ކުޅިވަރު

އެވަޓަންގެ ފުރަތަމަ ބަލި، ލެސްޓާ އަތުން އާސެނަލް ވެސް ބަލި

ޖެމީ ވާޑީގެ ލަނޑުން ލެސްޓާ ސިޓީން 1-0 ން އާސެނަލް ބަލި ކޮށްފި އެވެ. އަދި ރޭގެ މެޗާ ހަމައަށް ލީގް ބަލި ނުވެ އޮތް ހަމައެކަނި ޓީމު އެވަޓަން ވަނީ ސައުތު ހެމްޓަން އަތުން 2-0 ން ބަލިވެފަ އެވެ.

ކުޑަކަޅުވާ މަސްގަނޑަށް ލިބުނު އަނިޔާއެއްގައި މިދިޔަ ދެ މެޗުގައި ކުޅެފައި ނުވާ ވާޑީ، ރޭގެ މެޗަށް ނުކުތ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ވާޑީ ލަނޑު ޖެހުމުގައި ޔޫރީ ޓައިލެމަންސް ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

އަމިއްލަ ހާފު ތެރޭގައި ހުރެފައި ޓައިލްމަންސް ވަނީ ލޯންގް ޕާހެއް ލެސްޓާގެ ޖެންގިޒް އުންޑާއަށް ތަނަވަސް ކޮށްދީފަ އެވެ. އެ ބޯޅަ ހިފައިގެން އަރައި އޭރިއާ ތެރެއަށް އެރި ވާޑީއަށް ބޯޅަ ތަނަވަސް ކޮށްދިނެވެ. ވާޑީ ވަނީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.

"މެޗުން މޮޅުވުމަށްޓަކައި ވަރަށް މޮޅު ގޯލެއް،" އަވޭ މެޗުތަކުގައި މޮޅު ވަމުން އަންނަ ލެސްޓާގެ ސިޓީގެ ކޯޗް ބްރެންޑެން ރޮޖާސް ބުންޏެވެ. "ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅޭއިރު އެންމެ މަތީ ލެވަލްގައި ކޮންސަންޓްރޭޝަން ގެންގުޅެން ޖެހޭ."

ބަލި ނުވުމުގެ ޓްރެކް ދަމަހައްޓަމުން އައި އެވަޓަން ރޭ ސައުތުހެމްޓަން އަތުން ބަލިވީ ޖޭމްސް ވާޑް ޕްރޯސް އަދި ޗޭ އެޑަމްސްގެ ލަނޑުތަކުންނެވެ. މެޗުގެ ފަހު 15 މިނެޓް ސައުތުހެމްޓަންއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އެ ޓީމުގެ ލޫކަސް ޑީންއަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. މެޗުން ބަލިވިއަސް އަދިވެސް އެއް ވަނައިގައި އޮތީ އެވަޓަން އެވެ. ލިވަޕޫލް އޮތީ ދެ ވަނައިގަ އެވެ. ލިވަޕޫލާއި އެވަޓަންއަށްވެސް ލިބިފައި ވަނީ 13 ޕޮއިންޓެވެ. އެވަޓަންއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެގެން ތާވަލުގެ ތިން ވަނަ އަށް ދިއުމަށް އުންމީދު ކޮށްގެން ތިބި ވޯލްވާ ހެމްޓަން ހުއްޓުވީ މެޗުގެ 89 ވަނަ މިނެޓްގައި ނިއުކާސަލްގެ ޖޭކޮބް މާފީ ކާމިޔާބު ކުރި ލަނޑުން އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނުމުންނެވެ. އޭގެ 10 މިނެޓް ކުރިން ވޯލްވްސްގެ ލަނޑު ކާމިޔާބު ކޮށްފައި ވަނީ ރައުލް ހިމެނޭޒް އެވެ.