ބޭރު ކުޅިވަރު

މޮރީނިއޯ އިސްތިއުނާފަށް، އެމީހުން ބޭނުމީ އަހަރެންގެ އަނގަ ބަންދުކުރަން

އިނގިރޭސި އެފްއޭއިން އޭނާ 50000 ޕައުންޑުން ޖޫރިމަނާކޮށްފައިވާތީވެ އެކަން އިސްތިއުނާފު ކުރާނެ ކަމަށާއި އެފްއޭއިން އުޅެނީ އޭނާގެ އަނގަ ބަންދުކުރަން ކަމަށް ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މޮރީނިއޯ ޖޫރިމަނާކޮށް ސްޓޭޑިއަމަށް ވެސް ނުދެވޭ ގޮތަށް އެއް މެޗަށް ސަސްޕެންޑްކުރީ ސްވަންސީ އަތުން ޗެލްސީ ބަލިވި މެޗުގައި ރެފްރީ އަށް ފާޑުކިޔައިގެންނެވެ. އޭނާ ބުނީ ރެފްރީ ޗެލްސީ އަށް ޕެނަލްޓީ ނުދިނީ ކަމަށާއި އެއީ ފަހުން އެކަމަށް ޖަވާބުދާރީވެ، ފާޑުކިޔާފާނެތީވެ ބިރުން ކަމަށެވެ. ނަމަވެސް އެފްއޭއިން ބުނީ މިއީ މެޗު އޮފިޝަލުންނަށް ނުފޫޒު ފޯރުވުން ކަމަށާއި މޮރީނިއޯގެ އަމަލުތައް އިސްލާހުކުރަންޖެހޭ ކަމަށެވެ.

"މިއީ އަހަރެންގެ ހިޔާލުތައް ފާޅުނުކޮށް ހުއްޓާލަންވީ ވަގުތު. އަހަރެން މިހުރީ މިކަމާ ދެރަވެފައި. އަހަރެން ދެން އަންނަ ފަހަރު ވާހަކަ ނުދައްކާނަން. އެއީ ވަގުތުން ސްޓޭޑިއަމަށް ނުވަދެވޭ ގޮތަށް ސަސްޕެންޑްކުރާނެތީވެ. އަހަންނާދޭތެރޭ ކަންތައްވާގޮތް ބަލާ. ބައެއް މީހުންނަށް ޓެކްނިކަލް އޭރިޔާ ތެރޭގައި މީހުން ކޮށްޕާލެވޭ. އެކަން ހުއްދަ. އަހަރެން ކަމެއް ކުރީމަ، އެއްޗެއް ބުނީމަ އަބަދުވެސް ސަސްޕެންޑް،" އާސެނަލްގެ ކޯޗު އާސެން ވެންގާ އޭނާ ކޮށްޕާލުމުން އިނގިރޭސި އެފްއޭއިން އަދަބު ނުދިން ހާދިސާއަށް އިޝާރާތްކޮށް މޮރީނިއޯ ބުންޏެވެ.

ނަމަވެސް އޭނާ ބުނީ އިނގިރޭސި ފުޓްބޯޅަ ދެކެ އޭނާ ޝައުގުވެރިވާ ކަމަށާއި އެއީ ސްޓައިލާއި ސަޕޯޓަރުންގެ ސަބަބުން ކަމަށެވެ. އަދި 50000 ޕައުންޑުން އޭނާ ޖޫރިމަނާ ކުރުމަކީ ލަދުވެތި ކަމެއް ކަމަށާއި ސްޓޭޑިއަމަށް ނުވަދެވޭގޮތަށް ސަސްޕެންޑްކުރުމަކީ ހައިރާންވި ކަމެއް ކަމަށެވެ.

50000 ޕައުންޑަކީ މޮރީނިއޯގެ އަހަރީ އާމްދަނީ ކަމަށްވާ 13.3 މިލިއަން ޕައުންޑްގެ 0.33 އިންސައްތަ އެވެ. އަދި މިއީ އޭނާގެ އެއް ދުވަހާއި 10 ގަޑިއިރުގެ އުޖޫރަ އަށްވާ އަދަދެވެ.