ދުނިޔެ

ފަލަސްތީންގައި އިންތިފާލާއެއް ފެށެން ތައްޔާރުވެފައި!

އިޒްރޭލުގެ އަނިޔާވެރި ކަން އަނެއްކާވެސް އިތުރުވެފައިވާ މި ދުވަސްވަރު، ފަލަސްތީނުގެ އިންތިފާލާއެއް ފެށިދާނެ ކަމުގެ ކުލަވަރު މިދަނީ ފެންނަމުންނެވެ.

ފަލަސްތީނުގެ އާންމުންނާއި ސިޔާސީ ފަރާތްތަކާއި ހަތިޔާރުއެޅި ޖަމާއަތްތަކުން އަބަދުވެސް އިޒްރޭލުގެ އިސްތިއުމާރާއި ހަންފެތުރުމާއި ބިންތައް ހިފުމާއި ދެކޮޅަށް އެކި އެކި ހަރަކާތްތައް ހިންގައެވެ. މި ދެކޮޅު ހެދުންތަކަށް އިންތިފާލާ އެއްގެ ދަރަޖަ ދެވެނީ ދެކޮޅު ހެދުންތައް ވަރުގަދަވެ، މަސްރަހު ކެކި އުތުރި އަރަން ފެށުމުންނެވެ. އަދި އިޒްރޭލަށް އެކި ކަންކަމުގައި ދަތި ކުރުމާއި އެއްބާރުލުން ދިނުން ހުއްޓާލުމަކީ ވެސް އިންތިފާލާގެ ބައެކެވެ.

ފަލަސްތީނުން މިފަދަ އިންތިފާލާއެއް ފުރަތަމަ ފެށީ އަށާވީހަކަށް އަހަރު ކުރިން 1987 ގައެވެ. މި އިންތިފާލާ ހައެއްކަ އަހަރަށް ދެމިގެން ދިޔައެވެ. ފުރަތަމަ އިންތިފާލާގެ ފުރަތަމަ ކޮޅުގައި ފެނިގެންދިޔައީ ގާޒާއާއި ވެސްޓް ބޭންކުގެ މަގުތަކުގައި ބޭއްވި ބޮޑެތި މުޒާހަރާ ތަކާއި މަދަނީ ބަސްނޭހުމެވެ.

އެ އިންތިފާލާގެ ދުވަސްވަރު ފަލަސްތީނު މީހުން އިޒްރޭލުގެ އިދާރާތައް ބޮއިކޮޓް ކުރިއެވެ. އިޒްރޭލުން ހިފާފައިވާ ބިންތަކުގައި މަސައްކަތްކުރުން ހުއްޓާލިއެވެ. އެގައުމުގެ މުދާ ގަތުމާއި ބޭނުންކުރުން ހުއްޓާލިއެވެ. އިޒްރޭލަށް އެއްވެސް ބާވަތެއްގެ ޓެކްސްއެއް ދެއްކުމަށް ދެކޮޅު ހެދިއެވެ. އަދި އިޒްރޭލު ސިފައިންނަށް ކިޔަމަންތެރިވުން ދޫކޮށްލައި މުޒާހަރާތައް ވަރުގަދަކޮށް މަގުތައް ފުރާލިއެވެ. އިޒްރޭލުން މި ދެކޮޅު ހެދުންތަކުގެ ޖަވާބު ދިނީ އަށްޑިހަ ހާހެއްހާ ސިފައިން މަގުތަކަށް ނެރެގެންނެވެ. އެފަހަރު ފަލަސްތީނުގެ ދެ ހާހަށް ވުރެ ގިނަ މީހުން މަރުވިއެވެ. އިޒްރޭލުން މަރުވީ 160 މީހުންނެވެ. ފުރަތަމަ އިންތިފާލާ ނިމުމަކަށް އައީ ދެގައުމު އެއްބަސްވާ ކަންތައްތަކަކާ އެކު އެކުލަވާލެވުނު މަޝްހޫރު އޮސްލޯ އެއްބަސްވުމާ އެކުއެވެ.

ދެވަނަ އިންތިފާލާ ފެށުނީ 2000 ވަނަ އަހަރު އެވެ. ފަސް އަހަރަށް ދެމިގެން ދިޔަ މި އިންތިފާލާ އަށް އަލް އަގްސާ އިންތިފާލާ އޭ ވެސް ކިޔައެވެ. މި އިންތިފާލާގައި ވެސް ފުރަތަމަ އިންތިފާލާގެ ހުރިހާ ސިފަތަކެއް ހުއްޓެވެ. މަރުވި މީހުންގެ އަދަދު ފުރަތަމަ ފަހަރަށްވުރެ ގިނައެވެ.

އެފަހަރު ފަލަސްތީނުގެ 3000 މީހުން މަރުވިއިރު އިޒްރޭލުގެ ހާހެއްހާ މީހުން މަރުވިއެވެ. އަނިޔާވެރި ލީޑަރެއްގެ ގޮތުގައި އެރިއަލް ޝެރޯން މަޝްހޫރު ވެގެން ދިޔައީ މި އިންތިފާލާގައެވެ. ދެވަނަ އިންތިފާލާ ނިމުނީ ޝަރުމުއްޝޭހުގައި ދެގައުމުން މައްސަލަތަކުގައި ކޮންމެވެސް ވަރަކަށް ދޫދީ އެއްބަސްވުމަކާ ހަމައަށް އައުމުންނެވެ. އިންތިފާލާގެ ހާލަތުން ބޭރުވި ނަމަވެސް އެއަށްފަހު މިއަދާ ހަމައަށް ވެސް ދެގައުމުގެ މެދުގައި ސުލްހަވެރިކަމުގެ ފަނޑު ކުލަވަރެއްވެސް އަދި ނުފެނެއެވެ.

ދިހަ އަހަރު ފަހެވެ. ކުރީގެ ދެ އިންތިފާލާ ފެށުނު ދުވަސްވަރު ފެނުނު މަންޒަރުތާކާއި މިހާރު ފަލަސްތީނުން ފެންނަ ކަންކަމާ ވަރަށް އެއްގޮތެވެ. މިދިޔަ އަހަރު އިޒްރޭލުގެ ހަރުކަށިކަން އަނެއްކާވެސް މީން ދުވަހަކު ނުދާހާ މައްޗަށް ގޮސްފައި ވާއިރު ބައެއް ލިޔުންތެރިންނާއި އެކްޓިވިސްޓުން މިދިޔަ އަހަރު ފެށުނު ފަލަސްތީނުގެ ދެކޮޅުހެދުންތައް ސިފަ ކުރަނީ "ހިމޭން އިންތިފާލާ" އެއްގެ ގޮތުގައެވެ. ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ތިންވަނަ އިންތިފާލާއެއް ފެށިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ފަލަސްތީނުގެ ހަބަރުތައް ގެނެސްދޭ ފަރާތްތަކުން ސިފަ ކުރާ ގޮތުގައި މިހާރު އެގައުމުން ފެންނަނީ މީން ދުވަހަކު ނުފެންނަ ފަދަ މަންޒަރު ތަކެކެވެ. އެކި އުމުރުގެ، އެކި ސިޔާސީ ފިކުރުގެ ދެ ޖިންސުގެ މީހުން މަގުތަކަށް އެއްވެ މުޒާހަރާ ކުރަމުން ދަނީ އަމިއްލަ ހައިސިއްޔަތުންނެވެ.

ފަލަސްތީނުގެ އާންމުންގެ ތެރެއިން އިޒްރޭލު ސިފައިންނާ ކުރިމަތިލާ ޒުވާނުންނަކީ ކުރީގެ އިންތިފާލާތަކުގެ ތަޖުރިބާ ހުރި ބައެއް ނޫނެވެ. އަދި މިއީ ފަލަސްތީނުގެ ސިޔާސީ ލީޑަރުން އިސްނަގައިގެން، ރޭވިގެން ހިންގާ ސިޔާސީ ހަރަކާތް ތަކެއް ވެސް ނޫނެވެ. މިހާރު ފަލަސްތީނުގެ އާންމުން އެއްވެސް ރޭވުމެއް ނެތިވެސް އުތުރި އަރަމުންދާ ނިސްބަތަށް ބަލާއިރު، އެގައުމުގެ ލީޑަރުން މި އުތުރި އެރުން ތަކަށް އެއްބާރުލުންދީ "ހަކަތަ" އަޅަން ފަށައިފިނަމަ، ތިންވަނަ އިންތިފާލާއެއް ފެށުން އޮތީ ވަރަށް ކައިރީގަ އެވެ.