ބޭރު ކުޅިވަރު

ނޫސްވެރިން އުޅެނީ ރެއާލްމެޑްރިޑް ފަނިކޮށްލަން: ބެނީޓޭޒް

ނޫސްވެރިން މަސައްކަތްކުރަނީ ރެއާލް މެޑްރިޑް ފަނިކޮށްލަން ކަމަށް އެކުލަބުގެ ކޯޗު ރަފާ ބެނީޓޭޒް ބުނެފި އެވެ.

އުމުރުން މިހާރު 55 އަހަރުގެ ކޯޗު ރުޅިގަދަވީ ޓީމުގެ އެންމެ އަގުބޮޑު ދެ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގެރެތްބޭލް މައްސަލަޖެހިފައިވާ ކަމަށް މީޑިޔާތަކުން ރިޕޯޓްކުރުމުންނެވެ.

ނަމަވެސް ލިވަޕޫލާއި ޗެލްސީ އަދި އިންޓަމިލާނުގެ ކުރީގެ ކޯޗު ބުނީ ރެއާލް މެޑްރިޑުގެ ތެރޭގައި އެއްވެސް މައްސަލައެއްނެތް ކަމަށާއި ނޫސްވެރިން މަސައްކަތްކުރަނީ ފާޑުފާޑުވާހަކަ ދައްކައިގެން ޓީމުތެރޭގައި މައްސަލަ އުފައްދަން ކަމަށެވެ.

"މި މީހުން ހީކުރަނީ މިއީ ވައްތަރެއްގެ ފެޝަނެއް ކަމަށް. ވަރަށް ގިނަ ނޫސްތަކާއި އޮންލައިންތަކާއި ޓުވީޓްތައް އެބަހުރި އެކިއެކި ވާހަކަތައް ލިޔެފައި. މި ޒާތުގެ ވާހަކަ ލިޔެގެން (ނޫސް) ވިއްކާލުމަކީ ފަސޭހަކަމެއް. މި މީހުން ޝައުގުވެރިއެއްނުވޭ އަހަރުމެންގެ ތެރޭގައި ރަނގަޅަށް ހިނގާ ކަންކަމަށް. އަބަދުވެސް ކޮންމެވެސް ގޯސްކަމެއްގައި ހިފައިގެން އެކަމެއް ބޮޑުކޮށްލަނީ،" ސްޕެނިޝް ލީގުގައި މިރޭ ލެވަންޓޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބެޏީޓޭޒް ބުންޏެވެ.

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް މިވަގުތު އޮތީ 15 ޕޮއިންޓާއެކު ދެ ވަނާގަ އެވެ. އެއްވަނާގައިވަނީ 16 ޕޮއިންޓާއެކު ވިޔަރެއާލް އެވެ.