ޑިސެމްބަރު މަހު ފަށަން ތާވަލު ކޮށްފައިވާ ފުޓްބޯޅައިގެ އާ ސީޒަނަށް ތައްޔާރުވާން، ކުލަބު ގްރީން ސްޓްރީޓުން އިއްޔަ ޕްރެކްޓިސް ފަށައިފި އެވެ.
ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 2016 ވަނަ އަހަރު ހޯދައި ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދި، ގްރީން ސްޓްރީޓް، ކުރިމަތިލަނީ ރާއްޖޭގެ އެންމެ ޓޮޕް ޑިވިޝަންގައި އެ ޓީމުގެ ހަތަރު ވަނަ ސީޒަނަށެވެ. މިދިޔަ ސީޒަންގެ ލީގްގެ ގަދަ ހަތަރެއްގައި ހިމެނުނު ޓީމަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.
މިދިޔަ ސިޒަންގެ ބޮޑު ބައެއްގައި އެ ޓީމަށް ކުޅުނު އަލީ އަޝްފާގް (ދަގަނޑޭ) އޭއެފްސީ ކަޕަށް ޓީސީއަށް ބަދަލުވި އެވެ. އަދި ދިވެހި ޕްރިމިއާ ލީގަށް ފަހު އެ ޓީމަށް ކޯޗް ކޮށްދިން ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗް އަލީ ސުޒޭން ވެސް ވަނީ އެ ޓީމުން ވަކިވެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗްގެ މަގާމާ ހަވާލުވެފަ އެވެ. ގާތް ގަނޑަކަށް ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ސުޒޭން މިއަހަރު ކުލަބު ފުޓްބޯޅައިން ނުފެންނާނެ އެވެ.
ދިވެހޮ ޕްރިމިއާ ލީގަށް ފަހު އެ ޓީމުގެ ކޯޗް ކަމާ ހަވާލުވީ ށ. ފޯކައިދޫ އަދި އއ. މާޅޮސްގެ ކުރީގެ ކޯޗް އަލީ ނިޝްތާރު މުހައްމަދެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން ކުރިމަތިލި ފުރަތަމަ މުބާރަތަކީ އެފްއޭ ކަޕެވެ. އެ މުބާރާތުގެ ކްއާޓާ ފައިނަލު މެޗުގައި މާޒިޔާއަށް ގްރީންގެ ކިބައިން ސަލާމަތް ވެވުނީ ކިރިޔާ އެވެ. ކޮރޮނާ ވައިރަސް އާ ގުޅިގެން ސީޒަން މެދުކަނޑަލުމަށް ފަހު ކުރިއަށް ނުގެންދަން އެފްއޭއެމުން ނިންމީ އެހާހިސާބުންނެވެ.
އާ ސީޒަނާ ކުރިމަތިލާއިރު ގްރީންގެ ޓީމުން މަދުވަނީ އަޝްފާގް އެކަންޏެއް ނޫނެވެ. މިޑްފީލްޑާ މުހައްމަދު އާރިފް (ބަކާ) އަދި ފޯވަޑް މުހައްމަދު އުމޭރު ވެސް ވަނީ ގްރީން ދޫކޮށްލާފަ އެވެ. ބަކާ ބަދަލުވީ ޔުނައިޓެޑް ވިކްޓަރީ އަށެވެ. އުމޭރު ބަދަލުވީ މާޒިޔާ އަށެވެ. އާ ސީޒަނަށް ގްރީންއާ ގުޅުނީ ޒުވާން ފޯވަޑް މުހައްމަދު ޖައިލަމް (އޮގީ) ޕާކިސްތާންގެ ކީޕަރު ސާގިބް ހަނީފް އަދި އަންސަރު އިބްރާހިމް (އަންކޮ) އެވެ. އަނިޔާގެ ސަބަބުން މިދިޔަ ސީޒަންގެ ބޮޑު ބައެއް ގެއްލުނު ކީޕަރު ލަބާން ޝަރީފްވެސް ވަނީ އިއްޔަ ޕްރެކްޓިހަށް ނުކުމެފަ އެވެ.
އާ ސީޒަނަށް ޕްރެކްޓިސް ފެށި ތިން ވަނަ ޓީމަކީ ގްރީން އެވެ. މީގެ ކުރިން މާޒިޔާ އަދި ކުލަބު ވެލެންސިއާ ވަނީ ޕްރެކްޓިސް ފަށާފަ އެވެ. ކޮވިޑް-19 ގެ ހާލަތު ކަމަށް ވުމުން، ކުލަބުތަކުގެ ޕްރެކްޓިސް ފެށީ އެޗްޕީއޭއިން އެކަމަށް ހުއްދަ ދިނުމުންނެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވެފައި ވަނީ، ގައުމީ ފެންވަރުގެ ޕްރެކްޓިސް ވަކި ގައިޑްލައިނަކުން ގެންދާނެކަން ހާމަ ކޮށް އެފްއޭއެމުން ތައްޔާރު ކުރި ގައިޑްލައިންއާ ބެހޭގޮތުން އެޗްޕީއޭ އާ މަޝްވަރާ ކުރުމުން އެ ގައިޑްލައިނާ އެއްގޮތަށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދޭން އެޗްޕީއެޗްޕީއޭއިން ނިންމީ ކަމަށެވެ. އެޗްޕީއޭގެ އޮފިޝަލް ވިދާޅުވެފައި ވަނީ ގައުމީ ފެންވަރުގެ ޕްރެކްޓިސް ފެށުމުގެ ހުއްދަ އެ އެތޯރިޓީން ދީފައި ވާނެ ކަމަށެވެ. އެހެންނަމަވެސް އާންމުކޮށް ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުން އަދިވެސް މަނާކޮށްފައި ވާނެކަން ފާހަގަ ކުރެއްވި އެވެ.
އެޗްޕީއޭ އާއި އެފްއޭއެމުން ކުރި މަޝަވްރާތަކުގައި، ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދިނުމަށް ނިންމީ މިމަހު ކުރީ ކޮޅު އެވެ. އެފްއޭއެމުން ވަނީ ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ހުއްދަ ހޯދުމަށް އެޗްޕީއޭގެ އިތުރުން ފުލުހުންނާއި ޔޫތު ސްޕޯޓްސް މިނިސްޓްރީއާއެކު ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ. ކުލަބުތަކަށް ޕްރެކްޓިސް ފެށުމުގެ ހުއްދަ ދިނުމާ ބެހޭގޮތުން އެފްއޭއެމުން ވަނީ މިއަހަރު މިހާތަނަށް ދެ މަރުހަލާއެއްގައި މުއައްސަސާތަކާއެކު މަޝްވާރާ ކޮށްފަ އެވެ.
އެންމެ ފުރަތަމަ މަރުހަލާއަކީ، އޭއެފްސީ ކަޕްގައި ރާއްޖެއިން ވާދަ ކުރާ ދެ ޓީމަށް ޕްރެކްޓިސް ފެށުމުގެ ހުއްދަ ދިނުމަށެވެ. އޭރުވެސް އެންމެ ފުރަތަމަ ޕްރެކްޓިސް ފެށީ މާޒިޔާއިންނެވެ. ކުރިން ހަމަޖެހިފައިއޮތީ، މި މަހު އޭއެފްސީ ކަޕް ފެށުމަށެވެ. އެހެންނަމަވެސް އޭއެފްސީ ކަޕް ކުޅޭ ގައުމުތަކުގެ ކޮވިޑް-19 ގެ ހާލަތު ގޯސްކޮށް އޮތުމުން އޭއެފްސީން މިދިޔަ މަހު ވަނީ އެ މުބާރާތް ކެންސަލް ކޮށްފަ އެވެ.