އިމްރާން އަބްދުﷲ

އިމްރާންގެ އިތުބާރު ނެތް މައްސަލަ އިދިކޮޅުން މަޖިލީހަށް ހުށައަޅަނީ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންނަށް މަޖިލީހަށް ވެއްދުމުގެ މަސައްކަތް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ފަށައިފި އެވެ.

ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޕީޕީއެމްއާ ޕީއެންސީން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ހީނާ ވިދާޅުވީ އިމްރާންގެ އިތުބާރު ނެތް މައްސަލައަށް މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޕީޕީއެމް އަދި ޕީއެންސީގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ނުވަ މެންބަރުންނެވެ. މަޖިލީހަށް ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅަން ބޭނުންވަނީ 10 މެންބަރެއްގެ ސޮޔެވެ.

ހީނާ ވިދާޅުވީ އެ އަދަދު ހަމަކޮށް މާދަމާ ރައްޔިތުންގެ މަޖިލީހަށް އިމްރާންގެ އިތުބާރު ނެތް މައްސަލަ ހުށައަޅާނެ ކަމަށެވެ. އިދިކޮޅުގެ މެންބަރަކު ވިދާޅުވި ގޮތުގައި އެ މައްސަލައަށް އެމްޑީޕީގެ ބައެއް މެންބަރުންވެސް ތާއީދުކުރައްވާނެއެވެ.

އެ މައްސަލަ މަޖިލީހަށް ހުށައަޅަނީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތަކާއި ގުޅިގެން ރޭ އިމްރާން ދެއްކެވި ވާހަކަތަކާއި މޭޑޭގެ ބޮޑު އެއްވުމުގައި އިމްރާން ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތަކަކީ ދޮގެއް ކަމަށާ އެ ރޭ ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަމަށް ވިދާޅުވުމުން އޭނާ ވަނީ ހޫނުފެނަށް ވެއްޓިފައެވެ. އަދި ކެންޔާގެ އަންހެން މީހާގެ ގާނޫނީ ވަކީލުން ވަނީ އިމްރާނަށް އިތުބާރު ނެތް ކަމަށް ވިދާޅުވެ އޭނާގެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއަކުން ދަންނަވާފައެވެ.

ދިވެހިރާއްޖޭގެ އަޑުން ރޭ ފޮނުވި ޕްރަގްރާމެއްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ސަފާރީގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން ނޫސްތަކުން ގެނެސްދިން ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. މުޅި އެ މައްސަލައަށް ބަލާއިރު ފުރަތަމަ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދޫކޮށްލުމުގައި އަމަލުކޮށްފައިވަނީ ހަމަޖެހިފައިވާ އުސޫލުތަކާއި މުޅީން އެއްގޮތަށް ނޫން ކަމަަށާ ނަމަވެސް އެއީ ރޭޕް ކޭސްއެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެ ރޭ ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަަމަށާ އެއީ އާންމުތަނެއްގައި ހުރެވެސް މީހަކު ކޮށްފާނެ ފަދަ ކަމެއް ކަމަށެވެ. އަދި ބައެއްގެ ތެރޭގައި އެކަން މީހަކު ކުރިނަމަވެސް އެއީ ހިނގި ކަމެއްކަން ނޭންގޭ ގޮތަށްވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމެއްކަން އާންމު ފޯރަމެއްގައި ދަންނަވަން ފަސޭހަ ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުވެސް އެ ވާހަކަތައް އަޑު އެހީމާ، އެ ވާހަކަތައް ފެތުރިގެން އައީމަ އަޅުގަނޑަށްވެސް ތަސައްވުރު ކުރެވުނީ ވަރަށް ބޮޑު ރޭޕް ކޭސްއެކޭ އެއީ މި އޮތީ އިނގޭތޯ. އެކަމަކު އެ މައްސަލަ ގޮސް ރަނގަޅަށް ބަލާލާ ކައިރިން ދެނެގަތީމަ... ދެން އަޅުގަނޑަށް މިކަހަލަ ތަނެއްގައި އެހާ ފަސޭހައެއް ނޫން ސީދާ އެ ހިނގާ އޮތް ކަންތައްތައް ނުވަތަ އެ އިބާރާތް ބުނާކަށްވެސް. އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގަވެސް ހުރެފަވެސް، ބައެއްގެ ތެރޭގައި ހުރަފަވެސް މީހަކަށް ކޮށްލެވޭނެ ކަމެއް ކުރެވޭ ކަހަލަ ކަމެއް ކުރިވާހައޭ މިއީ. އަދި ކުރީމަ ކަމެއް ކުރިކަންވެސް ނޭންގޭ ކަހަލަވެސް ކަމެކޭ ހިނގާފައި މި އޮތީ،" އިމްރާން ވިދާޅުވިއެވެ.