑޮކްޓަރުން އުޅޭ ކަމުގެ އިހްސާސް މުނީރާ އަށް ކުރެވޭކަން ބަލަން ތިބޭ މީހުންނަށް ވެސް ހީވާން ފެށި އެވެ.

"އަހަރެން ޑޮކްޓަރުން ކައިރީ ބުނިން މަންމައަށް ވަރަށް އަވަހަށް ވާހަކަ ދެއްކިދާނެހެނޭ ހީވަނީ. ނަމަވެސް އޭރު ޑޮކްޓަރުން ވެސް އަހަރެންގެ ވާހަކަ ގަބޫލެއް ނުކުރޭ. އަހަރެން ހިޔާލީފޮލާ ކައްކަނީ ކަމަށް ޑޮކްޓަރުން އޭރު ބުނީ،" ވެބެއިރު ބުންޏެވެ.

ޖަރުމަނުގެ ހޮސްޕިޓަލެއްގައި މުނީރާ އަށް ފަރުވާ ދެމުންދިޔައިރު އެއް ދުވަހަކު މުނީރާ އޮތް ކޮޓަރީގައި ވަރަށް ވަރުގަދަޔަށް ޒުވާބެއް ހިނގި އެވެ. އެ ޒުވާބު ހިނގަނިކޮށް މަންމަގެ އަނގައިން ޒާތެއްގެ އަޑުތަކެއް ނުކުންނަ ކަން ވެބެއިރު އަށް ފާހަގަ ކުރެވުނެވެ. އޭގެ ތިން ދުވަސް ފަހުން އެއްރޭ ވެބެއިރު ނިދާފައި އޮވެފައި ހޭލެވުނީ މަންމަ އޭނާއަށް ގޮވާ އަޑަށެވެ.

"މަންމަގެ އަނގައިން ފުރަތަމަ ވެސް ނުކުތީ މަގޭ ނަން. އަހަރެން އުފަލުން ގޮސް ހަދާނެ ގޮތެއް ވެސް ނޭނގުނު. އެ ވަގުތުކޮޅަކީ އަހަރެންގެ ހަނދާން ހުންނަން ފެށީއްސުރެ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވީ ވަގުތުކޮޅުވީމަ،" ވެބެއިރު ބުންޏެވެ. ފަހުން ވެބެއިރު އާއި އާއިލާ މަންމަ ގޮވައިގެން އެނބުރި ޔޫއޭއީ އަށް ގޮސް ފަރުވާ ދޭން ފެށި އެވެ. މިހާރު 60 އަހަރުވެފައިވާ މުނީރާއަށް ދެނީ ފިޒިއޮތެރަޕީ އާއި ރިހެބިލިޓޭޝާން އެކަންޏެވެ.

ވެބެއިރު ބުނި ގޮތުގައި މަންމަގެ ވާހަކަ އޭނާ މުޅި ދުނިޔެއާ ޝެއާ ކުރީ ހަމަ އެންމެ މަގްސަދެއްގަ އެވެ. މިފަދަ ހާލަތަކަށް އާއިލާގެ މީހަކު ހިނގައްޖެނަމަ ނުވަތަ މިހާރުވެސް ގޮސްފައިވާނަމަ އެއްގޮތަކަށް ވެސް އެމީހަކު ރަނގަޅުވެދާނެކަމުގެ އުންމީދު ކަނޑާ ނުލުމަށެވެ. މިފަދަ ހާލަތަކަށް މީހަކު ދިޔަސް އެމީހަކު މަރުވީ ކަމަށް ގަބޫލުކޮށް މާޔޫސް ނުވުމަށެވެ. އެންމެ ފަހު ނޭވާޔާ ހަމަޔަށް ވެސް އޭނާ ރަނގަޅުވާނެކަމަށް އުންމީދު ކުރުމަށެވެ.