ކުޅިވަރު

އަޔެކްސްއިން 13 ލަނޑުން ވެންލޯ ބަލި ކޮށްފި

ޑަޗް ލީގްގައި ވީވީވީ ވެންލޯގެ މައްޗަށް އެންމެ ފަހުގެ ޗެމްޕިއަން އަޔެކްސް 13-0 ން މޮޅުވެ ޑަޗް ލީގްގައި އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި ރެކޯޑް ހަދައިފި އެވެ.

އަޔެކްސްގެ 13 ލަނޑުގެ ތެރެއިން ނުވަ ލަނޑު އެ ޓީމުން ކާމިޔާބު ކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފުގެ ބޮޑުބައެއް ވެންލޯއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެ ޓީމުގެ ކްރިސްޓިއަން ކުމްއަށް މެޗުގެ 51 ވަނަ މިނެޓްގައި ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލަފަ އެވެ.

ލަސިނާ ޓްރައޯރޭ ވަނީ ފަސް ލަނޑު ޖާހަފަ އެވެ. ޔާގަން އެކެލެންކޭމްޕް އަދި ޖޭން ކްލާސް ހަންޓެލާ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖާހަފަ އެވެ. ހަންޓެލާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އަނެއް ހަތަރު ލަނޑު ކާމިޔާބު ކުރީ ޑެލީ ބްލިންޑް، ލިސަންޑާރޯ މާޓިނޭޒް އަދި އެންޓޮނީ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އެރިކް ޓެން ހޭގް ބުނީ، ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ދަހިވެތި ކަމަކީ ފާހަގަ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"މިއީ ވަރަށް ރަނގަޅު ނަތީޖާއެއް 13-0 އެއީ އާ ރެކޯޑެއް،" ޓެން ހޭގް ބުންޏެވެ. "ވެންލޯ އަކީ ވަރުގަދަ ޓީމެއް އެ ޓީމުން މިހާތަނަށް ސާބިތު ކޮށްދީފި އެ ޓީމަކީ ރަނގަޅު ނަތީޖާތަކެއް ނެރެވޭ ފެންވަރުގެ ޓީމެއްކަން. މިސީޒަންގައި އެ ޓީމުގެ ފަރާތުން ފެނުނު ކުޅުމުން އެކަން ފާހަގަ ކުރެވޭ. މިއީ އަހަރެމެންނަށް ލިބުނު ބޮޑު ކާމިޔާބެއް. މިހާހިސާބަށް ދާން އަހަރެމެން ބުރަކޮށް މަސައްކަތް ކުރީ."

ވެންލޯ އޮތީ ޑަޗް ލީގްގެ 11 ވަނައިގަ އެވެ. އަޔެކްސް އޮތީ އެއް ވަނައިގަ އެވެ.