ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޝާރްޖާ ފުލުހުން އެދިގެން އެ ޝާރްޖާ ސޯޝަލް ސަޕޯޓް ސެންޓަރަށް ވަރަށް ތަފާތު މައްސަލައެއް ހައްލުކޮށްދޭން ޖެހުނެވެ. އެއީ އޭޝިއާ ދަރިކޮޅުގެ ޓީންއޭޖް ފިރިހެންކުއްޖަކު ފުލުހުންނަށް ހުށަހެޅި މައްސަލައެކެވެ. މި ކުއްޖާ ފުލުހުން ކައިރީ ބުނީ އޭނާގެ ބައްޕަ އޭނާއަށް އަނިޔާކޮށްފައި ގެއިން ނެރެލީ ކަމަށެވެ.
ސޯޝަލް ސަޕޯޓް ސެންޓަރުގެ ޑައިރެކްޓަރު، ކާނަލް މޯނާ ސުރޫރް ގަލްފުގެ ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި އެ ސެންޓަރެއް ވަރަށް ހައިރާންވާ ކަހަލަ ކޭސްތައް އަބަދު ލިބެ އެވެ. މި ހުރިހާ ކޭސްތަކެއް ވެސް ގުޅިފައި ހުންނަނީ ގޭމް ކުޅުމާ އެވެ.
އެގޮތުން 16 އަހަރުގެ ފިރިހެންކުއްޖާގެ ޕޮލިސް ސްޓޭޝަނަށް ހިނގާފައި އައިސް އޭނާގެ ބައްޕަގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ކާނަލް މޯނާ ވިދާޅުވި އެވެ. ފުލުހުން ކައިރި މި ކުއްޖާ ބުނީ އޭނާގެ ބައްޕަ އޭނާ ޕަބްޖީ ކުޅެން ހުއްދަ ނުދިން ކަމަށާއި ތަޅާ އަނިޔާ ކޮށްފައި ގޭން ބޭރުކޮށްލައިފި ކަމަށެވެ.
އޭނާއަށް ގޭމް ކުޅެން ލިބެން ޖެހޭނެ ކަމަށާއި އޭނާ ގޭމް ކުޅެގެން ލިބޭ އުފަލުން ބައްޕަ އޭނާ މަހްރޫމްކޮށްފައިވާ ކަމަށް ވެސް ކުއްޖާ ބުނެފައި ވެއެވެ. ގޭމް ކުޅުމަކީ އޭނާއަށް ލިބިގެންވާ ހައްގެއް ކަމަށާއި އެ ހައްގުން ބައްޕަ އޭނާ މަހްރޫމް ކޮށްފައިވާ ކަމަށް ވެސް މި ކުއްޖާ ޝަކުވާ ކުރި އެވެ.
މި ކުއްޖާ މައްސަލަ ޖެއްސުމުން ސޯޝަލް ސަޕޯޓް ސެންޓަރަށް ފުލުހުން ގުޅައި މި މައްސަލަ ރިޕޯޓު ކުރި އެވެ. އެ ސެންޓަރުގެ މީހުން އައިސް ކުއްޖާއާ ވާހަކަ ދެއްކުމަށްފަހު އެ ކުއްޖާގެ ބައްޕައަށް ގުޅައިގެން ބައްޕަ ވެސް ގެނުވި އެވެ.
ކުއްޖާގެ ބައްޕަ ބުނީ ކުއްޖާ ނުކިޔަވައި އަބަދު ގޭމް ކުޅެނީ ކަމަށެވެ. އަދި ވީޑިއޯ ގޭމަށް ދެވި ހިފައި ކުއްޖާ ކިޔެވުމަށް އިހްމާލުވާ ކަމަށް ބައްޕަ ބުންޏެވެ. ދަރިފުޅު އަބަދު ގޭމް ކުޅެން އިންނާތީ އާއި ނުކިޔަވާތީ ދަރިފުޅުގެ މުސްތަގްބަލާ މެދު ވަރަށް ކަންބޮޑުވެފައިވާ ކަމަށް ވެސް އެ ކުއްޖާގެ ބައްޕަ ބުނި ކަމަށް ވެއެވެ.
ސޯޝަލް ސަޕޯޓް ސެންޓަރުގެ އޮފިޝަލުން ކުއްޖާއަށް ނަސޭހަތްދީ ބައްޕަ އޭނާ ދެކެ ވަރަށް ލޯބިވާ ކަމަށް ވިސްނައިދިނުމުން އެންމެ ފަހުން ކުއްޖާއަށް ވެސް މިކަން ވިސްނިގެން ބައްޕަގެ ކިބައިން މައާފަށް އެދި ދެބަފައިން ސުލްހަވެފައިވާ ކަމަށް ކާނަލް މޯނާ ވިދާޅުވި އެވެ.
ފުރާވަރުގެ ކުދިންނާ މުއާމަލާތްކުރާނެ ރަނގަޅު ގޮތްތައް ފުލުހުން މި ކުއްޖާގެ ބައްޕައަށް ވެސް ކިޔައިދީ ވިސްނައިދީފައި ވެއެވެ. ޚާއްސަކޮށް މި އުމުރުފުރާގެ ކުއްޖަކަށް އަނިޔާކޮށް ހެދުމުން އެ ކުއްޖާގެ އުޅުމަށް އަތުވެދާނެ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމަށް ކުއްޖާގެ ބައްޕައަށް ވިސްނައިދިން ކަމަށް މި ރިޕޯޓުގައި ފާޙަގަ ކޮށްފައި ވެއެވެ.